ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން އެއްކެންޑިޑޭޓް ނެރޭއިރު އެމްޑީޕީން މިހާރު ހުށަހަޅާފައިވާ މެނިފެސްޓޯގައި ހިމަނަން އަދާލަތު ޕާޓީންވެސް ކަންތައްތަކެއް ހުށަހަޅާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ކޯލިޝަނުން އިންތިޚާބަށް ނުކުންނައިރު އެޕާޓީން މެނިފެސްޓޯއަށް ހުށަހަޅާ ކަންތައްތައް މީޑިޔާއަށް ހާމަކުރާނީ މެނިފެސްޓޯ ފައިނަލް ވުމުން ކަމަށާއި އޭގެކުރިން ހާމަ ނުކުރާނެ ކަމަށެވެ. އެހެންވެ އަދާލަތުން މެނިފެސްޓޯއަށް ހުށަހަޅާނެ ކަންތައްތައް އަދި ސާފު ނުވެއެވެ. އެޕާޓީން ވަނީ މެނިފެސްޓޯއާމެދު މަޝްވަރާ ކުރުމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިހް (އިބޫ) އާއެކު މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
އެ ބައްދަލުވުމަށް ފަހު އިބޫ ވިދާޅުވެފައި ވަނީ ކޯލިޝަނުން ވެރިކަމަށް ނުކުންނައިރު މެނިފެސްޓޯވެސް ވެގެންދާނީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ، ހުރިހާ ޕާޓީއެއްގެ ހުށަހެޅުންތަކާއެކު އޮންނާނެ މެނިފެސްޓޯއަކަށް ކަމަށެވެ. ނަމަވެސް އެމްޑީޕީން މިހާރު އެކުލަވާފައިވާ މެނިފެސްޓޯގެ އަސާސްތަކާއި ސިޔާސަތުތައް ހިފެހެއްޓޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ޖޭޕީންވެސް މިހާރު ހާމަކޮށްފައިވާ މެނިފެސްޓޯގައި ތަފާތު ޚިޔާލަށްވުރެ ގިނައީ އެއްގޮތް ޚިޔާލު ކަމަށާއި މެނިފެސްޓޯ ފައިނަލް ކުރައްވާނީ ކޯލިޝަނުގެ ހުރިހާ ބައިވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.