އެނބުރޭ ވަހުތާން (15)

(16 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެންމެ ފަހުން ކޯޓުން ފޭބީ ޝަބާނާއެވެ. ފަރުޒާނާ އެމީހުންނާ އެކީ ވާހަކަ ދައްކަމުން ހޯލާ ދިމާއށް ހިނގައިގެންފިއެވެ. ހިނދުކޮޅަކު މަޑުޖެހިލުމަށް ފަހު އިޤްބާލްވެސް އެމީހުންގެ ފަހަތުން ހިނގައިގެންފިއެވެ. ޝަބާނާ ފުރުޞަތުގެ ބޭނުން ކޮށްގެން އިޤްބާލާ ހަމައަށް ފަހަތަށް ޖެހިލިއެވެ.

"މިރޭ ނުކުޅުއްވަންތޯ-؟" އޭނާ އަހައިލިއެވެ.

"މިރެއަކު ކުޅޭ ހިތެއް ނުވޭ-"

މިރޭ އިޤްބާލް ވަނީ މުޅިން އެކަނި ހުންނަ ހިތެވެ. ޝަބާނާ ގަސްތުގައި މަޑުމަޑުން ހިނގަނީއެވެ. އިޤްބާލަށްވެސް ޖެހުނީ މަޑުން ހިނގާށެވެ. ރިވެރި ގޮތަކީ އެއީ ކަމަށް ވާތީއެވެ. އަމިއްލަ ނަފްސު ދެކެވެސް މިހާރު ރުޅި އަންނަން ފަށައިފިއެވެ. މި ރީތި އަންހެން ކުއްޖާއާ ދިމާއަށް ބަލައިލެވޭ ކޮންމެ ފަހަރަކު އޭނާއަކީ ކުށްވެރިއެއް ކަމުގައި ހީކުރެވެން ފަށައެވެ. ޝަބާނާ އޭނާޔާ މާ ބޮޑަށް ކައިރި ވަމުން ދާތީވެސް ރުޅި އާދެއެވެ. ޝަބާނާއަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާ އެއްވެސް ކަމެއް ނުކުރެއެވެ.

"ޝަބާނާ- މި އޮތީ ޝަބާނާގެ ރުމާ- ތިޔަ އައީ ގޮނޑި މަތީގައި ބާއްވާފައި-" ޝަބާނާއާ އެކު ޓެނިސް ކުޅެން އުޅުނު ފިރިހެން ކުއްޖާ ގޮވައިލިއެވެ.

ޝަބާނާ ޝުކުރު އަދާކޮށްފައި ރުމާ އަތުލައިފިއެވެ. ދަނޑިވަޅުގެ ބޭނުން ކޮށްގެން އިޤްބާލް ފިލައިފިއެވެ. ޝަބާނާ ކުރާނޭ ކަމެއް ނެތިފައި ހުރީއެވެ. އޭގެ ފަހުން އިޤްބާލާއި ފަރުޒާނާއާ ދެ މީހުން ކްލަބުން ނުކުތް ތަން ޝަބާނާއަށް ފެނުނެވެ. އޭނާ ފެންޑާގައި އިނދެގެން ތަރި ގުނަނީއެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު ކޮނޑު މަތީގައި އަތުން ޖަހައިލީމައެވެ. އެނބުރި ބަލައިލީއިރު އެއީ ނަވީންއެވެ.

"ޝަބާނާ- ހިނގާ ގެއަށް ލައިދޭނަން-"

ގެއަށް ދިޔަ މަގުމަތީގައި ނަވީންގެ ހަލުވި ދޫ ހިމޭނުން ބާއްވައިފައި އޮތަތީ ޝަބާނާ ވަރަށް އުފާ ކުރިއެވެ. ޝަބާނާ އޭނާގެ އަމިއްލަ މައްސަލަތަކާ މެދު ވިސްނަނީއެވެ. އިޤްބާލްގެ އިންސާފެއް ނެތްކަން ހިތަށް އަރާފައި އޭނާ ރުޅި އައެވެ. ފަރުޒާނާގެ ފަހަތުން ދުވަމުން ދާތީއެވެ. ޝަބާނާ ވަމުން ދާ ކަހަލަ ލޯތްބެއް ދުވަހަކުވެސް ފަރުޒާނާ އޭނާ ދެކެ ނުވާނެކަން އިޤްބާލަކަށް ނޭނގެއެވެ. އޭނާ ފަރުޒާނާ ދެކެވެސް ރުޅި އާދެއެވެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫނެވެ. ފަރުޒާނާ އިޤްބާލާ ދިމާއަށް ނުލެނބޭކަން އޭނާއަށް އެނގެއެވެ. ފަރުޒާނާގެ ފަހަތުން އަޅައިގަނެގެން އުޅެނީ އިޤްބާލެވެ.

