ޓިއުނީސިއާ ބަލިކޮށް ބެލްޖިއަމް ގުރޫޕުގެ އެއްވަނައަށް

ވޯލްޑްކަޕް 2018 ގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު 5 ލަނޑު 2 ލަނޑުން ކާމިޔާބު ކުރީ ބެލްޖިއަމެވެ. ބެލްޖިއަމް ވާދަކުރީ ޓިއުނީސިއާ އާއެވެ.

މިއީ މުބާރާތުން ވެކިނުވެ އޮންނާން ބޭނުން ނަމަ ޓިއުނީސިއާއަށް މޮޅުވާން މަޖުބޫރު މެޗެކެވެ. މެޗު ފަށައިގެން 7 ވަނަ މިނިޓުގައި ބެލްޖިއަމްގެ ހަޒާޑް ބޯޅަ ހިފައިގެން ގޮސް މަސައްކަތް ކުރީ ގޯލް އޭރިއާ ތެރެއަށް ވަންނާށެވެ. ޓިއުނީސިއާގެ ކުޅުންތެރިޔާ އޭނާ ދަތިއަޅުވައި ވައްޓައިލީ އޭރިއާގެ ރޮނގު މަތީންނެވެ. ރެފްރީ ޕެނަލްޓީއެއް ދިނުމުން ޓިއުނީސިއާގެ ކުޅުންތެރިން މައްސަލަ ޖެއްސިއެވެ. އެމީހުން ގަބޫލު ކުރި ގޮތުގައި ކުށް ކުރީ އޭރިއާއިން ބޭރުންނެވެ. އެކަމަކު ވީއޭއާރް ގެ ބޭނުން ހިފައިގެން ބެލިއިރު ކުށް ކޮށްފައި އޮތީ ރޮނގުގެ މަތީންނެވެ. ރޮނގުގެ މަތި ބެލެވެނީ އޭރިއާގެ އެތެރެ ކަމުގައެވެ. ބެލްޖިއަމްގެ ޕެނަލްޓީ ޖެހީވެސް ހަޒާޑެވެ.

ލަނޑެއް ޖެހުމަށް ފަހު ބެލްޖިއަމް ކުޑަކޮށް ހަމަޖެހިލިއެވެ. ޓިއުނީސިއާގެ ކުޅުމަށްވެސް ކުޑަކޮށް ބަދަލު އައެވެ. ހަމައެކަނި ދިފާޢު ކުރުމަކުން މެޗުގެ ނަތީޖާއަކަށް ބަދަލެއް ނާންނާނެކަން އެނގޭތީ ކުޑަކޮށް ކުރިއަށް ޖެހޭން މަސައްކަތް ފެށިއެވެ. އެކަމަކު ޓީމު ރަނގަޅަށް ހަމަނުޖެހި އުޅެނިކޮށް ބެލްޖިއަމުން ދެވަނަ ލަނޑު ޖަހައިފިއެވެ. މި ލަނޑު ޖެހީ 16 ވަނަ މިނިޓުގައި ލުކާކޫ އެވެ. މިއީ ބެލްޖިއަމްގެ ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މި ލަނޑު ޖެހުމުގެ ކުރިންވެސް އޭނާއަށް ލަނޑު ޖަހާނޭ ދެ ފުރުސަތު ލިބުނެވެ.

ބެލްޖިއަމް ދެވަނަ ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވެ ޓިއުނީސިއާއިންވެސް ލަނޑެއް ޖެހިއެވެ. އެއީ 18 ވަނަ މިނިޓުގައި ދައިލާން ބޮލުން ޖެހި ލަނޑެކެވެ.

މި ލަނޑަށް ފަހު ދެ ޓީމުގެ ކުޅުންވެސް ތަންކޮޅެއް ހަލުވި ވެލިއެވެ. އަދި ހަރުކަށީވެސް ވެގެން ދިޔައެވެ. ދެ ޓީމުންވެސް ހަމަލާތައް ގިނަ ކުރެވޭތޯ މަސައްކަތް ކުރަން ފެށިއެވެ.

ބެލްޖިއަމް 3 ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑުވެސް ޖެހީ ލުކާކޫ އެވެ. މިއީ އޭނާ ބެލްޖިއަމްގެ ފުރަތަމަ މެޗުގައި ޖެހި 2 ވަނަ ލަނޑު ޖެހި ގޮތަށް ގޯލްކީޕަރު ޑައިވް ކުރީމާ އޭނާގެ ގައިމަތީން ގޯލުގެ ތެރެއަށް ފޮނުވާލީ ބޯޅައެކެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ބެލްޖިއަމުން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހިއެވެ. މި ލަނޑުވެސް ޖެހީ ހަޒާޑެވެ. އެއީ މެޗުގެ 51 ވަނަ މިނިޓުގައެވެ.

ބެލްޖިއަމްގެ 5 ވަނަ ލަނޑު ޖެހީ 90 ވަނަ މިނިޓުގައި ބަތުޝުއާޔީއެވެ.

ޓިއުނީސިއާގެ 2 ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ޖެހީ ޚަޒްރީއެވެ.

މި މެޗާއެކު ބެލްޖިއަމް ގުރޫޕުގެ އެއްވަނައަށް އެރީއެވެ. އެއީ 6 ޕޮއިންޓާއެކީގައެވެ. ޓިއުނީސިއާގެ ފުރުސަތު ވަރަށް ބޮޑަށް ހަނި ވެގެން ދިޔައީއެވެ. އެ ޓީމަށް ދެ މެޗުން އަދި އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.