ތުރުކީގައި 18 ހާސް ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ތުރުކީގައި ހިންގާފައިވާ އެމަޖެންސީ އުވާލުމަށް ގޮވާލައި ބަޔަކު މުޒާހަރާކުރަނީ

ތުރުކީގައި މިއަދު ހެނދުނު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި އަމުރަކުން 18 ހާސް ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ. ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުންނާއި، މުދައްރިސުންނާއި، ޔުނިވަސިޓީތަކުގެ ލެކްޗަރާއިންވެސް ހިމެނެއެވެ.

މިއަދު ގެޒެޓުގައި ޝާއިޢުކުރި އަމުރުގައި ނުވަހާހަށްވެރު ގިނަ ފުލުހުންނާއި، ސިފައިންގެ ހަހާސް މީހުން ހިމެނޭހެން 18632 މުވައްޒަފުންގެ ނަން ހިމެނެއެވެ. ތުރުކީގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މިއީ ޖުލައި 2016 ގައި ގެންނަން އުޅުނު އިންގިލާބާ ގުޅިގެން ހިންގި އެމަޖެންސީ އުވާލުމުގެ ކުރިން ނެރޭނެ މިފަދަ ފަހު އަމުރެވެ.

ވަޒީފާއިން ވަކިކުރެވުނު މީހުންގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ އެއްހާސް މުވައްޒަފުންނާއި، އެޑިޔުކޭޝަން މިނިސްޓްރީގެ 650 އަށްވުރެ ގިނަ މުވައްޒަފުން ހިމެނޭކަމަށް ވެއެވެ.

ރިޔާސީ އައު ދައުރަކަށް ފާއިތުވި ޖޫން މަހު 24 ވަނަ ދުވަހު ހޮވިވަޑައިގަތް ރަޖަބު ޠައްޔިބު އެރްދޮޣާން އަންނަ ހޯމަ ދުވަހު އައު ދައުރުގެ ހުވައި ކުރެއްވުމަށް ފަހު އެމަޖެންސީ އުވާލައްވާނެކަމަށް ތުރުކީގެ ނޫސްތަކުން ބުނެއެވެ. އެއީ އޭނާ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ކުރެއްވި ވަޢުދެކެވެ.

އެޕްރީމް 2017 ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ގާނޫނު އަސާސީއަށް ގެނައި ބަދަލާ އެއްގޮތަށް ހޯމަދުވަހުން ފެށިގެން ތުރުކީގެ ވެރިކަން ފުރިހަމަ ރިޔާސީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުގެ މަގާމު އުވާލާނެއެވެ. އޭރުން، ރައީސަށް ފުރިހަމަ ތަންފީޒީ ބާރު ލިބި، ރިޔާސީ އަމުރުން ކަންކަން ހިންގެވުމުގެ ބާރު ލިބިވަޑައިގަންނަވާނެއެވެ.

މިއަދު ތުރުކީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި އަމުރުތަކުން 12 މުއައްސަސާއަކާއި، ޓެލެވިޒަން ޗެނެލަކާއި، ތިން ނޫހެއް ބަންދުކޮށްފައި ވެއެވެ. އަދި ކުރީގެ އަމުރުތަކުން ވަޒީފާއިން ވަކިކުރެވުނު 148 މީހެއްގެ ވަޒީފާ އިއާދަކުރުމަށްވެސް އަންގާފައި ވެއެވެ.

ތުރުކީގެ އިދިކޮޅު ޕާޓީތަކާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި އިދިކޮޅު މީހުންގެ އަޑު ކަނޑުވާލުމަށް ހިންގާ އަމަލެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.