ކުށްމަދުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ވިލިމާލޭގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއެކު މަޝްވަރާކޮށްފި

VilimalePoliceMeeting

ވިލިމާލެއަކީ ކުށްމަދު، އަމާން ރައްކާތެރި އަވަށެއްގެގޮތުގައި ބޭއްވުމަށް ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ވިލިމާލޭގައި ހުންނަ ސަރުކާރުގެ އޮފީސް ތަކާއި ކުންފުނިތައް ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގިދާނެ ހަރަކާތްތަކާއި ބެހެގޮތުން މަޝްވަރާކޮށްފިއެވެ.

ފާއިތުވި މާރޗް މަހުންފެށިގެން ވިލިމާލޭގައި ހުންނަ މުއައްސަސާތަކާއި ބައެއް ކުންފުނިތަކާއެކު ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި ވިލިމާލޭގެ ރައްޔިތުންނަށް ރައްކާތެރި މުޖުތަމައެއް ގާއިމްކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމުގެ އިތުރުން، މުއައްސަސާތަކާއި ކުންފުނިތަކުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތް މިހާރަށްވުރެ ފުރިހަމަކަމާއެކު ފޯރުކޮށްދިނުމަށް ފުލުހުންގެފަރާތުން ކޮށްދެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނެވެ.

އޭގެ އިތުރުން، ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނެވެ.

ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި، ބޭންކް އޮފް މޯލްޑިވްސްގެ ވިލިމާލެ ބްރާންޗާއި އެމްޓީސީސީ ފެރީ ޓާމިނަލް ހިންގަވާ އިސް ބޭފުޅުންނާއި މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ބްރާންޗާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ އިތުރުން ވިލިމާލެ ހޮސްޕިޓަލްގެ އިސްވެރިންނާ ފުލުހުން ވަނީ ބައްދަލުކޮށްފައެވެ. ފުލުހުންގެ ފަރާތުން މިބައްދަލުވުންތަކުގައި ބައިވެރިވެލެއްވީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ އިންޗާޖް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަހީމްގެ އިތުރުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ އިސް ބައެއް ފުލުހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.