
ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ނިމިގެންދިއަ ޓޫރިޒަމާއި ބެހޭ ފެއާ ވަރަށް ކާމިޔާބުކަމަށް ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ މަޓާތޯއިން ބުނެފިއެވެ.
ރިޔާޟު ޓްރެވަލް ފެއާއާ ބެހޭގޮތުން މަޓާޓޯއިން ބުނީ މިމަހުގެ ބާރައިން، ފަނަރައިގެ ނިއަލަށް ކުރިއަށްގެންދިއަ ފެއާގައި މަޓާޓޯގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބައިވެރިވެފައިވާކަމަށެވެ. މި ފެއާގައި ފަންސާށް ފަސް ޤައުމަކުން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ދުއިއްސައްތަ ފަންސާހަށްވުރެ ގިނަ ކުންފުނިތައް ބައިވެރިވެފައިވާކަމަށް މަޓާޓޯއިން ފާހަގަކުރިއެވެ.
މަޓާޓޯއިން ބުނީ މި ފެއާގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރުމަށް އެކިއެކި ކެމްޕެއިންތައް ކުރިއަށްގެންގޮސްފައިވާކަމަށެވެ. މަޓާޓޯއިން ބުނީ މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ އަކީ ފާހަގަކޮށްލެވޭ ޤައުމެއްކަމަށާއި، ސައުދީ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށިގެންދިއުމަކީ ކުރިއަށްއޮތްތަނުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާނޭ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނޭކަމެއްކަމަށް މަޓާޓޯއިން ފާހަގަކުރިއެވެ.