(5 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ފަރުޒާނާގެ މަންމަ ކިހިނެއް-؟" އޭނާ ހަނދާނުގެ ވިހަގަދަ ކަށިތަކުން ސަލާމަތްވާން މަސައްކަތް ކުރަމުން އަހައިލިއެވެ.
ފަރުޒާނާ ސިއްސައިގެން ގޮސްފައި އޭނާއާއި ދިމާއަށް ބަލައިލިއެވެ.
"އޭނާ އަހަންނަށްޓަކައި ދުޢާ ކުރާނެކަން ކަށަވަރު-" ނަޞީރު ހީނގަތެވެ. "ނަރަކައަށް ވައްދަވާތޯ ދުޢާކުރާނެ-"
ފަރުޒާނާ ބޯހޫރައިލިއެވެ. "މަންމަ އެކަހަލަ އެއްވެސް ކަމެއް ނުކުރޭ- އެކަމަކު ބައްޕަ ނަޞީރުގެ މަތިން ވަރަށް ހަނދާން ކުރައްވާ-"
"ފަރުޒާނާ ތިޔަ އައީ ކީއްކުރަން-؟" ނަޞީރު ހުރީ ވަރީގެ ވާހަކަ ކުރިން ނުފަށަން ނިންމައި ގެންނެވެ. އެހެންނަމަވެސް ދޭތެރޭގެ ހަމަނުޖެހުމާއި، އުދާސް ބޮޑުވަމުން ދިޔަވަރަކަށް ނަޞީރުގެ ހާސްކަންވެސް ދިޔައީ އިތުރު ވަމުންނެވެ. ފަރުޒާނާ އައީ ވަރީގެ ވާހަކަ ދައްކަން ކަން ޔަގީނެވެ. އެހެންނަމަވެސް އެވާހަކަ ބުނަން ޖެހިލުން ވަނީއެވެ. ފަރުޒާނާގެ ބިރު ކަނޑުވައިލަން ވީއެވެ.
"ހަމައައީ- އަހަންނަށް އެނގޭ ނަޞީރުގެ މަންމަ ނާންނާނެކަން-"
"އަހަންނަށް ވަރިހަމަ ދުވަހަކު ނަޔަސް- އޭނާއާއި ދިމާވެއްޖެއްޔާ އަހަރެން މިހެން ބުންޏޭ ބުނާތި-" ނަޞީރުގެ ހިތް ގޮވަމުން ދަނީ އަވަސް ކުރާށޭއެވެ. ބުނަން އައި ވާހަކަ އަވަހަށް ބުނާށޭއެވެ. "ފަރުޒާނާގެ ސިޓީގައި އޮތީ ފްލެޓްގެ އެޑްރެސް- އަނެއްކާ އެތަނަށް އައީތަ-؟"
ފަރުޒާނާ ހިތް އަވަސް ވެގެންގޮސް އިނގިލި ތަކުން ކަށިގޮއްވަން ފަށައިފިއެވެ.
"އާނ- އަހަރެން މިހާރު އުޅެނީ ފްލެޓްގައި-"
"އެކަނިތަ-؟"
"އެކަނި އުޅޭކަށް އަހަރެން ބިރެއްނުގަނޭ-"
ހިނދުކޮޅަކަށް ހިމޭންކަން ވެރިވެއްޖެއެވެ. ނަޞީރު އިންތިޒާރު ކުރަމުންދަނީ ބުޅާ ގޯނިން ނުކުންނާނެ ވަގުތަކަށެވެ. އެހެންނަމަވެސް އެސޮރު ބޯ ދައްކައިލާ ގޮތެއް ނުވިއެވެ. އެންމެފަހުން ހިމޭންކަން ފޫދުއްވައިލީ ނަޞީރެވެ. "އެހެން ހުރިހާ ކަމެއް ރަނގަޅުތަ-؟"
"ހުރިހާކަމެއްވެސް ރަނގަޅު-" ފަރުޒާނާ ނަޞީރުގެ ލޮލަށް ވަރަށް ފުންކޮށް ބަލައިލަމުން އަހައިލިއެވެ. "ތިޔަ ސުވާލު ކުރަނީ ވަކި ޚާއްޞަ މީހަކާބެހޭ ގޮތުންތަ-؟"
"ނޫނޭ- ފަރުޒާނާ ވަކި މީހަކާބެހޭ ގޮތުން އެއްޗެއް ބުނަން އޮތިއްޔާ ބުނެލާ-"
"އަހަރެން އެއްވެސް މީހަކާ ބައްދަލެއް ނުކުރަން-" އޭނާ ބުނަން ބޭނުންވަނީ ނަޞީރާ ހެދި ބޭރަށް ބޯދިއްކޮށްލެވެންވެސް ނެތް ވާހަކައެވެ.
