އަދީބުގެ 5 މިލިއަންޑޮލަރުގެ ޚިޔާނާތުގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

7442_68092_31c9e8e16__news

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ޑޮލަރުގަތުމަށް ކުރީގެ ނައިބުރައީސް އަޙުމަދު އަދީބުގެ ޢާއިލީ ދެކުންޏަކާ ޙަވާލުކޮށް ހަތްދިހަ ހަތް މިލިއަނަށްވުގެ ގިނަ ރުފިޔާ އެޑްވާންސްކޮށް އެދެކުންފުންޏަށް ދިންކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަދީބުގެމައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުއްވައިފިއެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިމައްސަލަ ތަހުޤީގުކުރެއްވުމަށްފަހު ޕީޖީއަށް ފޮނުއްވާފައިވާކަން ހާމަކުރައްވައި ނެރުއްވި ބަޔާނުގައި ގިނަ ކަންކަން ހާމަކުރައްވާފައިވެއެވެ.

އެގޮތުން 5 މިލިއަން ޑޮލަރަށްވާ، ހަތްދިހަ ހަތްމިލިއަން އެއްލައް ދިވެހި ރުފިޔާ، (އެމް.އެމް.ޕީ.އާރު.ސީ) ގެ ނަމުގައި ނެގުމަށްފަހު، ޓޫރިޒަމް މިނިސްޓަރާއި އެބޭފުޅާގެ މަސްލަހަތު ހިމެނޭ ފަރާތަކަށް ދޫކޮށްފައިވާކަމަށް، އޭސީސީން ވިދާޅުވެއެވެ. އެއީ ޑޮލަރުގަނެ 04 މަސް ދުވަހުން ދައްކާގޮތަށް ކުރައްވާފައި މުޢާމަލާތެއްކަމަށް ވެސް އޭސީސީން ހާމަކުރައްވައެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން ގަވާއިދާ ޚިލާފަށް ނަގުދު ފައިސާ ހޯއްދަވާފައިވާކަމުގެ ތުހުމަތު އަދީބުގެމައްޗަށް ކުރެވޭއިރު، އޭގެތެރޭގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް އެމް.ޓީ.ޑީ.ސީން އެއް މިލިއަން ޑޮލަރު ނެންގެވުމަށްފަހު އަދީބުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް، އެ ފައިސާ ދެއްވާފައިވާކަމަށާއި އެކަންކުރައްވާފައިވަނީ އެ ދެކުންފުނީގެ މާލީ ގާބިލްކަން ހުރި މިންވަރު ބެލުމެއްނެތިކަމަށްވެސް އޭސީސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި މުޢާމަލާތްކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އެބޭފުޅާގެ މަސްލަހަތު އޮތް ދެ ކުންފުންޏަށް މާލީ ފައިދާ ލިބޭގޮތަށްކަމަށާ، މިއީ އަދީބުގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ކުރައްވާފައިވާ ކަމެއްކަން ސާބިތުކުރެވޭ ވަރަށް އޭސީސީގެ ތަޙްޤީޤަށް ހެކި ލިބިފައިވާ ކަމަށް ވެސް އެކޮމިޝަނުން ހާމަކުރައްވާފައިވެއެވެ.

މިމައްސަލާގައި އެމްއެމްޕީއާރުސީގެ ހިންގާ ގަވައިދާ ހިލާފަށް ކަމަށްވާތީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައި ޒިޔަތުގެމައްޗަށް ވެސް ދަޢުވާ ކޮށްދިނުމަށް އޭސީސީން ޕީޖީގައި އެދިވަޑައިގެންފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.