އައްޑޫސިޓީ ހިތަދޫ އެގާރަ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ފަށައިފިއެވެ.
ހައުސިންމިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އަމަން އަލީ ވިދާޅުވީ އެ މަސައްކަތް ފަށައިފައިވަނީ މިއަދު ކަމަށެވެ. މިއަދު ފަށައިފައިވަނީ މަގުތައް ލެވެލް ކުރުމާއި ޖަންކްޝަން ބަހައްޓާނެ ސަރަހައްދުތައް ކޮނެ އެބެހެއްޓުމުގެ މަސައްކަތެވެ.
މި މަސައްކަތްތައް ނިމި ތާރުއަޅަން ފަށާނެ ދުވަހެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. އައްޑޫސިޓީގައި ޖުމްލަ 19 މަގެއްގައި ތާރު އެޅުމަށް ނިންމަވައި އެކަން އިއުލާން ކުރައްވައިފައިވާތާ ދުވަސްވެއްޖެއެވެ. އަދި ދެތިން ފަހަރެއްގެ މަތިންވަނީ އެމަސައްކަތް ފަށާނެ ތާރީޚުވެސް އިއުލާން ކުރައްވައިފައެވެ.
ހައުސިން މިނިސްޓްރީން އެންމެ ފަހުން ވިދާޅުވެފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއަށް މަގުތައް ކޮނުމާއި މުވާސަލާތީ ޚިދުމަތްތައް ދޭ ކުންފުނިތަކުން ވެސް އެކި ބޭނުންތަކަށް މަގުތައް ކޮންނަމުންދާތީ ތާރު އެޅުމުގެ މަސައްކަތް ލަސްވަމުންދަނީ ކަމަށެވެ. އެ މަސައްކަތްތައް ނިމުނުހާ އަވަހަށް ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ކުރިންވަނީ ވިދާޅުވެފައެވެ.