އިލެކްޝަނާއި އެމްޑީޕީން ބަސްބުނެފި، އަޅާނީ ކޮންފިޔަވަޅެއް؟

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ އެންމެ ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެކަން އިލެކްޝަންސް ކޮމިޝަނަށް އެނގުމާއެކު އެދިޔައީ ސިޓީއެކެވެ. ޝަރުތު ހަމަނުވާ ބޭފުޅަކު ބައިވެރިކޮށްގެން ޕްރައިމަރީ ނުބޭއްވުމަށް އަންގައިފައެވެ.

ރައީސް ނަޝީދަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަކަށް ވާތީ ޝަރުތު ހަމަނުވަނީއެވެ. ރައީސް ނަޝިދު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފި ކަމަށްވާނަމަ ޕްރައިމަރީ ގާބޫލު ނުކޮށް އެމްޑީޕީ އުވާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އީސީ އިން ދެއްވިއެވެ.

މި އިންޒާރާއެކު ވެސް ތާވަލާ އެއްގޮތަށް އެމްޑީޕީން ޕްރައިމަރީ ބާއްވައިފިއެވެ. ޕްރައިމަރީ ހުއްޓުވުމަށް ކޯޓު އަމުރެއްވެސް އޮއްވައެވެ. އެހެން ކަމުން އެމްޑީޕީގެ ޖެހިލުން ކުޑަކަމާއި ކެރުންތެރި ކަމަށް އެޕާޓީގެ އާންމު މެންބަރުގެ ތައުރީފް އޮހިގެންދިޔައެވެ. ހަމަ އެގޮތަށް ކޯޓު އަމުރަކާ ދެކޮޅަށް އަމަލުކުރީތީ އެޕާޓީއަށް ފާޑުކިޔުންތައްވެސް އަމާޒުވިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ފޮޓޯ ސޯޝަލް މީޑިއާ

ވޯޓުލުން ހުއްޓުވުމަށް ސިވިލް ކޯޓުން އަމުރުއައީ އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތިންނެވެ. އެއަމުރު ތަންފީޒު ކުރުމަށް ފުލުހުން ނުކުތެވެ. ވޯޓުލާ މަރުކަޒު ތަކަށް ގޮސް ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް ވެސް ގެންދިޔައެވެ. އެކަމަކު އެމްޑީޕީން ބުނެފައިވަނީ ފުލުހުންނަށް ގެންދެވިފައިވަނީ އޭގެވެސް ބައެއް ކަމަށެވެ.

ފޯޓުލުން ހުއްޓުވަން ފުލުހުން މަސައްކަތް ފެށުމުން ދެން ފެނުނީ ވޯޓުފޮށިތައް ހިފައިގެން ދޮރުންދޮރަށް އެމްޑީޕީ ސަޕޯޓަރުން ހިނގަން ފެށިތަނެވެ. ތިމަންނަމެނަށް ގޮތެއް ހުހެއް ނުވާނެ ކަމަށް ބުނަމުންނެވެ. ސޯޝަލް މީޑިއާހައި ދައުރުވަމުން އަންނަ ފޮޓޯ ތަކާއި ވީޑިއޯ ތަކަށް ބަލާއިރު ބައެއް މީހުން ޖޯކުޖެހި ފޮޓޯތައްވެސް ފެނުނެވެ. ކޮންކްރީޓް މެޝިނަށް ވޯޓުލާ މަންޒަރާއި، ބާޒާރު ކޮތަޅަށް ވޯޓުލާ މަންޒަރުވެސް ފެނުނެވެ. ބައެއް މީހުން އެކަން ޖޯކަކަށް ނެގިޔަސް އެއީ އެ ޕާޓީއަށް ގޮތް ހުސްނުވާނެކަން ދައްކަން ގަސްތުގައި ކުރިކަންކަން ކަމަށްވެސް ވެދާނެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ފުލުހުން ވޯޓުފޮށިތައް ގެންދިޔަސް ބަދަލުގައި ބޭނުން ކުރެވޭނެ ފޮށިތައް މަރުކަޒުތަކުގައި ހުރިކަމަށެވެ. ބެކަޕެއް އޮތް ކަމަށެވެ. އެހެންވެ ތާވަލާ އެއްގޮތަށް ޕްރައިމަރީ ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެޕާޓީއަށް ގޮތް ހުސްނުވާނެ ކަމަށެވެ. ރިޔާސީ ޕްރައިމަރީ ނިމުނީ ހަމައެކަނި ކުރިމަތި ލެއްވި ކެންޑިޑޭޓު ރައީސް ނަޝީދަށް ކާމިޔާބު ލިބިގެންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިންމައިލީ އިލެކްޝަންސް ކޮމިޝަން "ހިތުގައި ޖައްސައިފައި" އެވެ. ސިވިލް ކޯޓުން ނެރުނު އަމުރަށް ގޮންޖަހައިލައިފައެވެ. އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ޕްރައިމަރީއާ އިލެކްޝަނުން ބެހިގެން ނުވާނެ ކަމަށެވެ. ޕާޓީގެ އެތެރޭގެ ކަމަކަށް ވާތީއެވެ. ސިވިލް ކޯޓުން ނެރެފައިވާ ހުކުމުގައި "މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ" ގެ ބަދަލުގައި "މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ" ޖެހިފައި އޮތުމުން އެއީ އެމްޑީއަށް ރައްދުވާ އަމުރެއް ކަމަށް އެޕާޓީއަކުން ގަބޫލެއް ނުކުރެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ފޮޓޯ ސޯޝަލް މީޑިއާ

