ވޯލްޑްކަޕް 2018 ގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގައި ކޮސްޓާރިކާއާ ކުޅެ ބްރެޒީލް 2 ލަނޑު 0 ލަނޑުން މޮޅު ވެއްޖެއެވެ.
މިއަދުގެ މުޅި މެޗުގައިވެސް ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނީ ބްރެޒީލެވެ. ބްރެޒީލުން މަސައްކަތް ކުރަމުން ދިޔައީ ތިރިތިރިން ކުޅެގެން އޭރިއާ ތެރެއަށް ވަދެ ލަނޑު ޖަހާށެވެ. މުޅި މެޗު އެކީގައި ކަހަލަ ގޮތަކަށް ކުޅުނީ އެހެންނެވެ.މެޗުގައި ބްރެޒީލުން ވަނީ 23 ހަމަލާ ދީފައެވެ. ކޮސްޓާރިކާއަށް ދެވިފައި ވަނީ އެންމެ ހަތަރު ހަމަލާއެވެ. މިހައި ގިނަ ހަމަލާ ދިނުމާއެކުވެސް ލަނޑެއް ނުޖެހި ދިޔައީ ބްރެޒީލްގެ ލަނޑު ޖެހުމުގެ "ފަގީރު" ކަމުންނެވެ. ފޮނުވައިލާ ބޯޅަތަކުގައި އެކަށިގެންވާ ބާރު ހުރެއެވެ. އެކަމަކު ބައެއް ފަހަރަށް ހުސް ގޯލު ލިބުނީމާވެސް ޖެހީ މައްޗަށެވެ. ބައެއް ފަހަރު ފެންނާން ހުރި ގޯލްކީޕަރުގެ އަތަށެވެ. ގޯލްކީޕަރު މަތަކުރި ބޯޅަތައް މަތަ ކޮށްފައި ހުރީ އޭނާގެ މޮޅުކަމަކުންނެއް ނޫނެވެ. ސީދާ އޭނާގެ އަތަށް ޖެހުމުގެ ސަބަބުންނެވެ.
މެޗުގައި އެންމެ ފާހަގަ ކޮށްލެވުނު ކުޅުންތެރިއަކީ ބްރެޒީލްގެ ފުރަތަމަ ލަނޑު ޖެހި ކޮޓީނިއޯއެވެ. އޭނާ ގެންދިޔައީ އެހެން ކުޅުންތެރިންނަށް ފުރުސަތު ދެމުން މެދު ތެރެއިން ވަރަށް ރަނގަޅަށް ކުޅެމުންނެވެ. ކޮސްޓާރިކާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ނޭމާ ހިފެހެއްޓިއެވެ. ގިނަ ފަހަރަށް ކުށެއް ކޮށްގެންނެވެ. އޭނާ ވައްޓާލައިގެންނެވެ. މިހައިތަނަށް މި މުބވާރާތުގައި އެންމެ ގިނަ ހިލޭ ޖެހުން ލިބިފައި ވަނީ ނޭމާއަށް އަމާޒުކޮށް ކޮށްފައިވާ ކުށުންނެވެ.
މެޗުގެ ދަވަނަ ހާފުގައިވެސް ދެ ޓީމުގެ ކުޅުމަކަށް ބަދަލެއް ނާދެއެވެ. ބްރެޒީލް ގެންދިޔައީ އޭރިއާ ތެރެއަށް ވަދެ ލަނޑެއް ޖަހަން މަސައްކަތް ކުރަމުންނެވެ. ހަމަލާއަކަށް ފަހު ހަމަލާއެއް ފޮނުވަމުން ބާރު ބޮޑު ކުރަމުންނެވެ. ކޮސްޓާރިކާ ގެންދިޔައީ ދިފާޢު ކުރަމުންނެވެ. ފަހަތުގައި އެތުރިގެން ތިބެ ބްރެޒީލްގެ ހަމަލާތައް ނާކާމިޔާބު ކުރަމުންނެވެ.
ބްރެޒީލްގެ ފުރަތަމަ ލަނޑު ޖެހީ އިތުރު ވަގުތުގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަ ވެގެން ދިން 6 މިނިޓުގެ ތެރެއިން ފުރަތަމަ މިނިޓުގެ ތެރޭގައެވެ. މިއީ ތަފާތުކޮށް ބްރެޒީލުން ޖަހަން އުޅުނު ލަނޑެކެވެ. ބޯޅަ ހުރަސް ވީމާ ޖެސުސް މަޑުމަޑުން ޖައްސާލި ބޯޅައެއް ގޯލަށް ޖެހީ ކުއްލިއަކަށް އެ ދިމާއަށް ދުވެފައި ވަން ކޮޓީނިއޯއެވެ. ބްރެޒީލްގެ ފުރަތަމަ މެޗުގައިވެސް ލަނޑު ޖެހީ އޭނާއެވެ.
މި ލަނޑާއެކު ފެނިގެން ދިޔައީ ބްރެޒީލްގެ ރީތި ކުޅުމެވެ. ބައެއް ކޮމެންޓޭޓަރުން ފާހަގަ ކުރި ގޮތުގައި އެ ކުޅުން އެންމެ ފުރަތަމަ ކުޅުނު ނަމަ ބްރެޒީލަށް މާ އަވަހަށް ލަނޑެއް ޖެހުނީހެވެ. އެކަމަކު ލަފާ ކުރެވޭ ގޮތުގައި މި މިބާރާތުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެފައި އޮތީމާ އިތުރު ނުރައްކަލެއްގެ ތެރެއަށް ވަންނާން ބޭނުން ނުވާތީ ބްރެޒީލުން އެ ކުޅުން ނުކުޅުނީއެވެ.
ބްރެޒީލްގެ ދެވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ 6 މިނިޓުވެސް ހަމަވީ ފަހުންނެވެ. 7 ވަނަ މިނިޓުގައި މި ލަނޑު ޖެހީ ނޭމާއެވެ.
މެޗު ނިމުނީމާ ނޭމާ ފެށީ ރޯށެވެ. ލަނޑެއް ޖަހަން އޭނާ ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ނުވެ އެހައި ގިނަ އިރު ވެފައި ލަނޑެއް ޖެހުނީމާ ރޮވުނީ ކަމަށް ބައެއް ކޮމެންޓޭޓަރުން ފާހަގަ ކުރިއެވެ.
މިއަދުގެ މެޗުން މޮޅު ވުމާއެކު ބްރެޒީލް މިހާރު އޮތީ 4 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. ކޮސްޓާރިކާ މުބާރާތުން ކެޓީއެވެ.