﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ﴾ [البقرة: 186]
"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." (އަލްބަޤަރާ: 186)
އިސްވެދިޔަ އާޔަތަކީ ރޯދަ ރަމަޟާން މަހުގެ ރޯދައިގެ ވާހަކަ އައިސްފައިވާ އާޔަތާއި ވިދިގެން އައިސްފައިވާ އާޔަތެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމުން ދޭހަކޮށްދެނީ ރަމަޟާން މަހުގެ ރޯދައާއި ދުޢާއާއި އޮތް ގުޅުމެވެ. އަދި ރޯދައަށް ހުރެ ކުރާ ދުޢާ އިޖާބަކުރެއްވުން ގާތް ކަމެވެ.
ދުޢާއަކީ ހުރިހާ ވަގުތެއްގައިވެސް ކުރެވޭ މާތް އަޅުކަމެކެވެ. އަދި އަޙްމަދު އާއި އައްތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވާގޮތުގައި "މާތް ﷲގެ ޙަޟްރަތުގައި އެދި ނުދަންނަވާ މީހާދެކެ މާތް ﷲ ކޯފާވެވޮޑިގަންނަވައެވެ." އެހެންކަމުން، މާތް ﷲއަށް ގިނަގިނައިން ދެންނެވުމަކީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ގޮތެވެ.
ރަމަޟާން މަހަކީ އަަހަރުގެ ތެރޭގައި އަަންނަ އަޅުކަމުގެ ބޮޑު މޫސުންކަމުގައި ވީތީ އެ މޫސުމާ ދުޢާއާ ދެމެދު އޮތް ގުޅުން ބޮޑެވެ. އެ މޫސުމުގައި ކުރެވޭ އަޅުކަމުގެ އެންމެ ކުރީގައި ދުޢާ ހިމެނޭނެއެވެ. ރަމަޟާން މަހުގެ ފަހު ދިހައަކީ މި އަޅުކަމުގެ މޫސުމުގެ ތެރެއިންވެސް ޚާއްޞަކަން ބޮޑުވެގެންވާ ދުވަސްކޮޅެކެވެ. އެހެންކަމުން، ފަހު ދިހައިގައި މާތް ﷲ ދެއްވާ މަތިވެރި ދަރުމައާއި ފާފަފުއްސެވުން ލިބިގަތުމަށްޓައި ވީހާވެސް ގިނައިން އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވަން ވީއެވެ. އެހެނީ، ދުޢާ އިޖާބަކުރެއްވުން އެދޭ މީހާ ބަލަންެޖެހޭ ކަންކަމުގެ ތެރޭގައި ދުޢާ ކުރެވޭ ވަގުތަކީ އިޖާބަކުރައްވާ ވަގުތަކަށް ވުން ހިމެނޭއިރު، ރަމަޟާން މަހުގެ ފަހު ދިހައަކީ އެފަދަ ވަގުތެކެވެ.
ދުޢާ ކުރާއިރު އެންމެ ބޮޑަށް ވިސްނަންޖެހޭ އެެހެން ކަންކަމަކީ ފާފަތަކާއި ދުރުހެލިވެ، ހެޔޮ ޢަމަލު ގިނަކޮށް ނަފުސު ޠާހިރުކުރުމަށް އަޒުމުކަނޑައެޅުމާއި، އަޑުހަރު ނުކޮށް ސިއްރުން ދުޢާކުރުމާއި، މާތް ﷲއީ ދުޢާ އިޖާބަކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެ ކަމުގެ ޔަޤީންކަން ހިތުގައި ބާއްވައިގެން ދުޢާކުރުމެެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގައި ކުރެވޭ އެންމެ ކުރު އަދި އެންމެ މާނަ ފުން އެއް ދުޢާއަކީ ލައިލަތުލް ޤަދްރިގައި ވިދާޅުވުމަށް ރަސޫލުﷲ صلى الله عليه وسلم ޢާއިޝާ رضي الله عنها އަށް އުނގަންނަވައި ދެއްވި ދުޢާއެވެ. އެ ދުޢާއަކީ اللَّهُمَّ إنَّكَ عَفُوٌّ كَرِيمٌ تُحِبُّ العَفْوَ فَاعْفُ عَنِّي (އަޅުގެ ވެރިރަސްކަލާނކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުުއްސަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ފާފަފުއްސެވުމަށް ލޯބިވެވޮޑިގަންނަވަމުއެވެ. އެހެންކަމުން، މިއަޅާގެ ފާފަފުއްސަވައި ދެއްވާނދޭވެ!) މި ދުޢާ ފަހު ދިހައިގެ ކޮންމެ ދުވަހަކުވެސް ކުރެވޭނެއެވެ. ލައިލަތުލް ޤަދްރި އަކީ ކޮބައިކަން ކަނޑައެޅިގެން ނޭނގޭތީއެވެ.