ސިޔާސީ ބޭނުމަށް ދީން ހަތިޔާރަކަށް ހެދުމަކީ ދައުލަތުގެ ބިންގަލަށްދެވޭ ހަމަލާއެއް- ޝާހިދު

ސިޔާސީ ތަފާތު ބޭނުން ތަކަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ދިވެހި ދައުލަތުގެ ބިންގަލަށް ދެވޭ ހަމަލާއެއް ކަމަށާއި އެކަން ހުއްޓާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ދީނީ އިލްމްވެރިޔާ ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސުމާއެކު ރާއްޖޭގެ ބަޔެއް ދީނީ އިލްމްވެރިން ޑރ ޝަހީމުގެ ފަހަތުގައި ތިބިކަން ހާމަކޮށް ޕްރެސްކޮންފަރެންސެއް ބޭއްވިތާ ކުޑައިރުކޮޅެއް ފަހުން ޝާހިދު ވިދާޅުވީ އިސްލާމް ދީނަކީ ދިވެހި ދައުލަތުގެ އެންމެ މުހިންމު މަސްދަރު ކަމަށެވެ. އަދި އިސްލާމް ދީނަކީ ދިވެހިން އެއްބައިވަންތަ ކުރުވާ އަސާސް ކަމަށެވެ.

ޝާޙިދު ވިދާޅުވީ އިސްލާމް ދީނަކީ ވަކި ސިޔާސީ ފިކުރެއްގެ އަމިއްލަ މިލްކެއް ނޫން ކަމަށާއި ސިޔާސީ ބޭނުންތަކަށް އިސްލާމް ދީނަކީ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށެވެ. ޝާހިދުގެ އިތުރުންވެސް އިދިކޮޅު ބަޔެއް ސިޔާސީ އެހެން ބޭފުޅުންވެސް ވަނީ ޑރ ޝަހީމް ރަނިންމޭޓަކަށް ހެދުމާއި ހަމައިން ބަޔެއް ދީނީ އިލްމްވެރިން ދީން ހަތިޔާރަކަށް ހަދަމުންދާ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް ބަޔެއް ދީނީ އިލްމްވެރިން ޕީޕީއެމްގެ ފަޅިއަށް އެރިއިރު އަދާލަތު ޕާޓީ އާއި ބަޔެއް ދީނީ އިލްމްވެރިން ތިބީ އިދިކޮޅު ކޯލިޝަނުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.