މަގުމަތީގެ އަދަބުތައް

IMG_9861

ޤާނޫނަކުން ގަވާއިދަކުން ކަމެއް މަނާކޮށްފައިވާނަމަ އެކަމަކަށް ހަމަކޮންމެ މީހަކުވެސް ސަމާލުކަންދޭނެއެވެ. ސަބަބަކީ ޤާނޫނާ ނުވަތަ ގަވާއިދާ ޚިލާފްވެއްޖެނަމަ އެކަމުގެ ސަބަބުން އަދަބެއް ލިބޭނެތީވެއެވެ. ޖޫރިމަނާ ކުރާނެތީއެވެ. މުޖުތަމަޢުގައި އެފަދަ މީހެއްގެ އަގުވެއްޓިދާނެތީއެވެ. މިކަންކަމަށް އަޅުގަނޑުވެސް އެއްބަސްވަމެވެ. ޤާނޫނުތަކަށާއި ގަވާއިދުތަކަށް އިޙްތިރާމްކުރަމެވެ. މީސްތަކުންގެ މެދުގައި އަގު ހިފެހެއްޓުމަށް މަސައްކަތް ކުރަމެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭން ގިނަ މީހުން ހަނދާން ނެތިފައިވާ ވަނީ ވަގުތުން އދަބު ނުލިބޭ ކަންކަން ކުރުމުން ދުރުހެލިވާށެވެ. ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައެޅިފައިނުވިކަމުގައި ވިޔަސް ނުރަގަޅު ޢަމަލެއް އެއީ ރަގަޅު ޢަމަލަކަށް ނުވާނެއެވެ. މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދާ ޤާނޫނުތަކާއި ގަވާއިދުތައް ވުޖޫދަށް އައުމުގެ މާކުރިން އިލާހީ ޤާނޫނު ވުޖޫދުވެފައި ވެއެވެ. އިސްލާމްދީނުގައި ދިރިއުޅުމުގެ ރީތި އެންމެހައި ސިފަތައް ލައްވަވާފައި ވެއެވެ. ކޮންމެ ދުވަހަކުމެ އަޅުގަނޑުމެންނާ ކުރިމަތިމިވާ މަގުމަތީގެ ހާދިސާތަކުން ސަލާމަތްވުމަށް މަގުމަތީގެ އަދަބުތަކެއް އިސްލާމްދީނުގައި ވެއެވެ.

ކީރިތި މާތް ރަސޫލާ (z) އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޡްކުރެއްވިއެވެ. "إياكم والجلوسَ على الطرقات" މާނައީ: " މަގުމަތީގައި ތިބޭތިބުމާ މެދު ތިޔަބައި މީހުން ސަމާލުވާށެވެ!" އެބޭކަލުން ދެންނެވިއެވެ. "  ما لنا بد، إنما هي مجالسنا نتحدث فيها" "އަހަރެމެން ބޭނުންވަނީ، އެތަނުގައި (މަގުމަތީގައި) ތިބެ އަހަރެމެންގެ ކަންކަމާމެދު މަޝްވަރާތައް ކުރާށެވެ" މާތް ރަސޫލާ (z)ޙަދީޡްކުރެއްވިއެވެ. "فإذا أبيتم إلا المجالس؛ فأعطوا الطريق حقها" މާނައީ: " ތިޔަބައިމީހުން މގުމަތީގައި ތިބޭކަމުގައިވާނަމަ، މަގުހިނގާ މީހުންނަށް އެބައިމީހުންގެ ޙައްޤުތައް ދޭށެވެ" އެބޭކަލުން ދެންނެވިއެވެ. "މަގުހިނގާ ބިނގާވާ މީހުންގެ ޙައްޤުތަކަކީ ކޮބާތޯއެވެ؟" އެހިނދު ކީރިތި ރަސޫލާ (z) އަންނަނިވި 4 (ހަތަރެއް) ކަމުގެ ވާހަކަ ބަޔާންކޮށްދެއްވިއެވެ. " غض البصر، وكف الأذى، ورد السلام، وأمر بالمعروف، ونهى عن المنكر" މާނައީ: "ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ. ދުއްތުރާތަކުން އެބައިމީހުން ރައްކާތެރިކުރާށެވެ. ސަލާމަށް ރައްދުދޭށެވެ. އަދި ހެޔޮކަންކަމަށް އަމުރުކޮށް، ނުބައި ކަންތައް ނަހީ ކުރާށެވެ."

