ފުރާވަރުގެ ކުދިނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ރެޑީ ކޭމްޕް އއ. ރަސްދޫގައި ފަށައިފި

R-1

ފުރާވަރުގެ ކުދިންނަށް އަމާޒުކޮށް ގިނަގުނަ ޙަރަކާތްތަކެއް އެކުލެވޭ ރެޑީ ކޭމްޕް އއ. ރަސްދޫގައި ފަށައިގެން ފޯރިއާއެކު އެރަށުގައި ކުރިޔަށް އެބަދެއެވެ.

ޒުވާނުންނާ ފުރާވަރުގެ ކުދިން ހަރުދަނާ ބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުދައްކައިދޭ ޙަރަކާތްތަކެއް ހިމެނޭ ގޮތުން ފުލުހުން ހިންގާ ރެޑީކޭމްޕަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް ޕްރިވެންޝަން ޔުނިޓާއި އއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ރަސްދޫ ޕޮލިސް ސްޓޭޝަން އާއި ރަސްދޫ ކައުންސިލް އަދި ބޮޑު ފޮޅުދޫ މަދަރުސާ އާއި ބެލެނިވެރިން ގުޅިގެން ހިންގާ ކޭމްޕެކެވެ.

މި ކޭމްޕުގައި އއ. އަތޮޅު ތަޢުލީމީ މަރުކަޒު ދަރިވަރުންނާއި ބޮޑު ފޮޅުދޫ މަދްރަސާގެ ސާނަވީ ގްރޭޑްތަކު  ގެ ދަރިވަރުންނަށާއި އެކުދިންގެ ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދެވޭނެއެވެ. މިމަހުގެ 14 ން 16 އަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ޖުމުލަ 60 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވެއެވެ.

މިކޭމްޕުގައި ބައިވެރިވާ ދަރިވަރުންނަށް ރަނގަޅު އަޚްލާޤާއި ހަރުދަނާ އުޞޫލުތަކަށް މަގުފަހި ކުރުމަށް ގިނަ ޙަރަކާތްތަކަކާއި ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ނުވަތަ ލިވިންގ ވެލިއުސްގެ ގިނަ ކަންތައްތަކެއް އުގަންނައި ދެވޭނެއެވެ.  އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މަޢުލޫމާތުދީ އެފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވުމަށް ބާރުއަޅައިދޭ ޙަރަކާތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދެވޭނެއެވެ.

މީގެއިތުރުން ދަރިވަރުންނަށް މުހިއްމު ބައެއް ޤާނޫނޫތައް ކަމުގައިވާ ޢާއްމު އިޖްތިމާޢީ މިންގަނޑުގެ ޤާނޫނާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ސައިބަ ކްރައިމް އާއިބެހޭގޮތުންވެސް މިކޭމްޕުގައި މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު  މި ކޭމްޕްގެ ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ޚާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ރެޑީ ކޭމްޕަކީ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު އަދި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެހީތެރިވެދީ ސިފަވަންތަ ދިރިއުޅުމަކަށް ފުރުޞަތު ހޯދައިދިނުމުގެގޮތުން ހިންގާ ޕްރޮގްރާމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.