މިހުރިހާ ކަމަކާހެދި ދެން އޮތީ އެމްޑީޕީއަށް ފިޔަވަޅު އެޅުމެވެ. އެޅެން އޮތީ ދެ ފިޔަވަޅެކެވެ. އެއީ ސިޔާސީ ޕާޓީގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ޕާޓީ އުވައިލުމުގެ ހަމަތަކަށް ރިއާޔަތް ކޮށް ހައިކޯޓު މެދުވެރިކޮށް ޕާޓީ އުވައިލުމެވެ. ދެން އޮތީ 49 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ކުރުމެވެ.

އިލެކްޝަންސް ކޮމިޝަނަރު އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އެމްޑީޕީ އުވާލަން ހައިކޯޓަށް ހުށަހެޅުމަކީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އެކަމަކު ފަހުން އޭނާ ވިދާޅުވީ އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާ ކުރާނީ އާދީއްތަދުވަހު ބާއްވާ ބައްދަލުވުމުގައި ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ ޕާޓީ އުވައިލިޔަސް އެފިކުރެއް އުވައިނުލެވޭނެ ކަމަށެވެ. އަދި ހަރަކާތްތައްވެސް ވަޅުނުޖެހޭނެ ކަމަށެވެ. "ޕާޓީ އުވައިލައްފިނަމަ ފެންނާނީ މިހާރަށް ވުރެވެސް ބޮޑަށް ހަރަކާތްތެރިވާ ބައެއް. ކެންޕޭންތައްވެސް މެކުހަށްޖަހައިފައި ކުރިއަށް ގެންދެވޭނެ. ޕާޓީ އުވައިނުލާނެ ކަމަށް އެއްފަހަރުވެސް ނުވިސްނަން. ސަރުކާރުގެ އަމަލުތައް ހުރިގޮތުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ،" އެމްޑީޕީގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް އިލެކްޝަނުން ވިދާޅުވުމުން އެކެއް ފެބުރުއަރީގެ މަޝްހޫރު ހުކުމާ ހަވާލާދީ އެމްޑީޕީން ބުނެފައިވަނީ ރައީސް ނަޝީދަކީ މިނިވަނެއް ކަމަށެވެ. އެހެންކަމުން އިންތިޚާބުތަކުގައި ވާދަ ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ސްޕްރީމް ކޯޓުން ފަހުން ވަނީ އެކެއް ފެބުރުއަރީގެ އަމުރުގައިވާ 9 ގައިދީން މިނިވަންކުރަން އޮތްބައި ބާތިލްކޮށް އަމުރެއް ނެރެފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވަނީ އެމްޑީޕީން ބަލަނީ ހަމައެކަނި އެކެއް ފެބުރުއަރީގެ އަމުރަށް ކަމަށެވެ. އެ ބާތިލްކުރި އަމުރަށް އެޕާޓީން ނުބަލާ ކަމަށެވެ.

މިހާރު މިވަނީ އިލެކްޝަނުންނާއި އެމްޑީޕީން ވެސް ބަސްބުނެފައެވެ. އާޚިރުގައި އެޕާޓީއާ މެދު އަޅާނެ ފިޔަވަޅަކާމެދު ލައްކަ ބަޔަކު އިންތިޒާރުގައި އެބަތިއްބެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.