ދެވަނަ ބުރަކަށް ދާންޖެހިއްޖެއްޔާ އެއްވެސް ކޮޅަކަށް ނާރާނަން: އުމަރު

ޢުމަރު ނަސީރު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއެކު

މިއަހަރު ފަހުކޮޅު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ކަމަށްވާނަމަ ރައީސް ޔާމީން ފަޅިއަށްވެސް އަދި ރައީސް ނަޝީދު ފަޅިއަށްވެސް ނާރުއްވާނެ ކަމަށް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ކޮންމެ ކެންޑިޑޭޓަކަށްވެސް ކާމިޔާބުވެފައިވަނީ ތިންވަނަ ފަރާތެއްގެ އެހީތެރި ކަމާއެކުގައި ކަމަށެވެ. އެއީ ގާސިމް އިބްރާހީމް ނުވަތަ ޖުމްހޫރީ ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް އޭނާ އެއްވެސް ފަޅިއެއް ނުނަންގަވާ ކަމަށާއި މިފަހަރުވެސް އަމަލު ކުރައްވާނީ އެގޮތަށް ކަމަށެވެ.

"އެކަމަކު އެގޮތަށް އަމަލު ކުރައްވާނީ ދެވަނަ ބުރުގައި ރައީސް ނަޝީދާއި ރައީސް ޔާމީން ވާދަ ކުރައްވާނަމަ. މިހެން ބުންޏަސް ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް އަޅުގަނޑު ނުދެކެން،" އުމަރު ވިދާޅުވިއެވެ.

އުމަރު އެހެން ވިދާޅުވިޔަސް ރައީސް ނަޝީދު ގެންދަވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެ ކެންޕޭން ވެސް ފަށައިފިއެވެ.

އެމްޑީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހު ހަމަވާނެއެވެ. އަދި ބައިވެރިވި ބޭފުޅުންގެ ނަންތައް ހޯމަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް އެޕާޓީން މިއަދު ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.