ރާއްޖެ ހަމައަކަށް އެޅުވުމަށްޓައި ހެޔޮބަސް ބުނާކޮންމެ މީހަކު ޖަލަށް ލަމުންދާ ކަމަށާއި އެއީ ބަދަލު ކުރަން ވެއްޖެ ކަމެއްކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މ. ދިއްގަރުގައި ބޭއްވި ކެންޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް މިރޭ ވިދާޅުވީ އެހާލަތު ބަދަލު ކޮށްލަން ލިބޭ އެންމެ ބޮޑު ފުރުސަތަކީ ސެޕްޓެމްބަރު 23 ގައި ނަގާ ރިޔާސީ އިންތިޚާބުގެ ވޯޓުކަމަށެވެ.
ހާލަތު ބަދަލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މުޅި ރާއްޖެއިން ވެސް ނުލިބޭނެ ވަރުގެ އަޚުލާގު ރަނގަޅު، ރައްޔިތުންގެ އުދާސްތައް އެނގިވަޑައިގަންނަވާ ރައްޔިތުންނާ އެއްކޮށް މަސައްކަތްކުރެވޭ ތަޖުރިބާކާރު ބޭފުޅެއް ހުރުމުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ވެރިއަކު އިންތިޚާބު ކުރާއިރު މިހާރު އަޅުގަނޑުމެންނަށް މިފެންނަ ކަންތައްތަކުން އެބަ ޔަގީންވޭ އެއީ ކޮންކަހަލަ މީހެއްކަން އަޅުގަނޑުމެން ބަލަންޖެހޭކަން. އެއީ ޚިޔާނާތްތެރިއެއްތޯ އެއީ އަނިޔާކުރާ މީހެއްތޯ، އެއީ ނުހައްގުން މީހުން ޖަލަށްލާ މީހެއްތޯ. މިއީ އަޅުގަނޑުމެން ބަލަންޖެހޭ ކަންތައްތައް،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އިބޫއަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ރައްޔިތުންނަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެތައް ޕާޓީއަކާއި ސިޔާސީ އެތައް ލީޑަރުން ގުޅިގެން މިހާރު ކުރައްވަމުން ގެންދަވާ ސިޔާސީ އިސްލާހީ މަސައްކަތުގައި މިހިސާބަށް އާދެވުމުގެ އަސްލަކީ ވެސް އިބޫ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައިސަލް ނަސީމް ވިދާޅުވީ ދިވެހިންނަކީ ބޭއިންސާފާއި ކޮރަޕްޝަން ބަލައިގަނާނެ ބައެއްނޫން ކަމަށާއި ދިވެހިން ބޭނުންވަނީ އިންސާފާއި ހަމަހަމަކަން ކަމަށެވެ. އެފަދަ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރުމަށްޓަކައި މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށް އެހެން އިންތިޚާބު ތަކަށްވުރެ ދިހަގުނަ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.