ޖުމްހޫރީޕާޓީ (ޖޭޕީ) ގައި ރައީސަކު ހުންނަ ގޮތަށް އެޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ކައުންސިލުން މިރޭ ފާސްކުރައްވައިފިއެވެ.
މިއިސްލާހު ގެނެސް މިގޮތަށް ފާސްކުރައްވައިފައިވަނީ ޖޭޕީގެ އޮފީހުގައި މިރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.
އެޕާޓީގައި ރައީސްގެ މަގާމް އުފައްދައި އެމަގާމަށް ގެންނަން ޕާޓީގެ ލީޑަރޝިޕުން ބޭނުންވަނީ އެޕާޓީއާ ވަރަށް ފަހުން ގުޅިވަޑައިގެންފައިވާ ތޮއްޑޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ކަމަށް އާފަތިހަށް ވަނީ ކަށަވަރުވެފައެވެ.
ރައީސްގެ އިތުރަށް ނާއިބު ރައީސަކާއި، ލީޑަރަކާއި، 4 ނާއިބު ލީޑަރުން ތިބޭގޮތަށްވެސް ކައުންސިލުން މިރޭ ވަނީ ފާސްކުރައްވައިފައެވެ.
ކައުންސިލްގެ މި ނިންމުން ދެން ހުށަހަޅާނީ މިމަހު 21 އިން 22 އަށް ޕެރަޑައިސްގައި ބާއްވާ ޖޭޕީގެ ކޮންގްރެސްއަށެވެ. އެއަށް އަމަލުކުރަން ފެށޭނީ ކޮންގްރެސްއިން އެ ފާސްކުރުމުންނެވެ.
ރައީސަކަށް ގެންނަން ގޮންގްރެސްއަށް ހުށަހަޅަން ނިންމައިފައިވަނީ ވެސް އަލީ ވަހީދުގެ ނަން އެކަނި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އަލީ ވަހީދަކީ ކުރިން ޑީއާރުޕީގައި ހުންނެވުމަށްފަހު އެމްޑީޕީއަށް ބަދަލުވެ އަދި ވަރަށްފަހުން ޖޭޕީއަށް ބަދަލުވެވަޑައިގެންނެވި ބޭފުޅަކަށް ވާތީ އެފަދަ މަގާމެއް އޭނާއަށް އަދި ހައްގުނޫން ކަމަށް ބުނެ ޖޭޕީ ތެރޭގައި ފެކްޝަން އުފެދިދާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މިކަމާ ބެހޭގޮތުން ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސާލިހު ވިދާޅުވީ މިރޭ ކައުންސިލުން ފާސްކުރި އިސްލާހުތަކުގެ ސަބަބުން ޕާޓީ ޒުވާން ވެގެންދާނެ ކަމަށެވެ. ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަގާމް އުފައްދައި ހުޅުވާލުމުން ކޮންމެ މީހަކަށް ވެސް އެމަގާމަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަލީ ވަހީދަށް ވެސް އެބައޮތް އެފުރުސަތު، ސަމީރަށް ވެސް އެބައޮތް އެފުރުސަތު އަދި ޑރ. މައުސޫމާއި އެހެން ބޭފުޅުންނަށްވެސް އެފުރުސަތު އެބައޮތް،" އަލީ ސާލިހު ވިދާޅުވިއެވެ.