ރަނިންމޭޓަކު ހަމަޖައްސާނީ އެންމެ ފަހުވަގުތު: އުމަރު

މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ކުރިމަތި ލައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވާ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓު ހަމަޖައްސަވާނީ އެންމެފަހު ވަގުތު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އޭނާގެ ރަނިންމޭޓަކަށް އަލްހާން ފަހުމީ ހަމަޖައްސަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ހިމެނޭ ވާހަކަތަކެއް ނޫން ކަމަށެވެ. "އަހަރެން އަދި ރަނިންމޭޓެއް ހަމަނުޖައްސަން. އެކަން ނިންމާނީ އެންމެފަހުވަގުތު،" އުމަރު ވިދާޅުވިއެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރުވަނީ އޭނާ އެންމެފަހުން ހުންނެވި ޖުމްހޫރީޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.

އޭނާ މިހާރު ގެންދަވަނީ ރިޔާސީ މެނިފެސްޓޯ ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އޭނާގެ މެނިފެސްޓޯ ބިނާކުރައްވަނީ މައިގަނޑު 7 ކަމެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެއްކަމަކީ "ހެޔޮ ހިޔާ" ގެ ނަމުގައި އަގުހެޔޮކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމެވެ. އޭގެ އިތުރަށް މަތީތައުލީމް ހިލޭ ފޯރުކޮށްދެއްވުމާއި، އިސްލާމްދީ ފުރިހަމައަށް ހިމާޔަތް ކުރެއްވުމާއި، ރާއްޖެއިން މަސްތުވާތަކެތީގެ ވަނާ ނައްތާލުން ނުވަތަ މަދުކުރުމާއި، ރައްޔިތުންނަށް ފައިދާވާނެ ކުޑަ އަދި ޚަރަދުގެ ގޮތުންވެސް ކުޑަ ސަރުކާރެއް އެކުލަވައި ލެއްވުމަކީ އޭނާގެ މެނިފެސްޓޯގައި ހިމަނަން ނިންމާފައިވާ ބައެއް ކަންކަމެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އޭނާ ނިންމެވީ ޖުމްހޫރީޕާޓީގައި ހުންންވައިގެންނެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމެވި މައިގަނޑު ސަބަބަކީ ގުޅިފައިވާ ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަން ކަށަވަރުވުމުން ކަމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.