އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިހާރުވާނީ ހުއްޓުވާފައި: އިލެކްޝަން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓު ދެއްވަނީ: ޝައުނާ

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިހާރުވާނީ ހުއްޓުވައިފައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ވޯޓުލުން ހުއްޓުވައިފައިވަނީ މީގެ 45 ވަރަކަށް މިނިޓު ކުރިން ނެރުނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެވަނީ ފުލުހުންގެ ކިބައިން އެދިފައެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިންވެސް ރައީސް ނަޝީދު ބައިވެރި ކުރައްވައިގެން އެކަން ނުކުރުމަށް އެމްޑީޕީއަށް އަންގާފައިވާނެ ކަމަށެވެ. އެގޮތަށް އެންގެވީ ރައީސް ނަޝީދަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން ވަނީ އެއަށް ތަބާ ނުވެ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފައެވެ.

މިކަމާ ބެހޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވަނީ ރައީސް ނަޝީދު ޕްރައިމަރީގައި ވާދަ ކުރުމަށް ހުރަސް އަޅާ އެއްވެސް ގަވާއިދެއް އެމްޑީޕީއަކު ނެތް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނަށް ޕްރައިމަރީގައި ވާދަ ކުރެވެން ވާނެ ކަމަށެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު އެމަނިކުފާނުގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ގާނޫނީ ފޯމަށް ބެއްލެވުމަށްފަހު އޭގައި މައްސަލަ އުޅޭ ކަމަށްވާނަމަ އިލެކްޝަންސް ކޮމިޝަނަށް ބަސް ބުނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން މިހާރު ވަނީ އައްޑޫސިޓީގައި ބަހައްޓައިފައިވާ ވޯޓު ފޮށިތައްވެސް ނަގައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.