ސަރުކާރުން އަނިޔާވެރި ވަނީ ހަމައެކަނި ސިޔާސީ މީހުންނަށް ނޫން: އަމީން

މިހާރުގެ ސަރުކާރުން "އަނިޔާ" ވެރިވަނީ ހަމައެކަނީ ސިޔާސީ މީހުންނާއި އެމީހުންގެ އާއިލާތަކަށް އެކަނި ނޫންކަމަށާއި އެންމެ އާދައިގެ މީހުންނާއި އެމީހުންގެ އާއިލާތަކަށްވެސް މި ސަރުކާރުން ގެންދަވަނީ އަނިޔާވެރިވަމުން ކަމަށް ޖޭޕީގެ ޑެޕިޔުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޖޭޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގުބޮޑު ކުރުމަކީ އަނިޔާއެއް ކަމަށާއި ރައްޔިތުން ދެކެ ލޯބިވާނަމަ އަގުބޮޑުކޮށް އެއްޗެއްހި ގަންނަން ޖެހިފައިވާޖެހުން ހައްލުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަންކަމަކީ މީހަކު ނުވަތަ ބަޔަކުކުރާ ކަމެއް ނޫންކަމަށާއި އެއީ ސީދާ ސަރުކާރުން ބައެއް ކަންކަމާއި ޚިދުމަތްތަކަށް ގެނައި ބަދަލުގެ ސަބަބުން އައި ބަދަލެއް ކަމަށެވެ. އަގު ބޮޑުވުމުން މަދު މުސާރަ ލިބޭމީހުންނަށް ދެކޮޅު ނުޖެއްސޭ ކަމަށާއި ދެންޖެހެނީ ސަލާން ޖަހަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް އެއްތައް ބަޔަކު "ހުރަގެއަށް" ލައިގެން އުޅޭ އުޅުމަކީ މިފަދަ ރޯދަމަހެއްގައި ރިވެތި އަޚުލާގު ދެއްކެވުމެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ އެންމެނަކީވެސް ނުހައްގުން ޖަލަށްލައިފައިވާ ބައެއް ކަމަށާއި، ހިތެއް އޮތް ބަޔަކު ނުވަތަ ބޭފުޅަކު މިފަދަ މާތް މައްސަރެއްގައި މިފަދަ އަމަލެއް ނުހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ތަރައްގީގެ ނަންބޯޑު ދައްކައިގެން ކުރިމަކަމަކީ ރައްޔިތުން އަޅުވެތި ކުރުން ކަމަށާއި އެއީ ރައްޔިތުން ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއްނޫން ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.