"އިޤްބާލާ ވަރަށް ގިނައިން ބައްދަލުވޭދޯ-؟"
"އާނ-"
"އެއީ އަހަރެން އޮޅުން ފިލުވަން ބޭނުން ކަމަކީ-" ނަޞީރު ހީނލިއެވެ. "ފަރުޒާނާގެ މަންމައަކީ ބަލި ގަބޫލު ކުރާ ހިތްވާ މީހެއްނޫން- އޭނާ ކޮންމެވެސް ކުޅިގަނޑެއް ކުޅޭނެ-"
"އިޤްބާލު އަޙުމަދުގެ އޮފީސް ހުންނަނީ އަހަރެމެންގެ ފްލެޓްގެ ތިރީގައިކަން ނަޞީރަށް އެނގޭނެ- އެހެންވީމާ ސަލާން ގޮވައިލެވޭ-" ފަރުޒާނާ ބުންޏެވެ.
"އަހަރެމެންގެ ފްލެޓް ނޫނެވެ. އަހަރެންގެ ފްލެޓެވެ." ނަޞީރު ހިތާހިތާ ކިޔައިލިއެވެ. "ނަޞީރެވެ. ކަލޭ ވަނީ މަރުވެފައެވެ. ފަރުޒާނާގެ ކުރިމަތީގައި މަރުވެފައެވެ. އިޤްބާލް އަޙުމަދު ފްލެޓް ހުންނަނީ ކަލޭގެ ހުވަފަތް އަނބިމީހާގެ ފްލެޓްގެ ތިރީގައެވެ."
"އައީ އެކަނިތަ-؟" އޭނާ ކުއްލިއަކަށް އަހައިލިއެވެ.
ފަރުޒާނާ އިސް ޖަހައިލިއެވެ. އަޑުގައި ހިސާބެއްގެ ތުރުތުރެއް އެކުވެއްޖެއެވެ.
"އަހަރެން އައީ އިޤްބާލް އަޙުމަދާއެކީ-"
"ރަނގަޅު- ވަރަށް ރަނގަޅު-"
"އަހަރެން ކޮންމެ މީހަކާއެކު އަޔަސް ވާނީކީއް-؟"
"ތިޔަ ބުނަނީ އަހަންނަށް މިސުވާލު ކުރުމުގެ ޙައްޤެއް ނެތޭތަ-" އެހެން ކަމަށްވެސް ވެދާނެ- އެހެންނަމަވެސް އިޤްބާލް ގާތު ބުނާތި އަހަރެން ބުންޏޭ މިހާރު ހަނގުރާމަ މި ކުރެވެނީ ދެމީހުން އެއް ހަމައިގައި ތިބެގެންނެއް ނޫނޭ- ފަރުޒާނާގެ މަންމަ ހުރީ އޭނާޔާ އެއްކޮޅަށް- އާނ- އަދި ބުނަންތަ-؟ ޝަބާނާޔާ ދިމާވެއްޖެއްޔާ އަހަރެންގެ ސަލާން ބުނެފައި ޝުކުރިއްޔާއޭ ބުނާތި- އަހަންނަށް ސިޓީއެއް ފޮނުވީ އޭނާ އެކަނި- އަހަރެންގެ ފެންވަރުގެ މީހަކަށް ހުރީ އޭނާ އެކަނިކަން ނޭނގެ-"
"ބުނާނަން-"
ހިމޭން ވެއްޖެއެވެ. ރުޅިއައިސް ރަތްވާ ކަހަލަ ހިމޭން ކަމަކުންނެވެ. ނަޞީރުގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. "ފަރުޒާނާ ބަލައިލީމާ ހީވަނީ ވަރަށް ބަލިހެން- އެކަމަކު ވަރީގެ ކަންތައް ހަމަޖެހުނީމާ މުޅިން ރަނގަޅު ވެދާނެ-" އެންމެ ފަހުން ވަރީގެ ވާހަކަ ދައްކަން މިޖެހުނީ އޭނާއަށެވެ. "އެ މިނިވަންކަން މިހާރު ފަރުޒާނާއަށް ލިބެން ޖެހޭނެ- އޭރުން އެއްވެސް މީހަކު ހުތުރު އެއްޗިއްސެއް ނުކިޔާނެ- ވައްބަހަކުން ނުޖަހާނެ- މަންމަވެސް ނުލާހިކު އުފާވާނެ- މަންމަ އޭރުން ބުނާނެ- ފަރުޒާނާ ދެން އާ ދިރިއުޅުމެއް ފަށާ- އެ ގޮތްކުޑަ ނަޞީރަކީ އެއް އިރެއްގައިވެސް ދަރިފުޅާ އެކަށީގެންވާ މީހެއްނޫން- އިޤްބާލް އަޙުމަދު ނިކަން ދެކިބަލަ- އޭނާ އެހެރީ ދަރިފުޅުގެ އެންމެ އިޝާރާތަކަށް އިންތިޒާރު ކޮށްކޮށް- ފަރުޒާނާ- އެއްވެސް ފިކުރެއް ކުރާނެ ކަމެއްނެތް- މަންމަ ހުރިހާ ކަމެއް ހަމަޖައްސައި ދޭނޭ- ބޭނުންވާ ގޮތަށް ކަންތައް ނިންމަން މަންމަ ފިސާރި ރަނގަޅަށް ދަނޭ-"
ފަރުޒާނާގެ ތުންފަތް ތުރުތުރު އަޅަން ފަށައިފިއެވެ. ލޮލުން ކަރުނަ އަތުވެއްޖެއެވެ. "ދެންދަނީ-" އޭނާ ގިސްލަމުން ބުންޏެވެ.
