ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ނެރޭ ޚަބަރުތަކުގެ މައިގަނޑު ސުރުޚީތަކުގެ ތެރޭގައި މި ސުރުޚީ ހިމެނެއެވެ.
"އެއްވެސް ސިފައެއްގައި އެބައިމީހުންގެ ރަސޫލާގެ ތަޞައްވުރެއް ގާއިމުކުރުމަކީ މުސްލިމުންގެ ކުރިމަތީގައި ކުފުރުވާފަދަ ކަމެކެވެ."
ކުރެހުންތެރިއަކު ކީރިތި ރަސޫލާގެ ފޮޓޯއެއް ކުރެހީމާ ނުވަތަ ކާޓޫނެއް ކުރެހީމާ ޕާކިސްތާނާއި ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި ދެކޮޅު ހެދުމުގެ ޙަރަކާތްތައް ފެށިގަނެއެވެ. މަތީގައި ދެންނެވުނު ސުރުޚީއަކީ އެފަދަ ދެކޮޅުހެދުންތައް ޚުލާޞާކޮށް ބަޔާން ކުރުމުގެ ގޮތުން މީޑިއާއިން ބޭނުންކުރާ ސުރުޚީއެކެވެ. މިއީ ވަރަށް ބޮޑު މައްސަލައެއް ވަރަށް އާދައިގެ ކަމަކަށް ބަދަލުވެގެންދާފަދަ ސުރުޚީއެކެވެ.
މުސްލިމުންނަކީ ކީރިތި ރަސޫލާގެ ތަޞައްވުރެއް ގާއިމުކުރުމާ ދެކޮޅުހަދާ ބައެއް ނޫނެވެ. ކީރިތި ރަސޫލާއާ ދެކޮޅު ޚިޔާލު ފަތުރާ މީހުން ދުނިޔޭގައި މަދެއް ނޫނެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ދުނިޔޭގެ މުސްލިމުން ތެދުވެ އަޑު އުފުލައެއް ނުހަދައެވެ. ކީރިތި ރަސޫލާ ދެކެ މުސްލިމުން އިންތިހާއަށް ލޯބިވާކަމީ ޙަޤީޤަތެކެވެ. އެއީ ލަދުގަންނަންޖެހޭ ކަމެއްވެސް ނޫނެވެ. ހުޅަނގުގެ ލާދީނީ މުޖުތަމަޢުގައި ބައެއް މުސްލިމުންގެ ދިރިއުޅުން މަޑުމަޑުން ނަމަވެސް އިސްލާމީ އުސޫލުތަކާ ދުރަށް ދިއުމުގެ ސަބަބުން މިދެންނެވި ލޯބި އެހެން މުސްލިމުންގެ ހިތުގައި ކުރިއަށްވުރެ ބޮޑުވަމުންދަނީ ކަމަށް ދިރާސާތަކުން އެނގެއެވެ. މިފަދަ ދަނޑިވަޅެއްގައި ފޭސްބުކްގެ ސަބަބުން އުފެދުނު ހަމަނުޖެހުން އެއީ އާދައިގެ ޚަބަރެއްގެ ގޮތުގައި ނުކުތް ވާހަކައެކެވެ. އާދައިގެ ޚަބަރަކަށް އެވާހަކަ ވެފައިވަނީ އާދައިގެ މަތީން އެއީ ހުޅަނގުގެ ޑިމޮކްރަސީއާއި، މުސްލިމުންގެ ކަޓުމުއްލާ ޚިޔާލާ ދެމެދު އުފެދުނު ކަމެއް ކަމަށް ސިފަކުރެވިގެން ދިޔައީމައެވެ. މައްސަލައިގައި ޙަޤީޤަތް ހުޅަނގުގެ މީޑިއާއިން ވަނީ ފޮރުވާފައެވެ.
ހުޅަނގުން ފަތުރާ ޚަބަރުތަކުގެ ސަބަބުން މުސްލިމުން ސިފަވެގެން ގޮސްފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅުހަދާ، ބޯދާ ޚިޔާލުގެ ބައެއްގެ ގޮތުގައެވެ. ވުމާއެކު މިނިވަން ޚިޔާލަށް ތާއީދުކުރާ މީހުން މުސްލިމުންގެ ރުޅިވެރިކަން ވަގުތުން ކުށްވެރިވެސް ކޮށްފިއެވެ.
