ބަޔަކު އިންތިޚާބަކުން ބަލިވާއިރަށް މަލާމާތް ނުކުރޭ، އަމިއްލަ ގައުމަށް ޖޯކު ޖަހައިގެން ނުވާނެ- ޝަރީފް

މިރޭ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އދ. ގެ ސަލާމަތީ މަޖިލީހަށް ރާއްޖެ ވާދަކޮށް އިންޑޮނޭޝިޔާ އަތުން ނާކާމިޔާބު ވުމާއެކު އިދިކޮޅު ބަޔެއް ފަރާތްތަކުން އެކަމަށް މަލާމާތް ކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބަކުން މޮޅުވާނީ ކޮންމެވެސް އެއްބަޔެއް ކަމަށާއި ބަލިވާ ބަޔަކަށް މަލާތްމާތް ކުރުމަކީ ކޮންގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް އޭނާ ކަންތައް ނުކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިރޭގެ އިންތިޚާބުން ރާއްޖެ ބަލިވުމުން އެކަމަށް މަލާމާތް ކުރުމަކީ އަމިއްލަ ގައުމަށް ޖޯކު ޖެހުން ކަމަށެވެ. ގައުމުގެ ވެރިކަމުގައި ހުންނެވީ ކޮންމެ ބޭފުޅަކަށް ވިޔަސް އެއްވެސް މީހަކު ތިމާގެ އަމިއްލަ ގައުމަށް ޖޯކު ޖަހައިގެން ނުވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިންޑޮނޭޝިޔާ އާއި ރާއްޖޭގެ ކުރިމަތިލުން މިރޭ އިންޑޮނޭޝިޔާ ކާމިޔާބު ކޮށްފައި ވަނީ 144 ވޯޓު ހޯދައިގެންނެވެ. 190 މެމްބަރު ގައުމަކުން ވޯޓުގައި ބައިވެރިވިއިރު ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. މިރޭގެ ނާކާމިޔާބީއަށް ފަހު ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އދ. ގެ ސަލާމަތީ މަޖިލިސް ކަހަލަ މުހިންމު މަޖިލިސް ތަކުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ފުރުޞަތު ނުލިބުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި ނަމަވެސް މިރޭގެ ނާކާމިޔާބަކީ ކުދި ގައުމުތަކުން މި މަޖިލީހަށް ވާދަނުކުރަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ކުރިމަގުގައި އދ. ގެ ސަލާމަތީ މަޖިލީހުގައި ކުދި ގައުމުތަކަށްވެސް ތަމްސީލު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ރާއްޖެއިން ވަނީ ބުނެފައެވެ.

ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ބުނީ މިރޭގެ ވޯޓުން ބަލިވި ނަމަވެސް އދ. ގައި މުހިންމު މައްސަލަތާކާމެދު ރާއްޖެއިން ކުރިޔަށް އޮތްތަނުގައިވެސް ބަހުސް ކުރަމުންދާނެ ކަމަށެވެ. މިރޭގެ ވޯޓުގެ ކުރިން ރާއްޖެ އާއި އިންޑޮނޭޝިޔާއިންވެސް ވަނީ ވަރަށް ފޯރިއާއެކު ކެމްޕޭން ކުރިޔަށް ގެންގޮސްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.