ބަޑިގުދަނުގެ ތަޅުދަނޑި އިބޫއާ ހަވާލުކޮށްގެންވާނީ ފައިދާ: ޑރ. ހުސައިން

ރާއްޖެއަށް ވެރިއަކު ހޮވަން އުޅެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައިދޭން ކަމަށާއި އެފަދަ ކަމަކަށް އެންމެ އެކަށީގެންވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ކަމަށް ޖުމްހޫރީޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫ ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރޭ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ އިބޫއަކީ އިޚުލާސްތެރި އަމާނާތްތެރިއެއް ކަމަށެވެ.

ރާއްޖެއަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހޯދައިދޭނެ ރައީސަކު ހޯދަން މަސައްކަތް ކުރާ މިދަނޑިވަޅުގައި ދިވެހިރައްޔިތުންގެ ތެރެއިން އެންމެ އިތުބާރު ކުރެވޭ އެއްބޭފުޅަކީ އިބޫ ކަމަށް ވެސް ޑރ. ހުސައިން ވިދާޅުވިއެވެ.

"އިބޫއާ ބަޑިގުދަނުގެ ތަޅުދަނޑި ހަވާލުކޮށްގެން ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ބަޑިގުދަނުގެ ތަޅުދަނޑި އެމަނިކުފާނާ (އިބޫ) ހަވާލުކޮށްގެން އަޅުގަނޑުމެންނަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ. އަޅުގަނޑުމެންނަށް ލިބޭނީ ފައިދާ. އަޅުގަނޑުމެންގެ ސަލާމަތްތެރި ކަމާއި ރައްކާތެރިކަން އިބްރާހީމް މުހައްމަދު ސާލިހުގެ ފަސް އަހަރުގެ ދައުރުގައި ބަލަހައްޓަވާނެ ކަމާމެދު އަޅުގަނޑު ކުޑަވެސް ޝައްކެއް ނުކުރަން،" ޑރ. ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިބޫއަކީ ތަފާތު ފިކުރުތަކުގެ މީހުންނާ ގުޅިގެން މަސައްކަތް ކުރައްވަން ދެނެވަޑައި ގަންނަވާ، ރަށްފުށުގެ ދިރިއުޅުމަށް ފަރިތަ ބޭފުޅެއް ކަމަށެވެ. އަދި އެއްވެސް މީހަކު ބާކީނުކޮށް މީހުންނާ ގުޅިގެން މަސައްކަތް ކުރައްވަން ވެސް އިބޫ ދެނެވަޑައިގަންނަވާނެ ކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ.

"އެހެންވީމާ ތިޔަ ބޭފުޅުންނަށް މިދަންނަވަނީ އެއްވެސް ޖެހިލުމެއްނެތި އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓު ދެއްވާށޭ،" ޑރ. ހުސައިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.