
އެމްޑީޕީން މިއަދު ބޭއްވި "ޖަޒީރާ ރަން" ގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފާއި، ޗެއާ ޕާސަންގެ ނާއިބާއި، ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން އެބޭފުޅުން ބަންދުކުރީ މާފަންނު އެކުވެނި ދަނޑުގައި އެހަރަކާތް ކުރިއަށް ގެންދަނިކޮށްނެވެ. މި ހަރަކާތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅައިފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދުމަށް އެޕާޓީން ބާއްވަން މަސައްކަތްކުރި ދުވުމެކެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެބޭފުޅުން ބަންދުކުރި ސަބަބެއް ކަމަށް ފުލުހުން ވިދާޅުވީ މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުމުން ކަމަށެވެ. "ފުލުހުން އެހެން ވިދާޅުވުމުން އަޅުގަނޑުމެން ދެންނެވިން ޕީޕީއެމުން ވެސް މިއަދު އެގެންދަނީ މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގަމުން ކަމަށް. އެކަމަށް ފުލުހުން އެއްޗެއް ވިދާޅެއް ނުވޭ،" ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވީ ފުލުހުން މެދުވެރިކޮށް އެމްޑީޕީގެ މިއަދުގެ ހަރަކާތް ހުއްޓުވަން ކަމަށެވެ.