ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަކީ ފަސޭހައިން ބަލި ގަބޫލު ކުރައްވާނެ ބޭފުޅެއް ނޫންކަމަށް އެމްޑީޕީ ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޅ. ކުރެންދޫގައި ހުކުރުދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު 23 ގައި ވޯޓުފޮށްޓަށް ވޯޓުލުމަށްފަހު އެ މައިދާން ދޫކޮށް އެއްވެސް މީހަކު ގޮސްގެން ނުވާނެ ކަމަށެވެ. އެންމެން ގެއަށް ވަންނަންވާނީ ރައީސް ޔާމީން ވޯޓުފޮށިން ބަލިކޮށް އެމަނިކުފާނު ބަލި ގަބޫލު ކުރެއްވުމުން ކަމަށެވެ.
"ވޯޓުފޮށި ރަނގަޅަށް ބެލެހެއްޓިގެން ނޫނީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި މަކަރުވެރިކަމުން ސަލާމަތްވާނެ ކަމަށް ބެލެވޭކަށްނެތް. ނަތީޖާއިންވެސް އަޅުގަނޑުމެން މޮޅުވި ކަމަށްވެސް ދައްކައިފާނެ. އެހިސާބުން ވެސް އަޅުގަނޑުމެން މައިދާން ދޫކޮށްލައިގެން ނުވާނެ،" އަލީ ނިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން އަމިއްލަފުޅަށް ބަލި ގަބޫލުކުރައްވަންދެން އެއްވެސް މީހަކު ވޯޓުލާ މައިދާން ދޫކޮށްގެން ނުވާނެ ކަމަށެވެ. ރައީސް ޔާމީން ބަލި ގަބޫލު ކުރައްވަންދެން އެންމެންވެސް ތިބެންވާނީ މަގުމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ވޯޓުލާ ނިމުމަށްފަހު ރައީސް ޔާމީން ޓީވީ ކުރިމައްޗަށް އަރުއްވައި ތިމަންނާ ބަލި ގަބޫލު ކުރައްވައިފީމޭ ވިދާޅުވުންނޫން ގޮތަކަށް ތިޔަބޭފުޅުން ވޯޓުލާ މަރުކަޒުތައް ދޫކުރައްވައިގެންނުވާނެ. އޭނާއަކީ ފަސޭހައިން ބަލި ގަބޫލުކުރައްވާނެ ބޭފުޅެއްނޫން. އެކިގޮތްގޮތަށް މަސައްކަތް ކުރައްވާނެ،" އަލީ ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ކެންޕޭން ދަތުރުތަކުގައި މިހާތަނަށް 63 ރަށަކަށް ޒިޔާރަތް ކުރިއިރު އެނގިގެންދިޔައީ ރައްޔިތުން ބޭނުންވަނީ މައިގަނޑު ފަސް ކަމެއް ކަމަށެވެ. އެއެއް ކަމަކީ އިންސާފެވެ. ފުލެޓް ބެހިޔަސް، ބޭސްފަރުވާގައިވެސް ތަރައްގީގެ މަޝްރޫއު ތަކުގައިވެސް އުންސާފުނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަން ކުރަން އަންނަ ސަރުކާރަކީ އޯގާތެރި ސަރުކާރަކަށްވުމާއި، "ޖާޒީރާ ދިރިއުޅުމަކާއި" އިޖުތިމާއި ރައްކާތެރިކަމާއި އަމިއްލަ ކަންކަން ނުކުރެވޭވަރުގެ މީހުންގެ ކަންކަން ދައުލަތުން ބަލަހައްޓައި ދިނުމަށް ރައްޔިތުން އެދޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ރާއްޖެ ތަރައްގީކޮށްދެއްވުމާއި އަމިއްލަ ހަލާލު މަސައްކަތުން އާމްދަނީ ލިބޭނެ މަގު ތަނަވަސް ކޮށްދެއްވުމަށް ރައްޔިތުން އެދޭ ކަމަށް ވިދާޅުވިއެވެ.