ހެއްވާ: ނޮވެމްބަރު ތިނެއް

ނޮވެމްބަރު ތިނެކޭ ބުނީމާ ކޮން އަހަރެއްގެ ނޮވެމްބަރު ތިނެއް ކަން ނޭނގިގެން ސުވާލު ކުރާނޭ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. ރާއްޖޭގެ އެންމެން ހަނދާން ހުންނަ ނޮވެމްބަރު މަހަކާއި ތިން ވަނަ ދުވަހެއް އޮންނަނީ 1988 ވަނަ އަހަރު އެކަންޏެވެ. އެ ދުވަހަކީ ދިވެހީންގެ ހިތުން ފިލައިގެން ނުގޮސް އެތައް ދުވަހެއް ވާންދެން ހުންނާނޭ ބިރުވެރި ދުވަހެކެވެ. އެ ދުވަސް ބިރުވެރި ދުވަހަކަށް ވީ ނަމަވެސް އެ ދުވަހު ހިނގައި ދިޔަ ހެއްވާ ކަންތައްތައްވެސް މަދެއް ނޫނެވެ.

ބޭރުގެ ނޫހެއްގައި ލިޔެފައި އޮތެވެ. "ދޮރާށި ދޮށުގައި އިން މުސްކުޅި އަންހެނެކެވެ. ތަމަޅައަކު އެ މީހާޔާ ދިމާއަށް ބަޑި ދިއްކޮށްފައި ގޭތެރެއަށް ވަންނާށޭ ބުނެފިއެވެ. އެ މީހާ ހުރި ތަނުން ގުޑައިވެސް ނުލިއެވެ. އެ މީހާ ދެތިން ފަހަރު މިހެން ބުނެފައި ފައި ބުޑަށް ބަޑި ޖަހައިފިއެވެ. ބަޑި ޖެހީމާ އަންހެންމީހާ ބުނި ކަމަށް ވެއެވެ. "އުނދަގޫ ނުކޮށް ދުރަށް ދާށެވެ." އެވަރުންވެސް ގޭތެރެއަށް ވަންނާކަށް ނޫޅުނެވެ."

މި ކަހަލަ އެތައް ޙާދިސާއެއް އެ ދުވަހު ހިނގިއެވެ. މީހަކު އަޅުގަނޑަށް ކިޔައިދިން ޙާދިސާއެއްގެ ވާހަކަ ދަންނަވައިލާނެމެވެ.

ފަޅު ތެރޭގައި އޮތް ދޯންޏެކެވެ. ދޯނީގައި ތިބީ ތިން މީހުންނެވެ. ހެނދުނު ގާތްގަނޑަކަށް އަށެއް ޖެހި އިރެވެ. އެ މީހުން ކޮންމެވެސް ތަނަކަށް ދާން ވެގެން ދޯނި އިސްޓާޓު ކޮށްފައި ނެރުން ނެރެން ވެގެން އުޅެނިކޮށް އެއްގަމު ތޮށިގަނޑު މަތީގައި ހުރި ތަމަޅަ ބާޣީއަކަށް މި މަންޒަރު ފެނިއްޖެއެވެ.

އޭނާ އެ މީހުންނަށް އޭތް އޯތް ގޮވައި ހަޅޭއް ލަވައިގެންފިއެވެ. ދޯނިން އެކަކު ކިހިނެއްވީހޭ އަހައިލީމާ، އެ އެހީ ކީކޭކަން ނުވެސް އެނގި އޭނާއަށް އެނގޭ ކަށި އިނގިރޭސިން ބުންޏެވެ. "ދޯނި ނެރުން ނެރެގެން ނުވާނެއެވެ. އިންޖީނު ނިއްވައިލާށެވެ."

ދޯނީގައި ތިބި މީހުންނަށް އޭނާ ބުނި އެއްޗެއް އޮޅުން ފިލީ ދެ ތިން ފަހަރު ބުނީމައެވެ. ދޯނީގެ ކައްޕިތާނަކަށް ހުރީ ވަރަށް ބޯ ހަރު، ގޮތް ދޫ ނުކުރާ މީހެކެވެ. އޭނާ ބުންޏެވެ. "އަހަރެމެންގެ ދޯންޏެއް ނެރެގެން ނުވާނެއޭ ބުނަން ކަލޭ ތިޔައީ ކާކު ހެއްޔެވެ؟ އެހެން އަހަރެމެންނަކަށް އަމުރެއް ނުކުރެވޭނެއެވެ."

ތިމަންގެ އަމުރެއް ނުހިނގިކަން ތޮށިގަނޑުމަތީގައި ހުރި މީހާއަށް އެނގުނީމާ ދޯންޏާ ދިމާއަށް ބަޑި ޖަހައިފިއެވެ. އުންޑަ އެރީ ކުނބުކަތްޕަށެވެ. ކައްޕިތާނު ސަލާމަތްވީ ކިރިޔާއެވެ. އޭނާ އަރައިގަތް ރުޅީގައި ބުންޏެވެ. "ކަލޯ ނިކަން ދެކެން ހުންނާށެވެ. ތިޔަހެން ބަޑި ޖަހާފައި ސަލާމަތް ވެގެންނެއް ނުދެވޭނެއެވެ. މި ދަނީ ސިފައިންގެއަށް ރިޕޯޓު ކުރާށެވެ." މިހެން ބުނެފައި އިންޖީނު ނިއްވައިލުމަށްފަހު  ދޯނީގެ ނަގިލި ވައްޓައިލިއެވެ. ދެން ފެނުނީ އޭނާ މޫދަށް ފުންމައިލި ތަނެވެ. ދޯނި ނެރުން ނުނެރެ ބޭއްވީމާ އެއްކަލަ ތަމަޅަ ކަލޭގެ އޭނާ އައި ދިމާއަކަށް އެނބުރި ހިނގައްޖެއެވެ.

ކައްޕިތާނު އެއްގަމަށް އަރައިގެން މިސްރާބު ޖެހީ ސިފައިންގެއާ ދިމާއަށެވެ. އަތިރިމަތިން ރައީސް އޮފީހާ ހަމައަށް ދެވުނު ތަނާ ދެތިން މީހުން އައިސް އޭނާ އޮބަހައްޓައިފިއެވެ. ދަމާފައި ގެންދިޔައީ މިހާރު ޖުމްހޫރީ މައިދާން އެ އޮތް ތަނަށެވެ. އެ ތަނަށް ގެންގޮސް ގުދަށް ބާއްވާފައި ބުރިކަށިމައްޗަށް އެ އެރުވީ ބަޑިއެކެވެ. އޭނާ އެ ދުވަހާއި އެރޭގެ ހަތަރު ދަމު އޮތީ ބަޑި ހަރެއްގެ ގޮތުގައި ތަމަޅައިންގެ ބާރުގެ ދަށުގައެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.