ފޭސްބުކްގައި އެންމެ ފަހުން ފެށުނު ކަންތައްތަކަކީވެސް ޒަމާނުއްސުރެ ހިނގަމުން އަންނަ ކަންތައްތަކެއްގެ ބައެކެވެ. ދިގު ސިލްސިލާއެއްގެ ބޮޅެކެވެ. މިފަހަރުވެސް ބަހަނާއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. މި ދެންނެވުނު މިނިވަންކަމުގެ ނިވަލުގައި ތިބެގެން ކޮށްފައިވާ ކަމަކީ ނަތީޖާ ނޭނގޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން ފުރާނަތަކެއް ގެއްލިގެން ދާނެކަން ނޭނގެނީއެއް ނޫނެވެ. ކީރިތި ރަސޫލާގެ ފޮޓޯ ކުރެހުމުގެ މުބާރާތެއް ބޭއްވުމަކީ މުސްލިމުން ރުޅިއަރާނެ ކަމެއްކަން ނޭނގޭ ކުޑަކުއްޖަކުވެސް މިހާރު ހުންނާނެ ހެންނެއް ހިޔެއް ނުވެއެވެ. މިފަހަރުގެ ނަތީޖާވެސް ފެންނަނީ ހިތިކޮށެވެ. މުސްލިމުން ފޭސްބުކާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ. ދިދަތައް އަންދާން ފަށައިފިއެވެ. އެމެރިކާއާއި އިޒްރޭލާއި ޞަހްޔޫނީންނާއި ފޭސްބުކާއި ޔޫޓިއުބަށް އެއްޗެހި ގޮވަން ފަށައިފިއެވެ. މިފަހަރުވެސް ފެނުނީ އެމެރިކާއާއި އެމެރިކާގެ އެކުވެރި ގައުމުތަކަށް މުސްލިމުން ނުރުހުން ފާޅުކުރަމުން ގެންދިޔަ މަންޒަރެވެ. ހުރިހައި ދިމާއަކުން ފެނުނީ މުސްލިމުންގެ "ސިފަ" ދައްކަމުން ދިޔަތަނެވެ. މުސްލިމުންނާ ދެކޮޅު މީހުންނާއި، ހުޅަނގުގެ ކަނާތު ފިޔައިގެ މީހުންނާއި، ސަރުކާރުތަކުން މުސްލިމުންގެ "ތަހުޒީބުނުވާ ޢަމަލުތައް" ކުށްވެރިކުރަން ފަށައިފިއެވެ.
ގައުމުތަކުގެ މި ދެންނެވުނު ޢަމަލުތަކުގެ ސަބަބުން މުސްލިމުން ރުޅިއަރުވަން މަސައްކަތްކުރާ މީސްމީހުންނަށް ހިތްވަރު ލިބެނީއެވެ. ޑެނިއެލް ޕައިޕްސް އާއި އެލަން ޑަރޝޮވިޒް ފަދަ "އިސްލާމްދީނުގެ މާހިރުން" ޓީވީ ޗެނަލްތަކުގައި ވާހަކަ ދައްކަމުން ގެންދަނީއެވެ. އިސްލާމީ ދުނިޔެއަށް އިސްލާމްދީން އުނގަންނައިދެނީ މިމީސްމީހުންނެވެ. މި ބައިމީހުން ބޭނުން ކުރަމުން ގެންދާ ބަހުރުވައަކީ ޒަމާނުއްސުރެ ބޭނުން ކުރެވެމުން އަންނަ ނަފްރަތުގެ ބަހުރުވައެވެ.
