މޫސުމަށް އަންނަ ބަދަލުތަކާއި، ވާރޭގެ ވެހުމުގެ ނިސްބަތަށް އަންނަ ބަދަލުތަކުގެ އަސަރު މިހާރުވެސް ދުނިޔޭގެ އެންމެ ފަގީރު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދަށް ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް ކުރާނެ ކަމަށް ފާއިތުވި ހަފުތާގައި ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
އެ ރިޕޯޓުގައި މުސްތަގުބަލުގައި ކަން ހިނގާފާނެ ގޮތުގެ ދެ ތަސައްވުރެއް ގެނެސްފައި ވެއެވެ. އެއް ތަސައްވުރަކީ "މޫސުމަށް އަންނަ ބަދަލުތައް އިހުސާސުކުރެވޭ" ތަަސައްވުރެވެ. މިހާލަތު މެދުވެރިވާނީ ހުރިހާ ގައުމުތަކެއް ގުޅިގެން ޖައްވަށް ކާބަންޑައި އޮކްސައިޑް ބޭރުވާ މިންވަރު މަދުކުރުމުންނެވެ. ދެވަނަ ތަސައްވުރަކީ "ކާބަން ގިނަވެގެން ދިއުމުގެ" ތަސައްވުރެވެ. މިހާލަތު މެދުވެރިވާނީ މޫސުމަށް އަންނަ ބަަދަލުތައް ކުޑަކުރަން އެއްވެސް ފިޔަވަޅެއް ނޭޅުމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ގެބިސީތަކުގެ ހާލަތަށް އަންނަ ބަދަލުތަކާ އެއްކޮށްލައިގެން ފުރަތަމަ ފަހަރަށް ނެރުނު މި ރިޕޯޓުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމެއް ފެންވަރަށް އަންނާނެ ބަދަލުތައް އަންދާޒާކޮށްފަައެެވެ.
ކާބަން ގިނަވެގެން ދިއުމުގެ ތަސައްވުރަށް ބަލާއިރު 800 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ 2050 އަންނަންވާއިރަށް މޫސުމަށް ނުރައްކާތެރި ނުވަތަ މެދުމިނުގެ ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައެެވެ. އޭގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި ސަރަހައްދުތައް ހިމެނެނީ އިންޑިޔާގައެވެ. ރިޕޯޓުގައި ވާގޮތުން އެހާހިސާބަށް ދާއިރު، 600 މިލިއަނަށްވުރެ ގިނަ އިންޑިޔާ މީހުން ފެނުގެ ދަތިކަން ވަރަށް ބޮޑަށް އިހުސާސުކުރަން ޖެހޭނެއެވެ.
2050 އަންނައިރު، ދެކުނު އޭޝިޔާގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ބަންގްލާދޭޝްގެ އެންމެ ނުރައްކާތެރި ސަރަހައްދުތަކުގައި ދިރިއުޅޭމީހުންގެ އާމްދަނީ 14.4 އިންސައްތަ ދަށަށް ދާނެއެވެ.
ރިޕޯޓުގައިވާ ގޮތުން މޫސުމަަށް އަންނަ ބަދަލުތަކުގެ ފައިދާ ފިނި ސަރަހައްދުތައް ކަމުގައިވާ އަފްޣާނިސްތާނާއި ނޭޕާލަށް ކުރި ނަމަވެސް، ގަނޑުފެން ވިރިގެން ދެމޭ ކޯރުތަކުން ލިބޭ ފެނަށް އެކަމުގެ އަސަރުކުރުން އެކަށީގެންވެއެވެ.
ކާބަން އިތުރުވެގެންދާ ހާލަތު 2050 ގައި އޮވެއްޖެނަމަ އިގްތިސާދީ ކުރިއެރުން ބަންގްލާދޭޝްގައި %6.7، އިންޑިޔާގައި %2.8، ޕާކިސްތާނުގައި %2.9 އަދި ސްރީލަންކާގައި %7 ފަހަތަށް ޖެހޭނެކަމަށްވެސް ރިޕޯޓުގައި ވެއެވެ. އަދި މިކަމުގެ އަސަރު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ވަކިން ބޮޑަށް ކުރާނެކަމަށް ވެއެވެ.