ހެއްވާ: ނަރުހުންގެ ޚިދުމަތް ލިބޭ ހޮޓަލެއް

ބޭރު ބަހެއް ދަސް ކުރުމަކީ ވަކި ޢުމުރެއްގައި ކުރެވޭ ކަމެއް ކަމަށް ބުނެވެއެވެ. ކުޑަ އިރު ކިތަންމެ ގިނަ ބަހެއް ދަސްކޮށް ދިނަސް ދަސް ކުރާނެއެވެ. އެކަމަކު ޢުމުރުން ގިނަ ދުވަސްވެ، މީހާ ހަރު ވީމާ ސިކުނޑީގައި ހުންނަ ބަސް ދަސް ކުރާ ބައި ބަންދު ވަނީއެވެ. އޭގެ ފަހަކުން އެ ބަޔަކަށް އެއްވެސް އެއްޗެއް ނުވަންނާނެއެވެ. ޅަ ފުރައިގައި މި ބައިގެ ހުރިހައި ދޮރެއް ހުންނަނީ ހުޅުވިފައެވެ. އެހެންވީމާ ބަސް ދަސް ކުރަން ފަސޭހަ ވަނީއެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދިވެހިބަސް ރަނގަޅަށް ދަސް ނުކުރެވޭ ސަބަބަކީ އެއީ ކަމަށް ވެދާނެއެވެ. އަޅުގަނޑުމެން ދިވެހިންނަކީ ވަރަށް ނަސީބު ގަދަ ބައެކެވެ. ދިވެހިންގެ ސިކުނޑީގައި ހުންނަ "ބަހުގެ ގޮޅީ" ގެ ދޮރުތައް ބަންދެއް ނުވެއެވެ. ހުޅު ހުޅުގައި ދަބަރު ޖަހައިފައި ހުންނާތީ ކަމެއް ނުވަތަ ހުޅު ނުހުންނަނީ ކަމެއް ނޭނގެއެވެ. އެނގޭ ވަރަކީ ބަންދު ނުވާ ކަމެވެ.

ބޭރު ކަރަކަރައިގައި އެ ތަންތާނގެ މީހުން އިނގިރޭސި ބަހުން ވަހަކާ ދައްކާ ގޮތަށް މަލާމާތް ކުރެވެއެވެ. ރާއްޖޭގައިވެސް ކޮންމެވެސް ވަރަކަށް އެކަން އޮވެއެވެ. އިނގިރޭސި ބަހަކީ ވަރަށް ޚާއްސަ ބަހެކޭ ވަރަށް ގިނައިން ހިތަށް އަރައެވެ. އެއީ އިނގިރޭސި ފިޔަވައި އެހެން ބަހަކުން ވާހަކަ ދައްކާއިރު ކޮރުކަން ފެނުނަސް އެއީ މާ ބޮޑު ކަމަކަށް ގިނަ މީހުން ނުހަދާތީއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ގެ ތެރޭގައި އުޅޭ އެންމެންނަކީ ކިޔަވައިގެން އުޅޭ ބައެއް ނޫނެވެ. ބައެއް މީހުންނަކީ "އަލިފުބާ" ވެސް ނުދަންނަ މީހުންނެވެ. ކިޔަވައިގެން ހުއްޓަސް ބައެއް ފަހަރަށް ތިމާގެ އަމިއްލަ ބަހުގެ ނުފޫޒު އޮންނަލެއް ބޮޑު ކަމުން އިނގިރޭސި ބަހުން ވާހަކަ ދައްކާ އިރު އެ ބަހުގެ އަސަރު މާ ބޮޑަށް ފާޅުވާ ތަން  އާދެއެވެ. ޚާއްޞަކޮށް ބައެއް އަކުރު ނުކިޔޭތީ ނުކުންނަ މައްސަލަތައް ފާހަގަ ކުރެވެއެވެ. މިސާލަކަށް އަވަށްޓެރި ގައުމެއްގެ މީހުން އިނގިރޭސި ބަހުން ނުވަތަ އެހެން ބަހަކުން ވާހަކަ ދެއްކިޔަސް ޒަވިޔަނި ކިޔަނީ ޖަވިޔަނީގެ އަޑުންނެވެ. އެކަމަކު އެ މީހުންގެ ބަހުގައިވެސް ޒަވިޔަނި އޮވެއެވެ!

އެއް ދުވަހަކު އަޅުގަނޑު ރައްޓެއްސަކާ އެކީ މާލޭގެ ރަނގަޅު ރެސްޓޯރަންޓަކަށް ކާން ހިނގައްޖައީމެވެ. އެ ރެސްޓޯރަންޓްގައި ވޭޓަރުންނަށް ތިބެނީ މި ދެންނެވި ގައުމުގެ މީހުންނެވެ. ކައި ނިމުނު ތަނާ ވޭޓަރަކު އައިސް އަހައިފިއެވެ.

"ނަރުސް ބޭނުންތަ-؟"

އޭނާ ކީ އެއްޗެއް އަޅުގަނޑަށް އޮޅުން ނުފިލީއޭ ހިތައި ކީކޭ ހެއްޔޭ އަހައިފީއެމެވެ. އޭނާ އަނެއްކާވެސް އަހައިލިއެވެ.

"ނަރުސް ބޭނުންތަ-؟"

އަޅުގަނޑުގެ ހައްޓަކު ހެއެއް ނެތެވެ. ހިތަށް އެރިއެވެ. މިއީ ހާދަހާވާ ރަނގަޅު ރެސްޓޯރަންޓެކެވެ. ކައި ނިމުނީމާ މި އޮތީ ނަރުހުން ގެނެސްދޭ ގޮތަށެވެ. މިއީ ހިންދީ ފިލްމުގައި އެ ކިޔާ ގޮތަށް "ޝަރާބް އައުރް ޝަބާބް" (މަސްތާއި ރީތިކަން) ލިބޭ ރެސްޓޯރަންޓަކީތާއެވެ. އަވަހަށް ނަރުސް ގެންނާށޭ އަޅުގަނޑު ބުނެފީމެވެ.

އޭނާ ހިނިތުން ވެލާފައި ހިނގައްޖެއެވެ. އިރުކޮޅަކުން އެނބުރި އައީ ދުފާ އެއްޗިހި ހިފައިގެންނެވެ. އޭނާ ކުރި ސުވާލު އަޅުގަނޑަށް އޮޅުން ފިލީ ދެނެވެ. އޭނާ އެހީ ދުފާ އެއްޗިހި ބޭނުންތޯއެވެ. އާދެ، "ނަޓްސް" ބޭނުންތޯއެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.