  1. ބެލުން ތިރިކުރުން

މުސްލިމުން ވާންޖެހޭނީ އަޅުގަނޑުމެންގެ މައްޗަށް ބެލުން ޙަރާމްވެގެންވާ ތަންތަނާއި ތަކެއްޗަށް ނުބަލައި ރައްކާތެރިވެގެންވާ ބައެއްކަމުގައެވެ. އެކަމަށް ރައްކާތެރި ވެއްޖެނަމަ މަގު ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރިކަން އިޙްސާސް ކުރެވޭނެއެވެ. ބެލުން ހުއްދަނޫން ތަންތަނަށް ބެލުމަކީ މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދުމަށް މަގުފަހިވާ އެއްކަމެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ." قل للمؤمنين يغضوا من أبصارهم ويحفظوا فروجهم ذلك أزكى لهم إن الله خبير بما يصنعون . وقل للمؤمنات يغضضن من أبصارهن ويحفظن فروجهن " )سورة النور, 30, 31) މާނައީ: "މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް (އެބަހީ: ޖިންސީ ގުނަންތައް) ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ. އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށޭވެ!"

 

  1. ދުއްތުރާތަކުން އެހެންމީހުން ރައްކާތެރިކުރުން

މަގުމަތީގައި ތިބޭ އިރު މަގުހިނގާ މީހުންނަށް ތަފާތު ގޮތްގޮތުން ގޯނާތައް ކުރެވެއެވެ. އެގޮތުން މަގުންދާ މީހުންނަށް ދިމާއަށް ކުދި ގައު ކޮޅުކޮޅާއި ކުނި ކޮޅުކޮޅު އުކުމާއި، ތުބުންފުމެ މަގުހިނގާ މީހުންނަށް މައްލަވަ ކުރުމަކީ އޭރާއި މިހާރުވެސް ފެންނަމުންދާ ނޭދެވޭ ސިފައެކެވެ. އަދި މަގުމަތި ނަޖިސް ކުރުމުގެ ނުބައި އާދައަކީ ވެސް އެކަމުގެ ސަބަބުން މަގުހިނގާ މީހުންނަށް އުނދަގޫތަކާ ކުރިމަތިވާ އެއްކަމެކެވެ.

  1. ސަލާމަށް ރައްދު ދިނުން

މީހަކު ތިބާއަށް ސަލާމް ގޮވައިފިނަމަ އެސަލާމަށް ރައްދު ދިނުމަކީ ހަމަކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އަޚްވަންތަކަމާއި އެއްބައިވަންތަކަން އަދި ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާ ކަމެކެވެ. އަދި ތިބާގެ ސަބަބުން އަނެކުންނަށް ނުރައްކަލެއް ނެތްކަން އަންގާދޭނެ ކަމެއްވެސް މެއެވެ.

  1. ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުން

ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ވާކަމެކެވެ. އަދި މިކަމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅާ ކަމެއްވެސްމެއެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި އަފްރާދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ އެއްކަމެވެ. ނުބައި ކަންތައް ނަހީކުރުމުގެ މުހިއްމުކަން އަންނަނިވި ހަދީޘުން ދޭހަވެއެވެ. ކީރިތި ރަސޫލާ (z) ހަދީޘް ކުރެއްވެވިއެވެ. "من رأى منكم منكرًا فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان" މާނައަކީ " މުންކަރާތެއް (ނުބައިކަމެއް) ދެކޭ މީހާ އޭނާގެ އަތުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ އޭނާގެ ދުލުން އެކަން މަނާކުރާށެވެ. އަދި އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ އޭނާގެ ހިތުން އެކަން މަނާކުރާށެވެ. އަދި އެގޮތުން އީމާންކަނއ ބަލިކަށިވެއެވެ."

މަގުތަކުގެ އަމަންއަމާންކަން ގެއްލި، މަގުތަކަކީ އަންހެނުންނާއި ކުޑަކުދިންނަށް ނުރައްކާތެރިތަނަކަށް ވެފައިވާ ކަމުގައި މިއަދު ހަމަކޮންމެ މީހަކުވެސް ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. މަގުތައް އަމާންކުރުމަށް ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައި ވީނަމަވެސް އޭގެ އެންމެ އެދެވޭ ނަތިޖާ ފެނިގެން ނުދަނީ އަޚްލާޤީ ރީތި ސިފަތަށް މީސްތަކުންގެ ގައިގާ ހަރުލާފައި ނެތުމުންކަން ފާހަގަކުރެވެއެވެ. މިފަދަ ރީތި ސިފަތަކަކީ މާ މުހިއްމު ސިފަތަކެއްކަމުގައި ބަލާ މީހަކަށް ޤަބޫލުނުކުރެވުން އެކަށީގެންވެއެވެ. ނަމަވެސް އޭގެ ނަތީޖާއަށް ބަލައިފިނަމަ އެގޭ އެއް ޙަޤީޤަތަކީ ރީތި އަޚްލާޤީ ސިފަތަކަކީ މުޅި މުޖުތަމަޢުގެ ސަލާމަތާއި އަމަން އަމާންކަމާއި ގުޅިފައިވާ ކަމެއްކަމުގައެވެ. ކުޑަކުދިންގެ ގައިގާ މިފަދަ ސިފަތައް އަށަގެންނުވުމަކީ މުސްތަޤުބަލުގައި މި މުޖުތަމަޢަށް ހަމަޖެހުމާއި އަމާންކަން ހޯދުމަށް އެންމެ މުހިއްމު އެއްކަންތަކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.