"ނޫނޭ- ފަރުޒާނާ- އަދި ނުދޭ- ނަޞީރު ކަންބޮޑު ވެއްޖެއެވެ. ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާ އަމިއްލަ ނަފްސު ދެކެ ރުޅި އަންނަން ފަށައިފިއެވެ. މި ރީތި ވަގުތުކޮޅު ބޭކާރު ވެގެން މިދިޔައީ އޭނާގެ ދުލުގެ ވިހަ ކަމުންނެވެ. މިހާރު އޭނާ މަޑުކުރަންވީ ކީއްކުރަން ހެއްޔެވެ؟ އޭނާގެ މުޑުދާރު ވާހަކަތައް އަޑުއަހަން ހެއްޔެވެ؟ ނަޞީރު ދެލޯ ބޮޑުކޮށްގެން ބަލަން ހުރީއެވެ. ފަރުޒާނާ އެނބުރި ދިއުމަށްޓަކައި ހިނގައިގަތެވެ.
* * *
ނަޞީރު ގޮޅީގެ ތެރޭގައި ދެކޮޅަށް ކުރުކާލި ކަނޑަނީއެވެ. ޞާބިރު ދެލޯ ބޮޑުކޮށްގެން ބަލަން ހުއްޓެވެ.
"އޭނާ ބޭނުން ވަނީ ވަރިވާން- އެކަމަކު އެވާހަކަ ދައްކަން ނުކެރުނީ- ދެއްކުމުގެ މާބޮޑު ބޭނުމެއްވެސް ނެތީ- އޭނާގެ ވަކީލު އެކަން ހަމަޖައްސާލަ ދީފާނެ-" ނަޞީރުގެ އަރުތެރެ ވަނީ ހިކިފައެވެ.
"އޭނާ ވަރީގެ ވާހަކަ ނުދައްކަނީ އެކަން ބޭނުން ނޫންވީމާ ކަމަށްވެސް ވެދާނެ އެއްނު-؟"
"އޭނާ އެގޮތަށް ގަނަ ތަޅުވާކަށް އަހަރެންވެސް ބޭނުމެއް ނޫން- އެ ވާނީ އަނިޔާ އަކަށް- ނުވަ އަހަރު އިންތިޒާރު..."
"އަންހެނުން އެއަށްވުރެ ގިނަ ދުވަހުވެސް އިންތިޒާރު ކޮށްފާނެ-"
ނަޞީރު ނިޔަފަތި ހަފަން ފަށައިފިއެވެ. "އޭނާ އަހަންނާ ދޭތެރޭ އެއްވެސް ފަރުވާލެއް ނުބަހައްޓާ- އަހަރެން ބޭވަފާތެރިވީ ކީއްވެގެންތޯ ވެސް އޭނާ އަހައެއް ނުލާ- އަންހެނުން ބޮޑު އަހަންމިއްޔަތު ދެނީ އެކަހަލަ ކަންކަމަށް-"
"އަންހެނުންގެ ތެރޭގައި ތަފާތު މީހުން އުޅޭ-" ޞާބިރު ވިސްނައިލާފައި ބުންޏެވެ.
