މިހާރު އޮތް އިލެކްޝަން ކޮމިޝަން ބަދަލުނުކޮށް ރިޔާސީ އިންތިޚާބަށްދާން ހެޔޮނުވާނެ ކަމަށް ކުރީގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދުގެ ކޮއްކޯފުޅެއް ކަމަށްވާ މަލީހު މިރޭ ކުރެއްވި ޓްވީޓެއްގައި މިހާރުގެ އިލެކްޝަން ކޮމިޝަން ސިފަ ކުރެއްވީ "ގޮނޑި ކޮއްކޮ ތަނެއް" ގެ ގޮތުގައެވެ. މަލީހު ވިދާޅުވީ ދައުލަތުގެ މިނިވަން މުއައްސަސާއެކޭ ކިޔާތަނެއް ގޮނޑި ކޮއްކޮ ތަނަކަށް ވުމުން ނުކުންނާނީ ގޯސް ކަމަށެވެ.
"ރައްޔިތުންގެ ބޮޑު އަމާނާތަށް ޚިޔާނާތްތެރިނުވޭ، އިސްލާހުވެލައްވާ" ދާދިފަހުން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި މަލީހު ވިދާޅުވެފައިވެއެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރުންނަށް އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުން ފާޑު ވިދާޅުވަމުން ގެންދަވާއިރު ޕީޕީއެމުން ބުނެފައި ވަނީ އިލެކްޝަން ކޮމިޝަނަށް އެޕާޓީން ފުރިހަމައަށް އިތުބާރު ކުރާކަމަށެވެ. ގިނަ ތުހުމަތު ތަކެއް އިދިކޮޅު ފަރާތްތަކުން ކޮމިޝަނުގެ ބޮލުގައި އަޅުވަމުން އައި ނަމަވެސް އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަރީފް މިއަދުވެސް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ކޮމިޝަނުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޕީޕީއެމްގެވެސް އަދި އެހެން ފަރާތެއްގެ ނުފޫޒުވެސް އިލެކްޝަން ކޮމިޝަނަށް ނުފޯރުވޭނެ ކަމަށާއި މިނިވަންކަމާއެކު ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގާނޫނީ އިމުން ކޮމިޝަން ނުވަތަ ކޮމިޝަނުގެ ރައީސް ބޭރުވޭތޯ ބެއްލެވުމަށްވެސް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.