
ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ކަމެއް ދިމާވެގެން ރިޕޯޓުކޮށްފައެއް ނެތް ކަމަށާއި އެ ގައުމުގައި ދިރިއުޅޭ ހުރިހައި ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ ލަންކާގައި ދިމާވެގެން އުޅޭ ހާލަތާއި ގުޅިގެން ފޮރިން މިނިސްޓްރީއާއި، ލަންކާގައި ހުންނަ ދިވެހި އެމްބަސީންވެސް ކައިރިން މިކަންކަން ބަލަމުންދާ ކަމަށެވެ. އަދި ލަންކާގެ އިޤްތިޞާދީ ހާލަތާއި، ހުރި ގޮންޖެހުންތައް ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ.
ދިވެހީން އަބަދު ވެސް ލަންކާގައި ހުންނަ އެމްބަސީން އަންގާ އެންގުންތަކަށް ބޯލަބައި، އަމަލު ކުރަންދާނެ ކަމަށާއި ސަރުކާރުން ލަންކާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ ގައުމުގައި ދިރިއުޅޭ ދިވެހީންނަށް އެހީތެރިކަން ދޭންޖެހޭ ފަދަ ހާލަތެއް އައިސްފިނަމަ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިހާރުވެސް ލިބޭ ގޮތަށް ލިބޭނެ ކަމަށް ވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ސްރީލަންކާގެ އިޤްތިޞާދީ ހާލަތު ގޯސްވެ، ބޮޑެތި ހަމަނުޖެހުންތައް އަންނަނީ ހިނގަމުންނެވެ. އަދި އެޤައުމުގެ ބޮޑުވަޒީރާއި ރައީސް ވެސް އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.
މުޒާހަރާ ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ ސްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިޢުފާ ނުދެއްވަނީސް، އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތައް ހުއްޓައި ނުލާނެ ކަމަށެވެ.
މުޒާހަރާތައް ފެށުމުގެ ކުރިން ރާޖަޕަކްސް ފިއްލަވާފައިވާއިރު، އިސްތިޢުފާ ދޭން ނިންމެވި ކަން އިޢުލާނު ކުރެއްވުން ފިޔަވައި، ޤައުމުގެ ހާލަތާ ގުޅޭ ގޮތުން އިތުރު ވާހަކަފުޅެއް އަދިދައްކަވާފައެއް ނެތެވެ. ބޮޑުވަޒީރު ވިކްރަމަސިންހަގެ އޮފީހުން ވެސް ހަމައެކަނި ބުނެފައި ވަނީ އޭނާ ވެސް އިސްތިޢުފާ ދެއްވާނެ ކަމުގައެވެ.