"އަމިއްލަ ޖަޒުބާތު ފޮރުވައިގެން ގެންގުޅޭ އަންހެނުންވެސް އުޅޭ- އެތެރޭގެ ޙާލު އެނގޭނީ ކާކަށް-؟"
"ކަލެއަށް އެނގޭނީ ކިހިނެއް-؟ ފަރުޒާނާއަކީ ނުލާހިކު ނުލަފާ، ރަޙުމުކުޑަ އަމިއްލަ އެދުންބޮޑު އަންހެނެއް- އަހަރެމެންގެ ކާވެނިވީ ދުވަހު ވީ ކަމެއްގެ ވާހަކަ ބުނަންތަ-؟ އެ ދުވަހު މީހަކު މަރުވީ- ގާތް މީހަކު- ވަރަށް ގާތް މީހަކު- ފަރުޒާނާ އެކަން ދެނަހުރި- އެކަމަކު އަހަންނަށް އެނގުނަކަ ނުދިން- އެއީ އުފާވެރި ކަމާއެކު ކާވެނީގެ ކަންތައް ނުނިމިދާނެތީ- އޭނާއަށް އެންމެ މުހިންމު ކަމަކަށްވީ އަމިއްލަ އުފާ- އިންސާނެއްގެ މަރު އެއީ އެއްވެސް ކަމަކަށްނުވި- އެއީ ވަރަށް އަމިއްލަ އެދުން ބޮޑުމީހެއް- ރަޙުމަތްތެރިޔާ-"
"ތިޔަ ކަމަކުން އޭނާގެ ނުބައިކަމެއް ސާބިތެއް ނުވޭ- ތިޔަ ކަމުން އެނގެނީ އޭނާގެ ކުރިމަތީގައި އެންމެ އިސް މީހަކީ ކަލޭކަން- އޭނާ އެކަން ސިއްރުކުރީ ކަލޭގެ ހެވަކަށް ކަމަށްވެސް ވެދާނެ-"
އެހެންނެއް ނޫން- ފަރުޒާނާ ދުށް ގޮތުގައި އޭނާގެ ކާވެނިވީ ދުވަހު މަރުވީކަން އެއީ އެމީހާ ކުރި ވަރަށް ބޮޑު ކުށެއް- އޭނާއަށް ކުރެވޭ ވަރުގެ ކަމެއްނަމަ އެކުށުގެ އަދަބުވެސް އެފަކީރަށް ދިނީސް- އެހެންނަމަވެސް އޭރު އޭނާ އަދަބުގެ ޙުދޫދުން ބޭރަށް ހިނގައްޖެ-" ނަޞީރުބުންޏެވެ. "ފަނޑިޔާރުގެ ކަންތައްވެސް ނިކަން ދެކިބަލަ- އަހަރެންގެ މައްޗަށް ޙުކުމް ކުރިއިރު އޭނާ ފަރުޒާނާގެ މައްޗަށް ހަމްދަރުދީ ފާޅުކުރި- އޭނާބުނީ އަހަންނަކީ ހަވާ ނަފްސުގެ އެދުމަށް ބޯލަނބާ އަމިއްލަ ނަފްސުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ ނާކާބިޔާބީއާ ކުރިމަތިލީ މީހެކޭ- އެކަމަކު އަހަންނަށް އެންމެ ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ފަރުޒާނާ ފުރަތަމަ ފެނުނު ދުވަހު ކަން ފަނޑިޔާރަކަށް ނޭނގޭ-"
އޭރު ނަޞީރު ހުރީ ޞާބިރާއި ދިމާއަށް ބަލަހައްޓައި ގެންނެވެ. އެހެންނަމަވެސް އޭނާގެ ކުރިމަތީގައި ސިފަ ވަމުންދަނީ މާޒީއެވެ. މިހާރު ހީވަނީ އެއީ ވަރަށް ކުރީގެ ކަންތައްތަކެއް ހެންނެވެ. އެދުވަސްވަރު ފަރުޒާނާ ވަރަށް ގިނައިން އިޤްބާލް އަޙްމަދާއެކީ އުޅޭތަން ފެނެއެވެ. ހުރިހާ އެންމެވެސް ހީކުރީ އެދެމީހުން އުޅެނީ ހިތާ ވެގެން ކަމަށެވެ. ދެން ހުރީ ޝަބާނާ ޖައްބާރެވެ. އަހަރެން ކަހަލަ ފަޤީރެކެވެ. އެއްވެސް ޙައިސިއްޔަތެއް ނެތް ކުއްޖެކެވެ. އޭނާގެ ހުވަފެނުގެ ރަސްކަލަކީ އިޤްބާލެވެ. އޭނާއަށް ކުރެވޭނެ ނަމަ އިޤްބާލަށް އަޅުކަންވެސް ކުރީހެވެ. އަހަރެމެން އެންމެނަށްވެސް ހީވަނީ ތަމްސީލު ކުޅޭ ބައެއް ހެންނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ބައި އަދާ ކުރަނީއެވެ. ޑްރީމް ކްލަބަކީ މި ތަމްސީލު ކުޅޭ އިސްޓޭޖެވެ.
(ނުނިމޭ)