ރައްޔިތުންގެ މަންފާއަށް ޓަކައި ވެރިކަން ދޫކޮށްލެއްވުމުގެ ހިތްވަރު ރައީސް ޔާމީންގެ ކިބައިގައި ވެސް ހުންނަންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުންގެ މަންފާއަށްޓަކައި ވެރިކަން ދޫކޮށްލެއްވުމުގެ ހިތްވަރު ރައީސް ޔާމީންގެ ކިބައިގައިވެސް ހުންނަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ދިވާޅުވެފައިވަނީ އިޔޫ އިން އަޅާ ފިޔަވަޅުން ރައްޔިތުންނަށް ނުހަނު ގެއްލުންވާނެ ކަން ރައީސް ޔާމީން އަށް އެނގިވަޑައިގަންނަވާނެ އެވެ. ނަޝީދުގެ ޓުވީޓުގައި ބުނެފައިވަނީ ރައީސް ޔާމީނާއި އެމަނކުފާނަށް ވުރެ ރާއްޖެ މާ މުހިއްމެވެ. ވެރިކަމުގެ ލައްޒަތާއި އަރާމަކި ހުރިހާ އެއޗެއް ނޫނެވެ. އަދި ރައްޔިތުންގެ މަންފާއަށް ޓަކައި ވެރިކަން ދޫކޮށްލެއްވުމުގެ ހިތްވަރު ރައީސް ޔާމީނުގެ ކިބައިގައިވެސް ހުންނަން ޖެހޭނެއެވެ.

ނަޝީދުގެ ޓުވީޓު:

ނަޝީދުގެ ޓުވީޓުން ދޭހަވަނީ ނަޝީދު ވެސް ވެރިކަން ދޫކޮށްލެއްވީ ރައްޔިތުންގެ މަންފާއަށްޓަކައި ކަމެވެ. ނަމަވެސް ވެރިކަން ދޫކޮށްލެއްވުމަށްފަހު 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވިއެވެ. އަދި ދާދި ފަހަކާ ޖެހެންދެން މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ކެމްޕޭން ކުރައްވަމުން ގެންދެވިއެވެ. އެމަނިކުފާނު ރިޔާސީ ޓިކެޓު ދޫކޮށްލެއްވުމުން ރިޔާސީ ޓިކެޓު ދީފައިވަނީ އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިޙް އަށެވެ. އެމްޑީޕީ އާއި ޖޭޕީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ ޓީމުން އިއްތިހާދުވެފައިވީ ނަމަވެސް އަދިވެސް އިދިކޮޅުން ރަނިން މޭޓަކު ދެއްކިފައެއް ނުވެއެވެ. ރަނިން މޭޓަކު ހޮވަނީ ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީއިން ހޮނިހިރު ދުވަހުގެރޭ ރަނިން މޭޓަކު އިއުލާން ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ވަނީ އިއްޔެ ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. ޝަހީމް އަށް އަމާޒުކޮށ ވެސް ޓުވީޓު ކުރައްވާފައެވެ. މި ޓުވީޓާ ގުޅިގެން ގިނަބަޔަކުވަނީ ސާބިތު ނުހިފޭ ވާހަކަ ނުދެއްކެވުމަށް ނަޝީދުގެ ކިބައިން އެދިފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.