މީރާގެ ޖުލައިމަހު އާމްދަނީ 2.1 ބިލިއަން ރުފިޔާ

ހުސްވި ޖުލައިމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މީރާއިން ވިދާޅުވެފައިވަނީ އެއީ ފާއިތުވި އަހަރުގެ ޖުލައިމަހުގެ އާމްދަނީއަށްވުރެ 2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. މިއީ މިއަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 0.1 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް މިރާއިން ވިދާޅުވެފައިވެއެވެ.

ޖުލައިމަހު އެންމެބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ އިންނެވެ. ބީޕީޓީގެ ގޮތުގައި 934.50 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއިންނެވެ. ޖީއެސްޓީގެ ގޮތުގައި 519.13 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރަށް ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 348.21 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފަތުރުވެރިކަމަށް ބިންކުއްޔަށް ދޫކޮށްގެން 105.32 މިލިއަން ރުފިޔާއި، ގްރީން ޓެކްސްގެ ގޮތުގައި 44.03 މިލިއަންރުފިޔާ ލިބިފައިވެއެވެ. އޭގެ އިތުރަށް އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 177.60 މިލިއަން ރުފިޔާ ހިމެނެއެވެ. ޖުލައިމަހު ލިބުނު އާމްދަނީގެ ތެރޭގައި 47.4 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.