ޕީޕީއެމް ނިކަމެތިކޮށް އެ "އޮޑިން" ފުންމާލި މީހުންނާއި އެކަމަށް ހިތްވަރުދިން މީހުންނާ މެދު ހަމްދަރުދީއެއް ނޯނާނެ ކަމަށް ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެޕާޓީއަށް ނިސްބަތްވި ތޭރަވަރަކަށް މަޖިލިސް މެމްބަރުން ޕާޓީ ދޫކުރައްވައިފައި ވަޑައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތިނަދުއަށް ނިސްބަވެ ވަޑައިގަންނަވާ ދެ މެމްބަރަކު ވެސް ހިމެނި ވަޑައި ގަންނަވައެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާއި އެމަނިކުފާނަށް ބުރަކޮށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވަނީ އެބޭފުޅުން ޕާޓީ ދޫކުރައްވައިފައި ވަޑައިގެންނެވުމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެމީސް މީހުން އަޅުގަނޑުމެންގެ އޮޑިން ފުންމާލައިގެން އެތިބީ އެމީހުންގެ އަމިއްލަ ބޭނުންތަކެއް ފުއްދަން. އެމީހުންގެ އަމިއްލަ ބޭނުންތަކެއް ފުއްދަން ތޭރަ ވަރަކަށް މެމްބަރުން އަޅުގަނޑުމެންގެ ޕާޓީން ވަކިވެގެން ދިޔަދިޔުން މިއަދު ރިޔާސީ އިންތިޚާބުގައި މިހާބުރަ މަސައްކަތް އަޅުގަނޑުމެންގެ ޕާޓީއާއި އަޅުގަނޑަށް ކުރަންޖެހިގެން މިއުޅެނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މެމްބަރުން ޕާޓީ ދޫކުރައްވައިފައި ވަޑައިގެންނެވުމަށް ހިތްވަރު ދެއްވި ކުދިބޮޑު މީހުންނާއި ޕާޓީތަކުގެ ލީޑަރުންނަށް ހަމްދަރުދީއެއް ނޯންނާނެ ކަމަށެވެ. "މިކަމުގައި އެމީހުންނަށް ހިތްވަރުދިން ކުދިބޮޑު އެންމެން، ޕާޓީތަކުގެ ލީޑަރުން އަދި ހުރިހާ އެންމެން މީގެ ތެރޭގައި ހިމެނޭގޮތަށް އެބޭފުޅުންނަކަށް އަޅުގަނޑުމެންގެ ފަރާތަކުން އޮންނާނެ ހަމްދަރުދީއެއް ނޯންނާނެ. އެއީ އަޅުގަނޑުމެންގެ ޕާޓީ ނިކަމެތިކުރި މީހުން،" ރައީސް ވިދާޅުވިއެވެ.