އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަދޭން ސައޫދީން ތައްޔާރުވެއްޖެ

ސައޫދީ އަންހެނުންތަކެެއް އެމީހުންގެ ލައިސަންސް ދައްކާލަނީ

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު ކަމަށް މީގެ އެއް އަހަރުކުރިން މުޙައްމަދު ބިން ސަލްމާން ވަޑައިގަތް ފަހުން ގެންނަވަން ފަށްޓަވާފައިވާ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަށް އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. އެ ބަދަލަކީ އަންހެނުންނަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދިނުމެވެ.

އަންހެނުނަށް ލައިސަންސް ދޫކުރަން ކުރިން ފަށާފައިވީ ނަމަވެސް، ދުއްވުމުގެ ހުއްދަދޭން ނިންމާފައި ވަނީ މި ޖޫން މަހުގެ 24 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.

އެތައް އަހަރެއް ކުރިއްސުރެ އަންހެނުންނާ ދެކޮޅަށް އެޅިފައި އޮތް ތަފާތުކުރުމuގެ ފިޔަވަޅެއް ކަމަށް އެއް ބަޔަކު ދެކެމުން އައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުން ނިމުމަކަށް ގެނައުމަކީ މުޙައްމަދު ބިން ސަލްމާންގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅެވެ.

އާދީއްތަ ދުވަހު ސައޫދީ އަންހެނުންގެ އެތައް ހާސް ބަޔަކު ހުންގާނުގެ ފަހަތުގައި ތިބެގެން މަގުމައްޗަށް ނުކުންނައިރު، ގިނަ ބަޔަކު އެކަން ސިފަކުރަނީ ސައޫދީ މުޖުތަމައުގެ މަލަމަތި ބަދަލުކޮށްލާނޭ ކަމެއްގެ ގޮތުގައެވެ.

"ހަމަހަމަ ރައްޔިތެއްގެ ގޮތުގައި އަހަރެން ބަލައިގަތް ފަދަ" އަލަށް ލައިސަންސް ލިބުން ސިފަކުރަމުން އައްރިޔާޒު ނޫހުގެ ލިއުންތެރިޔާ ހަތޫން އަޖްވަދު އަލްފާސީ ބުންޏެވެ. "އަހަރެންނަށް އަަދިވެސް ހީވަނީ ޚިޔާލީ ދުނިޔެއެއްގައި ހެން މިހިރީ"

ވީހާވެސް ގިނަ އަންހުންނަށް ލައިސަންސު ހޯދުުމުގެ މަގު ފަހިކުރުމަށްޓަކައި ލައިސަންސު ދޫކުރުމުގެ މަސައްކަތް އޮތީ ވަރަށް ފަސޭހަކޮށްފައެވެ. އެހެން ގައުމެެއްގެ އެއްގަމު އުޅަނދު ދެއްވުމުގެ ލައިސަންސް ކުރިން އޮތް އަންހެނެއް ވިއްޔާ އިތުރު އެއްވެސް އިމްތިހާނެއް ނެތި ލައިސަންސް ދޫކޮށްފައި ވެއެެވެ.

"އަހަރެންނަށް ސައޫދީ ލައިސަންސް ލިބުނުހާ ފަސޭހައިން އެއްވެސް ލައިސަންސެއް ނުލިބޭ. މިއީ އަހަރެންގެ ހަޔާތުގައި އެންމެ ފަސޭހައިން ލިބުނު ލައިސަންސް" އަލްޚުބަރުގައި ފައިނޭންސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ ނޫރު އަޝްދާވީ (36) ބުންޏެވެ. "15-20 މިނެޓަށް ވުރެ ގިނަ އިރެއް ނުނަގާ. އެކަމުގައި ތިބި މުވައްޒަފުން ވަރަށް ރަނގަޅު. އަހަރެންނަށް ބުނެވިދާނެ އަހަރުމެންނަށް ލައިސަންސް ލިބޭތީ އުފާވެފައި ތިބިވަރަށް، ލައިސަންސް ދެވޭތީ އެބައިމީހުންވެސް އުފާވެފައި ތިބިކަމަށް".

ސައޫދީ އަރަބިއްޔާގައި އަންހުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަން ފަށާފައި ވަނީ މިމަހުގެ ކުރީކޮޅުގައެވެ. 2020 އަންނަން ވާއިރަށް އެގައުމުގައި 3 މިލިއަން އަންހެނުން ލައިސަންސް ނަގާނެކަމަށް ލަފާކުރެވެެއެވެ. މިކަމުގެ ސަބަބުން އަންހެނުންގެ ވަޒީފާގެ ފުރުސަތު އިތުރުވެ 2030 އާ ހަަމައަށް އިގްތިސާދަށް 90 ބިލިއަން ޑޮލަރު އިތުރުވާނެ ކަމަށްވެސް ލަފާކުރެވިފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.