ޑރ ޝަހީމާއެކު ރައީސްގެ ކެމްޕޭނު އިތުރަށް ވަރުގަދަވާނެ- ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމާއެކު ރައީސް ޔާމީންގެ ކެމްޕޭން ކުރިޔަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ރައީސްގެ ރަނިންމޭޓަކަށް ޑރ ޝަހީމް ހަމަޖެއްސުމާއެކު މުޅިރާއްޖެއަށް ޕީޕީއެމްގެ ޓީމުތައް ދަތުރު ކުރަން ފަށާނެ ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ރާއްޖޭގެ އެއްބިތަށް ކެމްޕޭން ދަތުރުތައް ކުރައްވާއިރު ރަނިންމޭޓް ޑރ ޝަހީމް ރާއްޖޭގެ އަނެއް ބިތަށް ކެމްޕޭން ދަތުރުތައް ކުރަމުން ގެންދަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އެގޮތަށް ކެމްޕޭނު ފެށުމާއެކު މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި ފޯރިއާއެކު ޕީޕީއެމްގެ ކެމްޕޭނު ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެ ކަމަށެވެ.

ޑރ ޝަހީމް ރަނިންމޭޓަކަށް ހަމަޖެއްސެވުމުގެ ކުރިންވެސް ޕީޕީއެމްގެ ކެމްޕޭން ވަނީ ރަސްމީކޮށް ފައްޓާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީން ފަހަކަށް އައިސް ވަރަށްގިނައިން ރާއްޖޭގެ ރަށްރަށަށް ވަޑައިގަންނަވަމުން ގެންދަވައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.