ރަބަރޭ މަރާލަން ފަންޑުކުރީ ދިވެއްސެއް - ފުލުހުން

rabarey

2015 އަހަރުގެ ނޮވެމްބަރު 05 ވަނަ ދުވަހު، ޝްރީލަންކާގައި، ހ. ހަންޑްރެޑް ފްލާވަރ، ޙުސައިން ރަޒީން (29އ)، މަރާލީ މާލޭގައި ހުރި ދިވެއްސަކު ފައިސާ ދޭން އެއްބަސްވެގެންކަން ތަޙްޤީޤަށް ކަށަވަރު ވެފައިވާ ކަމުގައި ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ޗީފް އެސްޕީ މުޙައްމަދު ރިޔާޒް ވިދާޅުވީ މި މައްސަލާގައި 2016 އޭޕްރީލް 12 ވަނަ ދުވަހު 28 އަހަރުގެ ދިވެހި ފިރިހެނަކު ރާއްޖެއިންހައްޔަރުކޮށް ތަޙްޤީޤު ކުރަމުންދާ ކަމަށާއި ހައްޔަރުކޮށްފައިވާ މީހާއަކީ ޙުސައިން ރަޒީން މަރާލަން ފައިސާ ޚަރަދު ކުރި މީހާކަން ތަޙްޤީޤަށް ކަށަވަރު ވެފައިވާކަމަށެވެ. މިގޮތުން، ޙުސައިން ރަޒީން މަރާލުމަށްފަހު ވޭން ތެރޭގައި ނަގާފައިވާ ފޮޓޯތައް ރާއްޖެއިން ހައްޔަރު ކުރި މީހާގެ ފޯނަށް ވަގުތުން ފޮނުވާފައިވާކަން ފޮރެންސިކް ތަޙްލީލުތަކުން އެގިފައިވާކަމަށާއި އަދި ޖެހިގެން އައިދުވަހު ހެނދު ފޮޓޯ އަލުން ފޮނުވުމުން، ކުޑައިރުކޮޅެއްގެ ތެރޭގައި ޙުސައިން ރަޒީން މަރާލިކަމުގެ ތުހުމަތުގައި ޝްރީލަންކާގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ ބެންކް އެކައުންޓަށް މާލެއިން ހައްޔަރުކޮށްފައިވާ މީހާ ފައިސާ ޓްރާންސްފަރ ކޮށްފައިވާކަންވެސް ތަޙްޤީޤަށް ހޯދިފައިވަން މުޙައްމަދު ރިޔާޒް ފާހަގަ ކުރެއްވިއެވެ.

މިމައްސަލާގައި މިހާތަނަށް ޝްރީލަންކާގެ ފުލުހުންވެސް މީގެ ކުރިން ގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައިވާކަމަށާއި މައްސަލަ ތަޙްޤީޤު ކުރުމުގައި ދިވެހި ފުލުހުންގެ ފުރިހަމަ އެހީތެރިކަން ޝްރީލަންކާގެ ފުލުހުންނަށް ދެމުންދާކަމުގައި މުޙައްމަދު ރިޔާޒް ވިދާޅުވިއެވެ. އަދި މި މައްސަލާގައި ދެޤައުމުގައި ހައްޔަރުކުރެވިފައިވާ މީހުންގެ ތަޙްޤީޤަށް ލިބިފައިވާ ހެކި ޤަރީނާ ބަދަލުކުރުމާއި ދެގައުމުގައި ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތް ކުރިޔަށް ގެންދާނެގޮތަކާއި މެދު މަޝްވަރާ ކުރަމުންދާކަމަށްވެސް މުޙައްމަދު ރިޔާޒް ވިދާޅުވިއެވެ.

ޙުސައިން ރަޒީން މަރާލި މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ރާއްޖެއިން ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ކްރްމިނަލް ކޯޓުން ވަނީ ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.