ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން ޕޮލިހާއި ކަސްޓަމްސްގެ ވެރިން މަޝްވަރާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ދެ ތަނުގެ ވެރިން މަޝްވަރާ ކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޑެޕިއުޓީ ކަމިޝަނަރ އޮފް ޢަބްދުﷲ ނަވާޒު އާއި ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ބައްދަލު ކުރައްވައި މަސްތުވާތަކެތި ރާއްޖެއަށް ޓްރެފިކް ކުރުން ހުއްޓުވަން މަޝްވަރާ ކުރެއްވި ނަމަވެސް އެކަންކަމާމެދު ނިންމި ގޮތެއް ހާމަނުކުރައްވައެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި  ބައްދަލުވުމުގައި މައިގަޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ރާއްޖެއަށް މަސްތަކުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ފުލުހުންނާއި ކަސްޓަމްސް އާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ދެފަރާތް ގުޅިގެން މިހާރަށް ވުރެ ހަރުދަނާގޮތެއްގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ.

ފުލުހުންނާއި ކަސްޓަމްސްގެ ވެރިން މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން ދެފަރާތް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާ ކުރެއްވިއިރު ދާދިފަހުންވެސް ވަނީ އީރާނުގެ މަސް ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރާއްޖޭގެ ސަރަހައްދުގެ ފަރެއްގެ މައްޗަށް ބޯޓު އަރާފައި އޮއްވައި ފެނިފައެވެ.

އެބޯޓަކީ މަސްތުވާތަކެތި ގިނަ އަދަދަކަށް ހިފައިގެން ރާއްޖެ އައި ބޯޓެއްކަން ކަށަވަރުވީ ބޯޓު ފުންކުރަން ސިފައިން ދިޔުމުން ބޯޓުގެ ފަޅުވެރިން ބޯޓުގައި ރޯކޮށްލުމަށް ފަހު ކަނޑަށް ފުންމާލިތާ ގިނައިރު ތަކެއްނުވެ އެ ސަރަހައްދުގެ ރަށްރަށަށް މަސްތުވާތަކެތި ގިނަ އަދަދަކަށް ލައްގަން ފެށުމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.