މި "ޢިލްމުވެރިން" ނުވަތަ "މުފައްކިރުން" އިސްލާމްދީނަށް ފުރައްސާރަ ކުރަނީ ކީއްވެގެން ހެއްޔެވެ؟ މުސްލިމުން އެމީހުންގެ މަޅީގައި ޖެހެނީ ކީއްވެގެން ހެއްޔެވެ؟
އެމީހުން ދެކޭ ގޮތުގައި ޚިޔާލުފާޅުކުުރުމުގެ މިނިވަންކަން ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނީ އިސްލާމްދީނަށް މަލާމާތް ކުރީމައެވެ. މުސްލިމުންގެ ހިތުގައި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ދައްކަން ފެށީމައެވެ. މުސްލިމުންގެ މުޤައްދަސް ތަންތަނަށާއި ޢަޤީދާއަށް ފުރައްސާރަ ކުރީމައެވެ. އެކަމަކު ހަމަ އެބުނާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން އިޒްރޭލަށް ފާޑުކިޔުމަކީ ޑިމޮކްރަސީއާ ޚިލާފު ކަމެކެވެ. ފަލަސްޠީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޢުދުވާނާ ދެކޮޅަށް އިޚްލާޞްތެރި ޚިޔާލެއް ފާޅުކުރުމަކީވެސް ފާފަވެރިވާ ކަމެކެވެ. ހުޅަނގާއި އެމެރިކާއާއި އިޒްރޭލުން ދެކުނު އެފްރިކާގެ ވަކީލު ރިޗަރޑް ގޯލްޑްސްޓޯނާ މެދު ކަންތައް ކުރިގޮތް އަދި ހަނދާން ނެތޭހައި ދުވަހެއް ނުވެއެވެ. ޣައްޒާގެ ހަނގުރާމައިގެ ޖަރީމާތައް އޭނާ ރިޕޯޓު ކުރެއްވުމުން އޭނާ ވެގެން ދިޔައީ ނުދިންނަވާ ވަރުގެ މީހަކަށެވެ. އެކަމަކު މުސްލިމުންނަކަށް އެމީހުންގެ ޢަޤީދާގެ މިނިވަންކަން ދޭކަށްވެސް ހުޅަނގު ގަބޫލެއް ނުވެއެވެ. މިސާލަކަށް މުސްލިމް އަންހެނުންނަށް ލިބިފައިވާ ޢައުރަ ނިވައި ކުރުމުގެ މިނިވަންކަމުގެ ދިފާޢުގައި ތެދުވީ ކާކުތޯއެވެ؟ އެކަމަށްޓަކައި ވަކާލާތުކުރީ ޑިމޮކްރަސީގެ ކޮން ޗެމްޕިއަނެއްތޯއެވެ؟
މުސްލިމުންގެ އަގު ވައްޓާލުމުގެ މަސައްކަތަކީ ދޭތެރެދޭތެރެއިން ފެންމަތިވާ ނާދިރުކަމެއް ނޫނެވެ. އެއީ ޞަހްޔޫނީންގެ ޒަމާންވީ ރޭވުމެއްގެ ދަށުން މެދުނުކެނޑި ކުރިއަށްވާ ޕްރޮގްރާމެކެވެ. މުސްލިމުންގެ "ނާތާހުޒީބުކަން" ދުނިޔެއަށް އަންގައިދިނުމަކީ އެއް ބޭނުމެވެ. ހުޅަނގުގެ "އަގުހުރި" ސުލޫކު ގަބޫލު ނުކުރުމުގެ "ގެއްލުން" ދައްކައިދިނުމަކީ ހުޅަނގުގެ މީޑިއާއިން ތާއަބަދު ކުރަމުން އަންނަ ކަމެކެވެ. ޕާކިސްތާނުގައި ކުރަމުން ގެންދާ ހަޅުތާލަކީ މި ދެންނެވުނު "ނާތަހުޒީބުކަމުގެ" ހެއްކެކޯލައެވެ.
މުސްލިމުން މިމަޅީގައި ޖެހެނީ ކީއްވެގެންތޯއެވެ؟ ތެދުތެދަށް ދަންނަވާނަމަ މުސްލިމުން މަޅީގައި ޖެހެނީއެއް ނޫނެވެ. ޙަޤީޤަތުގައި މުސްލިމުން މިއަދު ތިބީ ދެ ހަތުރުންގެ މެދުގައި ފިތިފައެވެ. އެއްބަޔަކީ ބޭރުން އަންނަ ހަތުރުންނެވެ. އަނެއް ބަޔަކީ އެތެރޭގެ ހަތުރުންނެވެ. ބޭރުގެ ހަތުރުންނަކީ އިސްލާމްދީނުގެ ވަސް ފުހެލަން މަސައްކަތްކުރާ ބޭރުގެ ބާރުތަކެވެ. އެތެރޭގެ ހަތުރުންނަކީ ޚުދު އެމީހުންގެ ވެރިންނެވެ. ނުވަތަ ސަރުކާރެވެ. އެތެރޭގެ ފިއްތުމާއި، ކޮރަޕްޝަނާއި، ޙައްޤުތަކުން މަޙްރޫމް ކުރުން ވަނީ ޢާއްމު ކަންކަމަށް ވެފައެވެ. މި ޙައްޤުތައް ނިގުޅައިގަނެގެން އުޅޭ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އެކުވެރި ގައުމުތައްވެސް ހިމެނެއެވެ.
