ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގެ ފުރަތަމަ ވިއްސަކަށް މަސްތެރޭގައި އިންތިގާލީ އަދާލަތު ރާއްޖޭގައި ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތާދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި އެއްވެސް މީހެއްގެ ފަރާތުން ބަދަލު ހިފުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު އެންމެންނަށް ވެސް ބަދަލު ހޯއްދައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިސަރުކާރު (ރައީސް ޔާމީންގެ ސަރުކާރު) ގެ ދުވަސްވަރު ހިނގާފައިހުރި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ބަލައި އެފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އަޅުގަނޑުމެންގެ ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރާނަން،" އިބޫ ވިދާޅުވިއެވެ.
މިކަން ކުރުމަށްޓަކައި މިވަގުތު ރައްޔިތުން ކުރަންވީ ކަމަކީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ރީރަޖިސްޓްރީ ކުރުން ހަލުއި ކުރުން ކަމަށް އިބޫ ވިދާޅުވިއެވެ.
ޕީޕީއެމްގެ ފަރާތުން ނުކުމު ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެއަށް އިތުބާރު ނުކުރުމަށް އިބޫ ވިދާޅުވިއެވެ. "އެއަށް އިތުބާރު ނުކުރައްވައްޗޭ. އަމިއްލަފުޅަށް ބެއްލެވުމަށްފަހުގައި ދެވަނަ ފަހަރަށް ރަޖިސްޓް ކުރައްވަންޖެހިއްޖެއްޔާ އެކަންވެސް ކުރައްވައްޗޭ،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މުސްތަގުބަލް ފެންނަނީ ރަނގަޅަށް ކަމަށާއި ފަހަރަކު އިންޗިއެއް ލިބެމުން އައިސް ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބު "ބޮޑުތަނުން" ކާމިޔާބު ކުރައްވާނެ ކަމަށެވެ.