އެމްޑީޕީއަށް ޖެހޭނީ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ނެރެން: އުމަރު

މިއަހަރު ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެމްޑީޕީން ނެރެންޖެހެނީ ޝަރުތުހަމަވާ ސައްހަ ކެންޑިޑޭޓެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ހާމަކުރައްވައިފައިވާ އުމަރު ވިދާޅުވީ ރައީސް ނަޝީދަކީ ޝަރުއީ ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެއްކަމަށް ސީދާ އެމްޑީޕީން ވެސް ގަބޫލުކުރާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދު އެކަނި ޕްރައިމަރީގައި ބައިވެރި ކުރުވައިގެން އެމަނިކުފާނަށް ރިޔާސީ ޓިކެޓް އަރުވައިފައިވަނީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އުމަރު ވިދާޅުވިއެވެ.

"އަހަރެންވެސް ގަބޫލުކުރަން ގާޒީއަކު "ވަގަށް ނެގުމުން" ރައީސް ނަޝީދަށް ކުރައްވައިފައިވާ ހުކުމް ނުވަތަ ދީފައިވާ އަދަބަކީ އެކަށީގެންވާ އަދަބަކަށްވުރެ ބޮޑު އަދަބެއްކަން. އެކަމަކު ހުކުމެއް އަންނަންޖެހޭ. އެކަމަކު ކޮށްފައިވާ ހުކުމަކީ މާބޮޑު ހުކުމެއް،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވަން އުޅުއްވި ހިސާބުން ފެށިގެން އެކަން އެގޮތަށް ނުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އެންގެވި އެންގެވުމަކީ ރަނގަޅަށް އެންގެވި އެންގެވުމެއް ކަމަށް ގަބޫކުރައްވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަކަށް ނޯންނާނެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ބޭފުޅަކު ބައިވެރި ކުރުމުގެ ފުރުސަތު ދެވޭކަށް. އެހެންވީމާ މިކަމުގައި އިލެކްޝަނުން އަމަލު ކުރައްވަނީ ރަނގަޅަށް ކަމަށް ދެކެން،" އުމަރު ވިދާޅުވިއެވެ.

އެމްޑީޕީން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބައިވެރިވެވޭނެތޯ ކަނޑައަޅުއްވާނީ ސީދާ ސްޕްރީމް ކޯޓުން ކަމަށެވެ. ސްޕްރީމްކޯޓުން އެކެއް ފެބުރުއަރީގައި ނެރެފައިވާ ހުކުމުން ވެސް ރައީސް ނަޝީދު މިނިވަންވެފައިވާ ކަމަށް އެޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވަނީ ވިދާޅުވެފައެވެ. އެފަހުން އެ ހުކުމް ބާތިލްކޮށް ހުކުމް ނެރެފައިވަނީ ސްޕްރީމްކޯޓުގެ ފުލް ބެންޗުން ނޫން ކަމަށްވާތީ އެއީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި، އުމަރު ނަސީރާއި، ރައީސް މުހައްމަދު ނަޝީދާއި، އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ސުޖާއު ހުސައިނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.