ނަވީން ޝަބާނާގެ ގޭ ދޮށަށް ކާރު މަޑުކޮށްލައިފައި ބުންޏެވެ. "ޝަބާނާ ކޮއިފުލާ- ވާން ކޮށްފައި ބަހައްޓާ- އެއްގޮތަކަށްވެސް ދޫ ނުކުރާތި- ހިތް ބަލި މީހުންނަކަށް ހަނގުރާމައިގައި ކާމިޔާބެއް ނުލިބޭނެ-"

ޝަބާނާ ހިނިތުން ވެލިއެވެ. "ގެއަށް ގެނެސްދިނީތީ ޝުކުރިއްޔާ ނަވީން- ކަލޭ ވަރަށް ހެޔޮ-"

ގެއަށް ދިއުމުގެ ބަދަލުގައި ނަވީން މިސްރާބު ޖެހީ ރޫފީގެ ގެއަށެވެ. އެ ގޭގެ ދޮރުގައި ޓަކި ޖަހައިލުމާއެކު ދޮރު ހުޅުވިއްޖެއެވެ. ނަވީން ފެނުމުން ރޫފީ ވަރަށް ބޮޑަށް ޙައިރާން ވިއެވެ. އެކަމަކު އޭނާ އެތެރެއަށް ވަންނާން ތަން ދެއްކިއެވެ. "ކަލޭ މިތަނަށް އައުމަކީ ރަނގަޅު ކަމެއްނޫން-" އޭނާ ބުންޏެވެ.

"ހޫނ- މީހުން ދެކެ ބިރުގަންނަނީތާ-!"

"އަހަރެމެން ފަންތީގެ މީހުން ދުނިޔެއަށް އުފަން ވަނީވެސް ތިޔަ ކަހަލަ ބިރާ އެކީގައި-" ރޫފީ ސާދާ ކަމާއެކު ބުންޏެވެ. "އިށީނދޭ-"

"އަހަރެން އައި ބޭނުމެއް ނާހާނަންތަ-؟"

"ހެޔޮ ނަޞީބު އަންނަނީ ކީއްވެގެންތޯ އަހައިގެން ބަދުނަސީބަށް ބަދަލު ކުރަންވީތަ-؟"

"އަހަރެން އައީ ޕިޔާނާ ޖަހާ މީހަކަށް އަހަންނަށް ދެވޭނީ ކޮން އެއްޗެއްތޯ ބަލާލަން ވެގެން-" ނަވީން ބުންޏެވެ. "ރާ ބުއިމަކީ އަހަރެންގެ ކަށީގައި ހިފާފައިވާ ކަމެއް- އެއީ ބޮޑު ބޭބެގެ ހެޔޮކަން-"

"އަހަރެންގެ އަތުގައި ހުރި އެއްޗެއް ވިއްޔާ މިހިރީ ދިމާއަށް ފެންނަން-"

"މިހާރު ތިޔަ ކުރާ މަސައްކަތުން ލިބޭނޭ އެއްޗެއް އެބަ އޮތްތަ-؟"

"އެއްވެސް އެއްޗެއް ނުލިބިވެސް ހިނގައިދާނެ- އަހަރެން ބޭނުން ވެގެން އުޅޭ ކަންތައް ފުރިހަމަ ނުވުމަކީވެސް އެކަށީގެންވާ ކަމެއް-"

"އުއްމީދު ފުރިހަަމަ ކުރަން މަސައްކަތް ނުކޮށް ތިޔަހެން ނުބުނޭ-" ނަވީން މާނައިން ފުރިފައިވާ ރާގަކަށް ބުނެލިއެވެ.

ރޫފީ އޭނާއާ ދިމާއަށް ބަލައިލިއެވެ. ނަވީންއަށް އޭނާގެ މޮޔަކަން އިހްސާސް ކުރެވެން ފަށައިފިއެވެ. ރޫފީގެ ލޮލުންވެސް އޭނާއަށް ފެންނަނީ އެހެން ފިރިހެނުންގެ ލޮލުން ފެންނަ ކަހަލަ ވިދުވަރެކެވެ. އެހެން ކަހަލަ ވިދުވަރަކަށް އުއްމީދު ކުރެވުނީ އޭނާގެ މޮޔަ ކަމުންނޭ ހިތަށް އެރިއެވެ.

"އަހަންނަށް އަނގޮޓިގަނޑެއް ގަނެލެވިދާނެ-" ރޫފީބުންޏެވެ. "އަހަރެންގެ ފަޤީރު ޙާލާއެކުވެސް ކަލެޔާ ކާވެނި ކުރެވިދާނެ-"

ނަވީން ޙައިރާން ވެފައި ރޫފީއާ ދިމާއަށް ބަލައިލިއެވެ. ރޫފީ އިސް ދަށަށް ޖަހައިލިއެވެ.

