ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު އިންޑިޔާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ.
އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއާޕޯޓަށް ރައީސް ޔާމީން، މިއަދު ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، އިންޑިޔާގެ މިނިސްޓަރ އޮފް ޓުއަރިޒަމް ކަލްޗަރ، ޑރ.މަހޭޝް ޝަރުމާ އާއި އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް އޮފް ސިވިލް އޭވިއޭޝަނެވެ.
ރައީސް ޔާމީން އިންޑިއާއަށް ކުރައްވާ މި މިދަތުރުފުޅަކީ، އެގައުމުގެ ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީދަތުރުފުޅެއް ކަމަށް، ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫންއާއި، ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފާއި، ހޮޅުދޫ ދާއިރާގެ މެމްބަރު ޢަލީ މުޙައްމަދާއި، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޟާ ބައިވެރިވެވަޑައިގެންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސާއި، ބޮޑުވަޒީރާ ބައްދަލުކުރެއްވުމުގެ އިތުރުން، އެޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާ ވެސް ޔައީސް ޔާމީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އެންމެ ފުރަތަމަ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާއެވެ. އެބައްދަލުވުން އޮތީ މާދަމާ ހެނދުނު ދިހަގަޑި ތިރީހުގައެވެ. އޭގެފަހުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ބޮޑުވަޒީ ނަރެންދުރަ މޯދީއާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވޭ..
ޖައީސުލްޖުމުހުރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޔާމީން ޤައުމުންބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކުރެއްވީ ވެސް އިންޑިޔާއަށެވެ. އަދި އޭގެފަހުން އެމަނިކުފާނުވަނީ ދެހާސް ސާދަ ވަނަ އަހަރުގެ މޭ މަހު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ކުރެއްވި ދަތުރުފުޅެވެ.