ރޯދައިގެ ފިލާވަޅު 24: ރަމަޟާން މަސް ނިމުމުގެ ކުރިން ފަސް އެނބުރި ބަލައިލުން

"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ކޮންމެ نفس އެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ عمل އެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްޙަޝްރު: 18)

އިންސާނާއަކީ މާތް ﷲ ވަކި މަޤްޞަދަކަށްޓައި މި ދުނިޔެއަށް ފޮނުއްވި މަޚްލޫޤެކެވެ. އެއީ އެކަލާނގެއަށް އަޅުކަންކުރުމެވެ. ދުނިޔެ އާބާދުކޮށް އިމާރާތްކޮށް، ދިރިއުޅުން ބިނާކުރުމަށް ކުރެވޭ މަސައްކަތަކީ މި މަޤްޞަދު ހެޔޮ ގޮތުގައި ހާސިލުކުރުމަށްޓަަކައި ރަނގަޅު ހަޔާތެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެވެ.

އެހެންކަމުން، ބުއްދިވެރިއަކީ ތިމާ މި ދުނިޔޭގެ ދަންފަޅި ހަމަކޮށް އާޚިރަތުގެ ގޮވައްޗަށް ދަތުރުކުރުމުގެ ކުރިން ތިމާއަށް އުޅެވުނީ އަޅުކަންކުރުމުގެ މަގްސަދާއި އެއްގޮތަށް ތޯ ބަލާމީހާއެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން ތިމާއަށް އެދުވަހު ކުރެވުނު އަމަލުތައް ބަލައި ހިސާބުކޮށް އަނެއް ދުވަހު އިސްލާހުކުރަން އޮތް ކަމެއް އިސްލާހުކުރަން އަޒުމު ކަނޑައަަޅާމީހާއެވެ.

މިހާރު މުސްލިމުން އަލްވަދާއު ކިޔަން ތައްޔާރުވަމުން މިދާ ރަަމަޟާން މަހަކީ މިގޮތަށް ފަސް އެނބުރި ބަލައި ތިމާގެ ނަފުސު ހިސާބުކޮށްލަން ރަނގަޅު ފުރުސަތެކެވެ. ރަަމަޟާން މަހުގައި ތިމާއަށް އަަމަލުކުރެވިފައި ހުރީ ކިހިނެއްތޯ ބަލައިލުމަކީ މުހިއްމު ކަމެކެވެ. ލަސްނުކޮށް ރަމަޟާން މަހުން އަދިވެސް މަދު ދުވަސްކޮޅެއް ނަމަވެސް ބާކީ އޮެއްވައި ނަފުސު ހިސާބުކޮށްލެވިއްޖެނަމަ، އަޅުކަމުގެ މި މޫސުން ނިމުމުގެ ކުރިން ތިމާގެ އަމަލު އިސްލާހުކޮށް، ގޯސްކޮށް ކަން ކުރެވިފައިވާނަމަ ތައުބާވެ، އަދިވެސް މިމަހުގައި ޒިކުރުކޮށް، ޤުރްއާން ކިޔަވައި ރޭއަޅުކަން ކުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮންމެ ދުވަހަކީ ވެސް އަދި ކޮންމެ މަހަކީވެސް ތިމާގެ ނަފުސު ހިސާބުކުރުމުގެ ވަގުތަކަށް ވިޔަސް، ރަމަޟާން މަހުގައި އެކަން މުހިއްމު ވަނީ އެއީ ތައުބާ ޤަބޫލުކުރެއްވުމުގެ ފުރުސަތު ބޮޑު، އަޅުކަމަށް އެތައް ގުނަައަށް ދަރުމަ ދެއްވާ މައްސަރަކަށް ވާތީއެވެ. އެހެންކަމުން ބުއްދިވެރިއަކީ ތިމާ މިހާ ހިސާބަށް ކަންކޮށްފައިވާ ގޮތް ފަސް އެނބުރި ބެލުމަށް ފަހު، މި ރަނުގެ ފުރުސަތުގެ ފައިދާ ހޯދުމަށް އަވަސްވެގަންނަ މީހާއެވެ. ދުނިޔޭގެ އެދުންތައް ފަހަތަށް ޖައްސާލައި މި ފުރުސަތުގައި އާޚިރަތަށްޓަަކައި މަސައްކަތްކުރުން އިތުރު ކުރާ މީހާއެވެ. އައްތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ފަދައިންނެވެ. "ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާ ބުއްދިވެރިއަކީ  ތިމާގެ ނަފުސު ހިސާބުކޮށް މަރުވުމަށް ފަހު އޮތް ދުނިޔެއަށްޓަކައި މަސައްކަތްކުރާ މީހާއެވެ." މިކަން ކުރުމަށް ރަމަޟާން މަހަށް ވުރެ ވަކިން ރަނގަޅު ދުވަސްވަރެއް ނުއޮންނާނެއެވެ. އެހެންކަމުން، މިމަސް ފަހަނައަޅައި، ކުރިއަށް ދިއުމުގެ ކުރިން ފަސް އެނބުރި ބަލައި، ތިމާ ރަނގަޅުކުރަން ޖެހޭ ކަމެއް އޮތް ނަމަ އެކަމެއް ރަނގަޅުކުރުމަކީ މުހިއްމު ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.