"އަހަރެންގެ މި އެދުން ކަލޭ ފިޔަވައި އެހެން އަންހެން ކުއްޖަކަށް ހުށަހެޅި ނަމަ ފުރިހަމަވީސް- އެހެންނު-؟"

"ކަލޭ އަހަރެންގެ ލޯބީގެ ދަލުގައި ރަނގަޅަށް ޖެހުނީތާ-؟ ތިޔަހަރީ ހަމަ ރަނގަޅަށްވެސް މޮޔަ ވެފައި-"

"ތިޔަ ދެ ވާހަކަވެސް ހަމަ މުޅީން ރަނގަޅު- މިހާރު އަހަންނަށް މަލާމާތް ކޮށްފައި ހުނަސް އެންމެ ރަނގަޅު-"

"ހޭންވީ ކީއްވެގެން-؟ އެކަމަކު ތިޔަ ކަމެއް ނުވާނެ- ހުރިހާ ކަމެއް ތާކުންތާކު ނުޖެހި ނިމޭނީ- އެއީ އަބަދުވެސް ވާގޮތް- މިހާރު ލިބެން އޮތް އުފަލެއް ޙާޞިލް ކޮށްލީމާ ނިމުނީ-"

"އަހަރެން ފަހު ރޯއްޖަށް ބަލަން އިންތިޒާރު ކުރާނީ-"

"އިންތިޒާރު ކުރުމަކުން އެއްވެސް ކަމެއް ބަދަލެއް ނުވާނެ- މޮޔަ ނުވޭ- ޒުވާން އުމުރު ވަރަށް އަވަހަށް ފާއިތު ވެދާނެ-"

ކަންތައްތައް ބަދަލު ވުމަކީވެސް އެކަށީގެންވާ ކަމެއް-" ރޫފީ ގޮތް ދޫނުކުރާ ކުޑަކުއްޖެއްހެން ބުނެލިއެވެ.

"ހޭ ބަހައްޓައިގެން ވާހަކަ ދައްކަބަލަ- އަހަރެން ކުރިން ކިޔައިދިން ވާހަކަތަކަކީ އަމިއްލައަށް ހެދި ފުލޯކެއް ނޫން- ކުރިން ވީ ކަންތައްތައް ފަހުންވެސް ވެދާނެ- ހިތި މާޒީއަކީ ދުވަހަކުވެސް އިންސާނެއްގެ ފަހަތުން ފިލާނޭ އެއްޗެއް ނޫން- އަދި އަހަރެންގެ އުފަލަށްޓަކައި އެކަހަލަ ކަންތައްތައް ތަކުރާރުވެސް ކޮށްފާނަން- އަހަންނަކީ އެކަހަލަ މީހަކީން-"

"ފަރުވާލެއް ނެތް-" ރޫފީ ކޮނޑު ހިއްލައިލިއެވެ.

"އެކަމަކު އޭރުން އެއީ ކަލެއަށް ކުރެވޭ ބޮޑު އަނިޔާއަކަށް ވާނެ- ކަލޭގެ އެއްޗަކުން އެހެން މީހުން އުފާ ޙާޞިލް ކުރާނެ-"

ނަވީން ރޫފީއާ ވަރަށް ކައިރިއަށް އަތުވެއްޖެއެވެ. އޭނާގެ ނޭވާގެ ހޫނުކަން ރޫފީއަށް އިޙްސާސް ކުރެވޭ ހިސާބަށެވެ. "އަހަރެން އިންތިޒާރު ކުރާނަން-"

"އަހަންނަކީ ބޯ ގޯސް ވެފައިވާ މީހަކީން- އެކަމަކު ކަލޭ އަހަންނަށް ވުރެވެސް ބޮޑަށް މޮޔަކަމެއް އިހަކަށް ނޭނގޭ-"

ރޫފީ ހިނިތުން ވެލިއެވެ. އެ ހިނިތުންވުމުގެ ސަބަބުން ހިނދުކޮޅަކަށް އޭނާގެ ޝަޚްސިއްޔަތު ބަދަލުވެއްޖެ ކަމުގައި ނަވީންއަށް އިޙްސާސް ކުރެވުނެވެ. "އަހަރެން ދަނީ-؟" އޭނާ ބުނެލިއެވެ.

"އެންމެރަގަޅު- މިގެޔާ ހަމައަށް އަޔަތީ ޝުކުރު އަދާ ކުރަން- އަހަރެން ދެއްކި ހުރިހާ ވާހަކައެއް ހަނދާން ބައްޓާތި-"

ނަވީން ދޮރާ ހަމައަށް ހިނގައްޖެއެވެ. ދޮރު ހުޅުވާފައި ބޭރަށް ނުކުމެ އޭނާ އެނބުރި ބަލައިލިއެވެ. ރޫފީ ޙައިރާން ވިއެވެ. ނަވީންގެ ލޮލުން ކަރުނަ ފައިބަނީއެވެ."ކްލަބުން ބައްދަލުކުރާނަން-"

ހިނާ އޭނާގެ ދަރިފުޅު ޝަބާނާއާ ވާހަކަ ދައްކަން ފެށީ ފިރިމީހާ ގޭގައި ނެތި ދެމައިން އެކަނި ވީމައެވެ. މި ދުވަސްވަރު ޝަބާނާ ހުންނަނީ ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެއީ ކީއްވެގެންކަން ހިނާއަށް އެނގެއެވެ.

"ފައިސާވެރިންގެ ވިސްނުމާ، ގޮތާ، ބާވަތް ހުންނަ ގޮތް މިހާރު ކަލެއަށް އެނގިއްޖެތަ-؟" ހިނާ އަހައިލިއެވެ.

ޝަބާނާ އެއްވެސް ޖަވާބެއް ނުދިނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.