މޫސުން ބަދަލުވެ، ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުކުރުދުވަހާ ހަމައަށް އެގައުމުން 16 މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ.
ވިއްސާރައިގައި ގެއްލުން ލިބުނު އާއިލާތަކުގެ 126،00މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިކަމަށް ވެސް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެފައިވެއެވެ.
އެކަމާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ލަންކާގެ ޑިޒާސްޓަރމެނޭޖްމެންޓް ސެންޓާރުގެ ތަރުޖަމާނު ޕްރަދީޕް ކޮޑައްޕިލި ވިދާޅުވެފައިވަނީ، އިތުރަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށާއި، ވިއްސާރައިގެ ސަބަބުން ގެއްލުން ވެފައިވާ ސަރަހައްދު ތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންނާއި، އާންމު އެހީތެރިކަންދޭ ފަރާތްތަކުން މެދު ކެނޑުމެއްނެތި މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ތަރުޖަމާނު ވިދާޅުވެފައިވަނީ، އުތުރު ޕޮއްޓުވިލި، ލަންކާގެ އުތުރު ސަރަހައްދު، ކޮލަމްބޯ، ގާލޭ އަދި ހަމްބަންޓޯޓާއަށް ގަޑިއަކު 60-70 މޭލުގެ ބާރު މިނުގައި ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެސަރަހައްދުތަކުން ކަނޑާއި އެއްގަމު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށެވެ.
ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެގައުމުގެ ދެކުނު އަދި އުތުރު މެދުތެރޭ ހިސާބުތަކުން ވަނީ 4000 ގެ ހަލާކުވެފައެވެ.
މި ވިއްސާރައިގައި ލަންކާގެ ގިނަ ކޯރުތަކުގެ ފެންގަނޑު ބޮޑުވުމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވެސް ވަނީ ރައްކާތެރި ސަރަހައްދު ތަކަށް ބަދަލުކޮށްފައެވެ.
ލަންކާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން މޫސުމާ ބެހޭގޮތުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވަނީ،ގާލޭ، މަޓާރާ ޑިސްޓްރިކްޓް، އަދި އެގައުމުގެ ހުޅަނގާއި މެދުތެރޭ ސަރަހައްދު ތަކަށް 100-150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.
މިދިޔަ އަހަރުގެ ދެކުނު ހުޅަނގު މޫސުމުގައި ލަންކާއަށް ކުރި ވިއްސާރައިގައި ވަނީ 200 މީހުން މަރުވެ 78 މީހުން ގެއްލިފައެވެ.