މިދެންނެވުނު ފިއްތުންތަކުގެ ސަބަބުން މުސްލިމުން ކުރިއަށްވުރެ ބޮޑަށް އެމީހުންގެ ދީނާ ކައިރިވަމުން ދަނީއެވެ. މުސްލިމުންގެ ދީނަކީ ދިރިއުޅުމުގެ ހުރިހައި ކަމަކަށް މަގު ދައްކައިދޭ ދީނެކެވެ. ދުނިޔޭގެ ކަންތައްތަކުގެ އިތުރަށް އާޚިރަތުގެ ކަންތައްތަކަށްވެސް މަގު ދައްކައިދޭ ދީނެކެވެ. އުއްމީދުގެ ދީނެކެވެ. ޤަދަރާއި ޢިއްޒަތުގެ ދީނެކެވެ. ވުމާއެކު މުސްލިމުންގެ ދީނަށް ފުރައްސާރަ ކުރުމަކީ އެމީހުންގެ އުއްމީދުތަކާ ކުޅުމެވެ. އެމީހުންގެ ޤަދަރަށް އުނިކަން ގެނައުމެވެ.
މުސްލިމުންނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ބައެއް ކަމަށް ބުނާ މީހުންނަށް ފެންނަނީ މުޅި މަންޒަރުގެ އެއްބައެވެ. ޔޫރަޕަށް ކުރިއަށް ދިއުމުގެ ފުރުސަތު ލިބުނީ މުސްލިމުންގެ ހުޅުވިފައިވާ ވިސްނުމުގެ ސަބަބުން ހޯދި ތަޢުލީމުގެ ބޭނުންކޮށްގެންކަން ތާރީޚު ދިރާސާކުރާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
ކަންތައްތަކުގެ ޙަޤީޤަތަށް ވިސްނާ މީހަކަށް މުސްލިމުންގެ ރުޅިވެރިކަމުގެ ސަބަބަކީ ކޮބައިކަން ވަރަށް ރަނގަޅަށް ވިސްނޭނެއެވެ. ޕާކިސްތާނުގެ މަގުމަތީގައި ފޭސްބުކް ބަންދުކުރަން ގޮވައި ހަޅޭއްލަވާ އަންހެންމީހާގެ ޙަޤީޤީ ރުޅިވެރިކަން އޮތީ ފޭސްބުކް ނަމަކަށް ކިޔާ އެއްޗަކަށް ނޫންކަން އެނގޭނެއެވެ. ޚިޔާލު ފާޅުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ފޭސްބުކް ބޭނުންކުރާ މުސްލިމުން ދުނިޔޭގައި މަދެއް ނޫނެވެ. އެ އަންހެންމީހާ ގޮވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން އޭނާގެ އަޚުންނާއި އުޚުތުންގެ އަގު ވައްޓާލައިގެން ނުވާނެ ކަމަށެވެ. އެއީ ހުޅަނގުގެ މީހުން އެމީހުންގެ ޙައްޤުތައް ހޯދަން ކުރާ މަސައްކަތާ ތަފާތު ކަމެއް ނޫނެވެ. އެއީ ދުނިޔޭގެ އިންސާނުން އެމީހުންގެ އަބުރު ރައްކާތެރި ކުރަން ކުރާ މަސައްކަތާ ތަފާތު މަސައްކަތެއްވެސް ނޫނެވެ.
އޭނާ ރުޅިއަރަނީ އަފްޣާނިސްތާނުގައި ކުރާ އިންސާފެއް ނެތް ހަނގުރާމައަށެވެ. ޕާކިސްތާނަށް ކެނޑިނޭޅި އަޅަމުން ގެންދާ ބޮމަށެވެ. ޢިރާޤު ޙިޞާރުކޮށްގެން ތިބިތިބުމަށެވެ. އަންހެންނުންގެ ޢިއްފަތްތެރިކަން ނަގައިލާތީ އެކަމަށެވެ. ޖަލުތަކުގައި މުސްލިމުން އޮރިޔާމުން ހިންގާ ހިންގުމަށެވެ. އޭނާ ރުޅި އަރަނީ ހުޅަނގުގެ ދެފުށްދެގޮތް ސިޔާސަތަށެވެ. ޑިމޮކްރަސީގެ ނަމުގައި ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކަށެވެ. އަދިވެސް މިބާވަތުގެ ވިޔާނުދާ ޢަމަލުތަކަށެވެ. ވަކި އެއްޗަކަށް ވަކި ތަނަކަށް ނޫނެވެ. މިތަފާތު އެނގޭނަމަ އެ މީހުންނަށް މުސްލިމުން ފެންނާނީ އެހެން ގޮތަކަށެވެ.