ހެއްވާ: ބިލު ބޮޑު ވެގެން ޖެހުނު މައްސަލަ

ޖަންކަޝަން ހޮޓަލަކީ މާލޭގައި ހުރި ވަރަށް މަޝްހޫރު ހޮޓަލެކެވެ. މި ހޮޓާ ހުރީ މަޖީދީ މަގާއި، ޗާނދަނީ މަގާ ގުޅޭ ހަތަރު އަނގޮޅީގެ އެއް ކަންމަތީގައެވެ.

ބާޒާރުމަތީގެ ފިހާރަތަކުގައި އުޅޭ މީހުން ރޭގަނޑު ފިހާރަ ލެއްޕުމަށް ފަހު އެންމެ ގިނައިން ސައި ބޯން ދާ ހޮޓާ ތަކުގެ ތެރޭގައި ޖަންކްޝަން ހޮޓާ ހިމެނެއެވެ.

ޒުހުރީ އަކީ ވެސް މަޖީދީމަގުގެ ފިހާރައެއްގެ ސޭޓެކެވެ. ފިހާރަ ފިހާރައިގެ ސޭޓުންނަށް ތިބޭ މީހުންނަށް ސައި ބޯން ވަކި މިންވަރަކަށް ފައިސާ ދިނުމަކީ ބައެއް ފިހާރަވެރިން ކޮށް އުޅޭ ކަމެކެވެ. އެހެންވީމާ ސޭޓުން ސައި ބޯނީ އެ ބަޖެޓަށް ފައްތައިގެންނެވެ.

އެއް ރެއަކު ޒުހުރީ އޭނާގެ ރައްޓެއްސަކު ގޮވައިގެން ޖަންކްޝަން ހޮޓަލަށް ސައި ބޯން ހިނގައްޖެއެވެ. ޒުހުރީ ހުރީ އެ ރޭ ނުކައި ކަމަށް ވާތީ އޭނާ ގަސްތު ކުރީ އަތުން ކުޑަ ފައިސާ ކޮޅެއް ލައިގެން ނަމަވެސް ރަނގަޅަށް ކައިލާށެވެ. އެހެންވީމާ ބަތަކާއި، ރިހައެއް ނަގައިގެން ކާން އިށީނދެއްޖެއެވެ. އޭނާގެ ރަޙްމަތްތެރިޔާ ނެގީ ފިނި ކުރި ދަޅެކެވެ. އެ ދަޅު ނެގީމާ ޒުހުރީގެ ބޮލުގައި ކުޑަކޮށް ރިއްސައިވެސް ލިއެވެ. އެހެން ނަމަވެސް އޭރު ކާން ފެށިފައި ވާތީ ކުރާނެ ކަމެއް ނެތީމާ އަޅައި ނުލީއެވެ.

ކައި ނިމިގެން ބިލު ގެނައި އިރު ކަމަކު ދާކަށް ނެތެވެ. ކަނޑައެޅި ބަޖެޓަށް ވުރެ މާ ބޮޑު ވެއްޖެއެވެ. ބިލު ހަދާފައި އޮތް ގޮތާ މެދު ޒުހުރީގެ ހިތުގައި ޝައްކުވެސް އުފެދިއްޖެއެވެ. އެހެންވީމާ ބިލު ހިފައިގެން ކޮށިގަނޑުގެ ކައިރިއަށް ހިނގައްޖެއެވެ. ހޮޓަލުގެ ސޭޓަށް ބިލު ދައްކާފައި އަހައިލިއެވެ.

"ސޭޓާ- މި ބިލު ރަނގަޅުތަ-؟"

"އާނ- ބިލު އޮންނާނީ ރަނގަޅަށް-"

ދެ ސޭޓުންގެ މެދުގައި ބިލާ މެދު ކުޑަކުޑަ އަރައިރުމެއް ފެށިއްޖެއެވެ. ޒުހުރީ ބުނި ގޮތުގައި އެ ދެ މީހުން ކެއި އެއްޗިއްސަކަށް އެހައި ބޮޑު ޢަދަދެއް އަރައިގެން ނުވާނެއެވެ. އެންމެ ފަހުން ސޭޓު ރުޅި އައިސްގެން އެ މޭޒުމަތި ބެލެހެއްޓި ވޭޓަރަށް ގޮވައި ގެނެސްފިއެވެ.

"މިތިބަ ދެ މީހުން ކެއި އެއްޗެއް ނިކަން ތަފުސީލުކޮށް ކިޔައި ދީބަލަ-"

އޭނާ ޖަވާބު ދިނެވެ.

"މީނާ ނެގީ ފިނި ކުރި ދަޅެއް- އޭނާ ނެގީ ބަތަކާ ބީޗުރޯޑަކާ-"

ސޭޓު ހިސާބު ހަދަހަދައި ހުރެފައި ކުއްލިއަކަށް ހުއްޓައިލިއެވެ.

"ބަތަކާ ކޮން އެއްޗަކާއޭ-؟"

ވޭޓަރު ތަންކޮޅެއް ލަސް ލަހުން ބުނެލިއެވެ.

"ބަތަކާ ބީޗު ރޯޑަކާ-"

ސޭޓު ޒުހުރީއާ ދިމާއަށް ބަލައިލިއެވެ.

"ކޮބާ ކިހިނެއް ހީވޭ-؟ ބަލަ އެ އޮތް ބޮޑު ބީޗު ރޯޑު ކާލާފައި ތިޔަ އުޅެނީ ބިލަށް އެރި ވަރު ބޮޑު ވެގެންތަ-؟" (ބީޗު ރޯޑަކީ މިހާރުގެ ބޮޑުތަކުރުފާނު މަގަށް އިހަށް ކިޔާ ނަމެވެ.)

ޒުހުރީއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ވެގެން އުޅޭ ގޮތް ވިސްނުނީ ސޭޓު ކިޔައި ދިނީމައެވެ. ބީޗު ރޯޑޭ އެކިޔާ އެއްޗެއް އެނގުނީ އޮޅުން ފިލުވައި ދިނީމައެވެ. ބީޗް ރޯޑަކީ ބީޓްރޫޓެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.