ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތ.ވިލުފުށި ޕޮލިސް ސްޓޭޝަނާއި ވިލުފުށި ސިއްޙީ މަރުކަޒާ އަދި ވިލުފުށި ސުކޫލް ގުޅިގެން ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު ވިލުފުށި ސުކޫލު ކުރިމަތީގައި އޮންނަ ހުސްބިމުގައި ކުރިއަށް ގެންދިޔަ މި ކަސްރަތު ޕްރޮގްރާމަކީ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތުކުރުމުގެ މުހިއްމުކަން އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ވިލުފުށި ސުކޫލުގެ ދަރިވަރުން ދެ އުމުރު ފުރަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މި ޕްރޮގްރާމުގައި ކަސްރަތު ކުރާނެ ގޮތްތަކާއި ކަސްރަތުގެ ފައިދާ އާއި ކަސްރަތުން ލިބޭ ހިތްހަމަޖެހުމުގެ އިތުރުން ފައިދާހުރި ކާނާގެ މުހިންމުކަން ވަނީ ބައިވެރިންނަށް ކިޔައިދީފައެވެ.
މިޕްރޮގްރާމުގައި ވިލުފުށި ސުކޫލުގެ 260 ދަރިވަރުންނާއި ބެލެނިވެރިންވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މި ޕްރޮގްރާމަކީ ކުޑަކުދިން ގިނަ ޕްރޮގްރާމެއްކަމުން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި ފަރުވާދިނުމުގެ ގޮތުން ވިލުފުށި ސިއްޙީ މަރުކަޒުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް މި ޕްރޮގްރާމަށް ދީފައެވެ.
މި ކަސްރަތު ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ތ.ވިލުފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަޖުރިބާހުރި ފުލުހުންނެވެ.