އދ. ދިއްދޫގައި ޕޮލިސް ޕޯސްޓެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ލިބި ދިނުމާބެހޭގޮތުން އެރަށު ކައުންސިލުން ކޮމިޝަނަރ އޮފް ޕޮލިސް އާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މިމަހުގެ 14 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި އޮތް މިބައްދަލުވުމުގައި އދ. ދިއްދޫ ކައުންސިލުން ވަނީ އެރަށުގައި ލޯކަލް ޓުވަރިޒަމް ފުޅާ ކުރަން ބޭނުންވާ ކަމަށާއި އެކަން ކުރާއިރު ފުލުހުން އެރަށުގައި ތިބުމަކީ މުހިއްމު ކަމެއް ކަމަށް ކައުންސިލުން ދެކިވަޑައިގަންނަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަށް ދަންނަވާފައެވެ. މިހެންކަމުން އެރަށުގައި ޕޮލިސް ޑެސްކެއް ބަހައްޓައި ދިނުމަށާއި އެކަމަށް ބޭނުންވާ ޢިމާރާތާއި ވަޞީލަތް ކައުންސިލުން ހަމަޖައްސައި ދެއްވާނެކަން ކައުންސިލުން ކޮމިޝަނަރ އޮފް ޕޮލިސް އަށް ދެންނެވިއެވެ.
އދ. ދިއްދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި އެރަށަކީ ޖިނާޢީ ކުށްތައް ގިނަ ރަށަކަށް ނުވިނަމަވެސް ފުލުހުންގެ ޚިދުމަތް އެރަށުގައި ޤާއިމްވެ ފުލުހުން އެރަށުގައި ތިބުމުގެ މުހިއްމުކަން ރައްޔިތުންނާއި ކައުންސިލުން ދެކޭ ކަމަށެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް ފުލުހުންގެ ޚިދުމަތް އެންމެ ގާތުން ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. އަދި ޚާއްޞަކޮށް އެކަމަށް އިސްކަންދީގެން މިއަދުގެ ސަރުކާރުންވެސް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާކަން ކޮމިޝަނަރ އޮފް ޕޮލިސް ހާމަ ކުރެއްވިއެވެ. ނަމަވެސް ކޮންމެ ރަށެއްގައި ފުލުހުން ބައިތިއްބާނަމަ ފުލުހުންގެ ޚިދުމަތަށް އިތުރު މީހުން ލިބުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މީހުންނާ ވަޞީލަތް ހުރި ވަރަކުން ރަށްރަށަށް ޚިދުމަތް ފުޅާ ކުރުމަށް އަބަދުވެސް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އދ. ދިއްދޫގައި ފުލުހުންގެ ޕޯސްޓެއް ޤާއިމް ކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑް މެދުވެރިކޮށް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް އާއި، ސާވިސަސް ސަޕޯޓް ޑައިރެކްޓްރޭޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ކޮމިޝަނާސް ބިއުރޯގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމައްނާނު ޔޫސުފް އާއި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނު އާއި އެގްޒެކެޓިވް ސާވިސަސް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝަހީމް އާއި އއ. ދިއްދޫ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.