އިސްރާއީލަކީ ޔަހޫދީންގެ 'ޤައުމީ ދައުލަތެއް' ކަން ކަނޑައަޅާ ގާނޫނު އިސްރާއީލުގެ ކްނެސަތުން (ގާނޫނުުހަދާ މަޖިލީހުން) އިއްޔެ ފާސްކޮށްފިއެވެ. މިއީ އިސްރާއީލުގެ ރަަށްވެހިންގެ ގޮތުގައި ތިބި އަރަބިންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒު ހިންގުމަށް މަގުފަހިކޮށްދޭ ގާނޫނަކަށް ވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ.
ގާނޫނު ހަދާ މަޖިލީހުގައި ހިނގި ހޫނުގަދަ ބަހުސުގައި އެމަޖިލީހުގެ އަރަބި މެންބަރުން ވަނީ އެ ގާނޫނަކީ ނަސްލީ ތަފާތުކުރުމަށް މަގުފަހިކޮށްދޭ ގާނޫނެއް ކަމަށް ބުނެ އެގާނޫނާ ދެކޮޅަށް އަޑުއުފުލާފައެވެ.
ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަނީ ބައިމަދު މީހުންގެ ހައްގުތައް ހިމާޔަތްކުރެވޭނެކަން ކަށަވަރުކޮށްދިނުމަށް ގޮަވައިލާފައެވެ. އެހެން ބައެެއް ފަރާތްތަކުން ބުނި ގޮތުގައި އެގާނޫނުން ވަނީ އިސްރާއީލުގެ ޑިމޮކްރެޓިކް ސިފައާއި، ހަމަހަަމަކަމަށް އިހުމާލުވެފައެވެ. އަދި ޔަހޫދީންނަށް އިސްކަން ދީފައެވެ.
8 ގަޑިއިރަށް ދިގުދެމިގެން ދިޔަ ބަހުސަކަށް ފަހު ގާނޫނަށް ވޯޓަށް އެހުމުން 62 މެންބަރުން އެއްކޮޅަށް ވޯޓުދިންއިރު، 55 މެންބަރުން ދެކޮޅަށް ވޯޓުދީފައި ވެއެވެ. އަދި 2 މެންބަރަކު ވޯޓުގައި ބައިވެރިނުވެއެވެ.
ގާނޫނަށް ބަހުސުކުރުމުގެ ތެރޭގައި އަރަބި މެންބަރަކު ވަނީ ގާނޫނު އިރާލައި، ބޮޑުވަޒީރު ނަތަންޔާހޫއާ ދިމާއަށް އެއްލައިފައެވެ. އަދި އަރަބި މެންބަރުންނާއި އެހެން މެންބަރުންނާ މެދު ހޫނު ޒުވާބު ހިނގައި ބައެެއް މެންބަރުން ތަޅުމުން ބޭރުކޮށްފައި ވެސް ވެއެވެ.
އެގާނޫނުގައި ބުނާ ގޮތުން އިސްރާއީލުގެ ބިމަކީ ޔަހޫދީންގެ ތާރީޚީ ބިމެވެ. އެބިމުގައި ގާއިމުވެފައި އޮތީ ޔަހޫދީން ގައުމީ ދައުލަތެވެ. އަދި އެ ދައުލަތުގެ މުސްތަގުބަލާމެދު ގޮތް ކަނޑައެޅުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި ޔަހޫދީންނަށެވެ. އަދި އެ ގާނޫނުގައި މިހާރު ކަނޑައަަޅާފައިވާ ގޮތުން އިސްރާއީލުގެ ރަސްމީ ބަހަކީ އިބްރީ ބަހެވެ. ކުރިން އަރަބި ބަހަކީވެސް ރަސްމީ ބަހެކެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އެއީ ޚާއްސަ ދަރަޖައެއް ދެވިފައިވާ ބަހެއް ކަމުގައެވެ.
"މިއީ އަހަރުމެންގެ ދައުލަތް. ޔަހޫދީ ދައުލަތް. އެހެންނަމަވެސް، މިފަހަކަށް އައިސް ބައެެއް މީހުންވަނީ އެކަމާމެދު، އަދި ޚާއްސަކޮށް އަހަރުމެންގެ ދެމިތިބުމާމެދު ސުވާލު އުފައްދާފައި." އެ ގާނޫނު ފާސްވުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ. އޭނާ ސިފަކުރި ގޮތުގައި، ގާނޫނޫ ފާސްވި ވަގުތަކީ ޔަހޫދީންގެ ތާރީޚުގައި "ފައިސަލާކުރަނިވި ހިނދުކޮޅެކެވެ."