އިސްރާއީލުގެ ރަފާއެލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްސްއާއި އިސްރާއީލް އެއަރޯސްޕޭސް އިންޑަސްޓްރީޒް ގުޅިގެން އުފައްދާފައިވާ ވައިގެ ދިފާއީ ނިޒާމު 'އަޔަން ޑޯމް' ('ދަގަނޑު ގުއްބަ') އަކީ ސަރަހައްދުގެ އެންމެ ބޮޑު އޮޅުވާލުން ކަމަށާއި އެއިން އެއްވެސް އެއްޗެއް ވައްޓާނުލެވޭ ކަމުގައި އިސްރާއީލުގެ އަސްކަރީ ތަޖުރިބާކާރަކު ބުނެފިއެވެ. އޭނާ ބުނީ ފަލަސްޠީނު މީހުން މެދު ނުކެނޑި އިސްރާއީލުގެ ތެރެއަށް ފޮނުވަމުންދާ ރޮކެޓުން އިސްރާއީލުގެ ދޮގު ބޭޒާރުވެފައިވާ ކަމުގައެވެ.
"އެ މިސައިލް ސިސްޓަމަކީ ހަމައެކަނި އިސްރާއީލުގެ އާއްމު ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލާ އަލީގެ ކުޅިވަރެއް. އެއިން ގޮވައިންދާ މިސައިލްކަމަށް އެދައްކަނީ އޭގެ އަމިއްލަ ގޮވުންތަކެއް. 'ދަގަނޑު ގުއްބަ'އިގެ މިސައިލަކުން އެންމެ ރޮކެޓެއްވެސް ވައްޓާލެވިފައި ނެތް." ރޭޑިޔޯ 103 އާ ވާހަކަދައްކަމުން އިސްރާއީލުގެ ދިފާއީ އަދި ޖައްވީ ތަޖްރިބާކާރު ޑރ. މޯޓީ ޝެފާ ބުނެފައި ވެއެވެ.
'ދަގަނޑު ގުއްބަ'އިގެ ނިޒާމުން ހަމާސްގެ ރޮކެޓެެެއް ވައްޓާލި ޚަބަރު އަޑުއަހަައިގެން އިނެދަފައި އިސްރާއީލުގެ ދިފާއީ ބާރުގައި މަސައްކަތްކުރި ތަޖުރިބާކާރަކު ކަމުގައިވާ ފިލިޕް އީ ކޮއިލް ބޯ ހޫރާލިއެވެ. އަދި ބުންޏެވެ. "އެއްވެސް އަސްކަރީ އާލާތަކީ ނުވަދިހަ އިންސައްތަ ކާމިޔާބު އާލާތެއް ނޫން." ކޮއިލް އަކީ އެމެރިކާއިން އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އެހީ ދީގެން ތަަރައްގީކުރި 'ދަގަނޑު ގުއްބަ'އިގެ ކާމިޔާބުކަމާ މެދު ސުވާލު އުފައްދާ އިސްރާއީލުގެ އަދި އެމެރިކާގެ ތަޖުރިބާކާރުން ކުރެ އެކެކެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އިންޖިނައިންގ ކޮލެޖް، މަސަޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި މިސައިލްގެ ދިފާއިީ ނިޒާމުގެ ތަޖުރިބާކާރު ތިއޮޑޯ ޕޯސްޓޮލް ބުނީ 'ދަގަނޑު ގުއްބަ'އިގެ ކާމިޔާބީގެ ރޭޓަކީ 5 އިންސައްތަ ކަމުގައެވެ. އަދި ނަސީބު ގަދަ ދުވަހެއްގައި 10 އިންސައްތަ ކަމުގައެވެ. އޭނާގެ މިހޯދުމުގައި އޭނާގެ އެހީތެރިއަކީ އެ ނިޒާމު އުފެއްދި ކުންފުނި، ރަފާއެލްގައި ކުރިން މަސައްކަތްކުރި ތަޖުރިބާކާރު މޮރްދަޚާއީ ޝެފެރް އެވެ.
މިޑްލް އީސްޓް މޮނިޓާގައި ވާގޮތުން އިސްރާއީލުން އެ ނިޒާމު ބޭނުންކުރަނީ އޭގެ ޚަރަދު ކުޑަވުމުގެ އިތުރަށް ޕްރޮޕަގެންޑާއެއްގެ ގޮތުގައެވެ. ހަމާަސް އަކީ މުސްކުޅި ޒަމާނުގެ ރޮކެޓްތައް ގޮތެއެް ފޮތެއް ނެތި ބޭނުންކުރާ ބައެެއް ކަމާއި، އިސްރާއީލަކީ އެންމެ ކުރިއަރާފައިވާ ޒަމާނީ ހަތިޔާރު ބޭނުންކުރާ ބައެއްކަން ދެއްކުމަށެވެ.