ކޯލިޝަނުގެ އެހެން ޕާޓީތަކުގެ ޚިޔާލާއެކު މެނިފެސްޓޯއަށް ބަދަލު އަންނާނެ- އިބޫ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުންނައިރު އެމްޑީޕީން އާންމުކޮށްފައިވާ މެނިފެސްޓޯއަށް ބަދަލުތަކެއް އަދި އަންނާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި އިދިކޮޅު އިއްތިހާދުން ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ބަޔެއް ކަންކަމާމެދު ކޯލިޝަނުގެ ބައިވެރިޔެއް ކަމަށްވާ ޖުމްހޫރީ ޕާޓީން ޚިޔާލު ތަފާތުވެފައިވާއިރު މެނިފެސްޓޯއާމެދު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީއާއެކު އިބޫ ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީން މިހާރު ނެރެފައިވާ މެނިފެސްޓޯގައި ކޯލިޝަނުގެ އެހެން ބައިވެރިން ބޭނުންވާ ކަންކަންވެސް ހިމަނާނެ ކަމަށެވެ. ޖޭޕީގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ އެމްޑީޕީން މިހާރު ނެރެފައިވާ މެނިފެސްޓޯއަށް އެޕާޓީއަށް ފެންނަ އިސްލާހު ތަކެއް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައެވެ.

އިބޫ ވިދާޅުވީ އެމްޑީޕީން ނެރެފައިވާ މެނިފެސްޓޯއަކީ ހަމައެކަނި އެމްޑީޕީގެ ތަސައްވުރު ކަމަށާއި، ނަމަވެސް އިންތިޚާބަށް ނުކުންނަނީ ކޯލިޝަނެއް ހަދައިގެން ކަމަށްވާނަމަ ކޯލިޝަނުގެ އެހެން ބައިވެރިންގެ ތަސައްވުރުވެސް ހިމެނެންވާނެ ކަމަށެވެ. އަދި ކޯލިޝަނެއްގެ ވެރިކަމެއް އަންނައިރު މެނިފެސްޓޯ ވާންޖެހޭނީވެސް ކޯލިޝަނުގެ އެންމެންގެ އެއްޗަކަށް ކަމަށެވެ. ނަމަވެސް މެނިފެސްޓޯއަށް ބަދަލުތަކެއް ގެންނައިރު އެމްޑީޕީގެ މައިގަނޑު އަސާސްތަކާއި ސިޔާސަތުތައް ހިފަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އެހެންވެ މިހާރު އޮތް މެނިފެސްޓޯއަށް މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ޖޭޕީން ޙިއްސާ ކޮށްފައިވާ މެނިފެސްޓޯގައިވެސް އެމްޑީޕީގެ މެނިފެސްޓޯއާ މާބޮޑު ތަފާތެއް ނެތެވެ. ގިނައީ ދެ ޕާޓީގެ މެނިފެސްޓޯގައިވެސް އެއްގޮތް ކަންކަން ކަމަށާއި މެނިފެސްޓޯ ފައިނަލް ކުރެވިގެންދާނީ ޕާޓީ ތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.