
މިރޭ އދ. ގެ އާންމު މަޖިލީހުގައި ނެގުނު އެ މަޖިލީހުގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ރާއްޖެއިން އިންޑޮނޭޝިޔާއާ ވާދަކޮށް އެންމެ 46 ވޯޓު ރާއްޖެއަށް ލިބުމުން ރާއްޖެ ވެއްޓިގެން ގޮސްފައިވާ ދަރަޖަ ސާފުވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަރަން ކުރި ކެމްޕޭނަށް ފަހު މިރޭ އިންޑޮނޭޝިޔާ އަތުން ބަލިވި ފަހުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2008 ވަނަ އަހަރު އެމަނިކުފާނު ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން 2019 އަދި 2010 ވަނަ އަހަރުގެ ދައުރަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެ ކުރިމަތިލާން ހުށަހެޅުއްވީ ފަޚްރުވެރި ކަމާއެކުގައި ކަމަށެވެ.
ޝާހިދުގެ އިތުރުން ކުރިން ރައީސް ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ދުންޔާ މައުމޫންވެސް ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަކޮށް ރާއްޖެއަށް ނާކާމިޔާބު ކުރިމަތިވުމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ.
ދުންޔާ ވިދާޅުވީ މިރޭގެ ވޯޓުން އެނގިގެން ދިޔައީ ރާއްޖެއިން އިސްލާޙު ތަކެއް ގެންނަން ޖެހިއްޖެ ކަމެވެ. މީގެކުރިން އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހަށް ރާއްޖެ ކުރިމަތިލައި، ދެފަހަރަށް އެ މަޖިލީހުގެ މެމްބަރުކަން ރާއްޖެއަށް ކަށަވަރު ކުރެވިފައިވާކަން ފާހަގަ ކުރައްވައި ދުންޔާ ވިދާޅުވީ މި ވޯޓުގެ ނަތީޖާ ދެއްކި ގޮތުން ރާއްޖެއިން ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު އަލުން އުފުލަން މިހާރު މިވަނީ ޖެހިފައެވެ. އަދި ރާއްޖޭގައި އަދުލްއިންސާފުގެ ނިޒާމެއް ބައްޓަން ކުރަންޖެހިފައިވާކަންވެސް އެނގިގެން ހިނގައްޖެ ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.
އިންޑޮނޭޝިޔާ އާއި ރާއްޖޭގެ ކުރިމަތިލުން މިރޭ އިންޑޮނޭޝިޔާ ކާމިޔާބު ކޮށްފައި ވަނީ 144 ވޯޓު ހޯދައިގެންނެވެ. 190 މެމްބަރު ގައުމަކުން ވޯޓުގައި ބައިވެރިވިއިރު ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. މިރޭގެ ނާކާމިޔާބީއަށް ފަހު ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އދ. ގެ ސަލާމަތީ މަޖިލިސް ކަހަލަ މުހިންމު މަޖިލިސް ތަކުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ފުރުޞަތު ނުލިބުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި ނަމަވެސް މިރޭގެ ނާކާމިޔާބަކީ ކުދި ގައުމުތަކުން މި މަޖިލީހަށް ވާދަނުކުރަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ކުރިމަގުގައި އދ. ގެ ސަލާމަތީ މަޖިލީހުގައި ކުދި ގައުމުތަކަށްވެސް ތަމްސީލު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ރާއްޖެއިން ވަނީ ބުނެފައެވެ.
ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ބުނީ މިރޭގެ ވޯޓުން ބަލިވި ނަމަވެސް އދ. ގައި މުހިންމު މައްސަލަތާކާމެދު ރާއްޖެއިން ކުރިޔަށް އޮތްތަނުގައިވެސް ބަހުސް ކުރަމުންދާނެ ކަމަށެވެ. މިރޭގެ ވޯޓުގެ ކުރިން ރާއްޖެ އާއި އިންޑޮނޭޝިޔާއިންވެސް ވަނީ ވަރަށް ފޯރިއާއެކު ކެމްޕޭން ކުރިޔަށް ގެންގޮސްފައެވެ.